Roadha Mihaaru
ގުދުސް ގަރާރަށް ތާއީދުކުރި ގައުމުތަކަށް އެހީ ކަނޑާލަނީ

ގުދުސް ގަރާރަށް ތާއީދުކުރި ގައުމުތަކަށް ދޭ އެހީ އެމެރިކާ އިން ކަނޑާލަނީ

21 ޑިސެމްބަރ 2017

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން އިއުތިރާފްވުމުން އެކަމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައި އެ ގަރާރަށް ތާއީދުކުރި ގައުމުތަކަށް، އެމެރިކާ އިން ދެމުން އައި މާލީ އެހީ ކަނޑައިލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޒާރު ކުރައްވައިފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން އިއުތިރާފްވުމުން އެކަމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައި އެ ގަރާރަށް ތާއީދުކުރި ގައުމުތަކަށް، އެމެރިކާ އިން ދެމުން އައި މާލީ އެހީ ކަނޑައިލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޒާރު ކުރައްވައިފި އެވެ.

ބައިނަލްއަގުވާމީ މުޖްތަމައާ ދެކޮޅަށް، ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ރަސްމީކޮށް އިއުތިރާފްވެ އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމަށް ނިންމި ކަން ރައީސް ޓްރަމަޕު އިއުލާން ކުރެއްވީ މި މަހުގެ 6 ވަނަ ދުވަހު އެވެ. ޓްރަމްޕުގެ އެ ނިންމެވުމަކީ ބާތިލު ނިންމެވުމެއް ކަމަށް ބަޔާންކުރާ ގަރާރެއް، މިދިޔަ ހޯމަ ދުވަހު މިސްރުން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމުން އެމެރިކާ ވަނީ އެ ގަރާރު ވީޓޯ ކޮށްފަ އެވެ.

"އެމީހުން އަހަރެމެންގެ އަތުން އެތައް ސަތޭކަ މިލިއަން ޑޮލަރެއް އަދި އެތައް ބިލިއަން ޑޮލަރެއް ވެސް އެބަ ނަގާ. އެ ހުރިހާ ފައިސާއެއް ނަގާފައި ވޯޓު ވެސް މި ދެނީ އަހަރެމެންނާ ދެކޮޅަށް،" ވައިޓް ހައުސްގައި އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕު ވިދާޅުވި އެވެ.

"އަހަރެމެންނާ ދެކޮޅަށް ވޯޓު ދޭން އެމީހުން ބައިތިއްބާ. އަހަރެމެންނަށް ވަރަށް ގިނަ ފައިސާ ސަލާމަތް ކުރެވޭނެ. އަހަރެމެންގެ ފަރުވާލެއް ނެތް."

މިދިޔަ ހޯމަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހުގައި އދ.ގެ ސަފީރު ނިކީ ހާލޭ، ގުދުސްގެ ގަރާރު ވީޓޯ ކުރަނީ. އޭއެފްޕީ

މިދިޔަ ހޯމަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހުގައި އދ.ގެ ސަފީރު ނިކީ ހާލޭ، ގުދުސްގެ ގަރާރު ވީޓޯ ކުރަނީ. އޭއެފްޕީ

ޓްރަމްޕު މި މޭރުމުން ގައުމުތަކަށް މި އިންޒާރު ދެއްވީ، ސަލާމަތީ މަޖިލީހުގައި ގުދުސްގެ ގަރާރު ފެއިލް ކޮށްލުމުން، އެ މައްސަލައިގައި އދ.ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވަން ތާވަލު ކޮށްފައި ވަނިކޮށެވެ. މިއަދުގެ ބައްދަލުވުމަށް އެ ގަރާރު އަލުން ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

ގުދުސާ ބެހޭ ގޮތުން މިސްރުން ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުގައި އެމެރިކާގެ ނަމެއް އަދި ޓްރަމްޕުގެ ނަމެއް ވެސް ބަޔާން ކޮށްފައެއް ނުވެ އެވެ. އެ ގަރާރުގައި ބުނެފައި އޮންނަނީ، ގުދުސާ ބެހޭ ގޮތުން ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށާއި އެ ނިންމުން އަނބުރާ ގެންދަންޖެހޭނެ ކަމަށެވެ.

އެ ގަރާރާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހުގައި ކުރި ބަހުސްގައި ވެސް އެމެރިކާގެ ސަފީރު ނިކީ ހޭލީ ވަނީ، އެމެރިކާގެ ނިންމުމާ ދެކޮޅަށް ވޯޓުދޭ ގައުމުތައް އެމެރިކާ އިން ފާހަގަކުރާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ.

މެދުއިރުމަތީގެ މައްސަލަ ދިރާސާ ކުރާ މީހުން ބުނާ ގޮތުގައި ޑިިޕްލޮމަސީ އާއި މަޝްވަރާގެ އުސޫލުން ކަންތައް ހައްލު ކުރުމުގެ ބަދަލުގައި އެމެރިކާ ބޭނުންވަނީ މުލައްދަނޑީގެ ބާރުގައި ގައުމުތައް ލައްވައި އެމެރިކާ އަށް ތާއީދު ކުރުވާށެވެ. އެމެރިކާ ދެކޭ ގޮތުގައި ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ކަނޑައަޅައި، އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރުމަކީ އެމެރިކާގެ ސިޔާދަތީ ހައްގެކެވެ.

މަސްޖިދުލް އަގްސާ އާއި ރަން ގުއްބު ލާފައި ހުންނަ މަސްޖިދު ގުއްބަތުއް ޞަޚްރާ ފެންނަ ގޮތަށް ނަގާފައިވާ އިރުމަތީ ގުދުސްގެ ފޮޓޯއެއް.

މަސްޖިދުލް އަގްސާ އާއި ރަން ގުއްބު ލާފައި ހުންނަ މަސްޖިދު ގުއްބަތުއް ޞަޚްރާ ފެންނަ ގޮތަށް ނަގާފައިވާ އިރުމަތީ ގުދުސްގެ ފޮޓޯއެއް.

ނަމަވެސް އދ.ގެ ގިނަ ގައުމުތައް އެ ގޮތް ގަބޫލެއް ނުކުރެ އެވެ. އެމެރިކާގެ އެންމެ ގާތް އެކުވެރިން ވެސް އެމެރިކާގެ އެ ނިންމުން ބަލައެއް ނުގަނެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެ އިރުމަތީ ގުދުސް އަޅުވެތި ކުރީ 1967 ވަނަ އަހަރު ކުރި ހަނގުރާމައިގެ ތެރޭގަ އެވެ. އެ ބިން އަޅުވެތި ކުރުމަށް ފަހު އިޒްރޭލުން ދައުވާ ކުރަމުން އަންނަނީ މުޅި ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމުގަ އެވެ.

ނަމަވެސް އިޒްރޭލުގެ އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި އިރުމަތީ ގުދުސުން އިޒްރޭލު ސިފައިން ފޭބުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން މީގެ ކުރިން ވަނީ އެތައް ގަރާރެއް ފާސް ކޮށްފަ އެވެ. ނަމަވެސް އެމެރިކާގެ ތާއީދާއި މަދަދާ އެކު، އިޒްރޭލުން ދަނީ އެ ގަރާރުތަކަށް ފާޅުގައި ދެކޮޅު ހަދަމުންނެވެ.