Roadha Mihaaru

ފްލެޓުގައި ރޯވި ހާދިސާގައި 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ހުޅުމާލެ 1 ގެ ފްލެޓެއްގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު އަލިފާން ރޯވި ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ފްލެޓުގައި ރޯވި ހާދިސާގައި 21 މީހަކަށް ބޯހިޔާވަހިކަން
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

13 ޖުލައި 2025

ހުޅުމާލެ 1 ގެ ފްލެޓެއްގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު އަލިފާން ރޯވި ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އަލިފާން ރޯވެފައި ވަނީ "ޗައިނާ ފްލެޓް" 94 ގެ ދެ ވަނަ ފްލޯގެ ތިން ވަނަ އެޕާޓްމެންޓުގަ އެވެ. އެ ތަނުގައި ދިރިއުޅުނީ 11 ބިދޭސީންނެވެ. އެންޑީއެމްއޭއިން ބުނީ އެ ހާދިސާއާ ގުޅިގެން ދުމާއި ފެނުގެ އަސަރުކޮށްގެންނާއި އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިގެން ހަތަރު އެޕާޓްމަންޓަކުން މީހުން ހުސްކުރަން ޖެހުނު ކަމަށެވެ. އަދި އެ ތަންތަނުގައި ދިރިއުޅެމުންދިޔަ 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ވެސް ބުންޏެވެ.

އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވާއިރު، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނީ ބިދޭސީން ދިރިއުޅޭ އެތަނުގައި މީގެ ކުރިން ވެސް ދެ ފަހަރަށް އަލިފާން ރޯވި ކަމަށެވެ. އެހެންވެ އެތަން އާންމުންނަށް ބޮޑު ނުރައްކަލަކަށް ވެފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ.

ރޯވި އެޕާޓްމަންޓަށް ވަނީ ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އަދި ސޯޝަލް މީޑިއާގައި އާންމުވި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެންމެ ބޮޑަށް ރޯވެފައި ހުރި ވަގުތު ކުޑަދޮރުން އަލިފާންގަނޑު ބޭރަށް ވެސް ނުކުމެފައި ހުއްޓެވެ.

އެމްއެންޑީއެފުން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި ބަންކް ބެޑް ޖަހައި ގިނަ ބަޔަކަށް ނިދޭ ގޮތަށް ހަދާފައިވާ އެތަނުގައި ރޯވުމުގެ ސަބަބުން ގޮދަޑިތަކާއި އެތަނުގައި ހިފާ ގެންގުޅޭ އެހެން ބައެއް ތަކެތި ވެސް ވަނީ އަނދައިފަ އެވެ. އަދި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ހުއްޓެވެ.