Roadha Mihaaru

ވިލުފުށި އަލިފާނުގެ ހާދިސާގައި ފިހުނު، ދޯނީގެ ވެރިފަރާތް ފަރުވާއަށް މާލެ ގެންނަނީ

ތ. ވިލުފުށީގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ދޯނީގެ ވެރިފަރާތް، އިތުރު ފަރުވާ އަށް މާލެ ގެންނަން ނިންމައިފި އެވެ.

ވިލުފުށިން ފިހުނު، ދޯނީގެ ވެރިމީހާ ފަރުވާއަށް މާލެއަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

01 ޖުލައި 2025

ތ. ވިލުފުށީގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ދޯނީގެ ވެރިފަރާތް، އިތުރު ފަރުވާ އަށް މާލެ ގެންނަން ނިންމައިފި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، ބަނދަރުގައި އަޅާފައި އޮތް ތެޔޮ އުފުލާ ދެ ދޯނީގައި ރޯވެ، ދެ މީހަކަށް އަނިޔާވި ކަމަށެވެ. އެއީ، އެ ދޯނީގެ ވެރިފަރާތާއި ދޯނީގައި މަސައްކަތްކުރާ ބިދޭސީއެކެވެ.

ރޯވުމާ އެކު، އެ ދެ މީހުން ވަގުތުން ވިލުފުށީ ހެލްތު ސެންޓަރަށް ގެންދިޔަ އެވެ. ނަމަވެސް، ރަށުން ފަރުވާ ދެވެން ނެތުމުން ވެރި ފަރާތް މާލެ ފޮނުވާލަން ނިންމީ އެވެ.

"ދޯނީގެ ވެރިފަރާތުގެ ހާލު އެހާ ސީރިއަސް އެއް ނޫން. އެކަމަކު، މި ކޮޅުން ފަރުވާ ނުދެވޭތީ ފޮނުވާލަނީ އިތުރު ފަރުވާ އަށް،" ވިލުފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ކައުންސިލުން ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވީ އަލިފާން ރޯވީ ޕެޓްރޯލް ފުލްކޮށް ހުއްޓައި ޕަމްޕު ޖެއްސުމުން ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އެ މީހާގެ ތެޔޮ ދޯންޏެއްގައި މީގެ ދެ އަހަރު ކުރިން ވެސް ރޯވެ ގެއްލުން ލިބުނެވެ. އެކަމަކު، އެ ހާދިސާގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.