Roadha Mihaaru
ރަޝިޔާ ސިފައިންގެ އެއް ބަޔަކު ސީރިޔާ އިން ފައިބައިފި

ރަޝިޔާ ސިފައިންގެ ފުރަތަމަ ފައުޖު ސީރިޔާ އިން ފައިބައިފި

13 ޑިސެމްބަރ 2017

ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި އެ ގައުމުގެ ސަރުކާރަށް މަދަދު ދިނުމަށް ރަޝިޔާ އިން ފޮނުވާފައިވާ ސިފައިންގެ ތެރެއިން އެނބުރި ގައުމަށް ދާ ފުރަތަމަ ފައުޖުގެ ސިފައިން މިއަދު ސީރިޔާ އިން ރަޝިޔާ އަށް ހިނގައްޖެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި އެ ގައުމުގެ ސަރުކާރަށް މަދަދު ދިނުމަށް ރަޝިޔާ އިން ފޮނުވާފައިވާ ސިފައިންގެ ތެރެއިން އެނބުރި ގައުމަށް ދާ ފުރަތަމަ ފައުޖުގެ ސިފައިން މިއަދު ސީރިޔާ އިން ރަޝިޔާ އަށް ހިނގައްޖެ އެވެ.

ރަޝިޔާ ސިފައިން ސީރިޔާ އިން ފައިބަން މި ފެށީ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިދިޔަ ހޯމަ ދުވަހު ސީރިޔާ އަށް ކުރެއްވި ކުއްލި ދަތުރުފުޅުގައި، ރަޝިޔާ ސިފައިން ސީރިޔާ އިން ފޭބުމުގެ ވަގުތު ޖެހިފައިވާ ކަން އިއުލާން ކުރެއްވުމާ އެކުގަ އެވެ.

ސީރިޔާ އިން ރަޝިޔާ ސިފައިން ބޭލުމުގެ މަސައްކަތް ކުރިއަށް ދާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ބާލަން ހަމަޖެހިފައިވާ ބައެއް ސިފައިންނާއި ބައެއް އަސްކަރީ އުޅަނދުތައް އިއްޔެ އެނބުރި ރަޝިޔާ އަށް ގޮސްފައިވާ އިރު، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ވެސް އިތުރު ސިފައިން އެނބުރި ގައުމަށް ދާނެ ކަމަށް ރަޝިޔާ އިން ބުނެ އެވެ.

ރަޝިޔާ ސިފައިން ސީރިޔާ އިން ފޭބުމަށް ރައީސް ޕުޓިން އަމުރުކުރެއްވި ނަމަވެސް، ރަޝިޔާގެ ހުރިހާ ސިފައިން ސީރިޔާ އިން ނުފައިބާނެ ކަމަށްވެ އެވެ. އެއީ ސީރިޔާގެ ދާޚިލީ ހަނގުރާމަ އަދިވެސް މުޅިން ނުނިމޭތީ އެވެ. ރަޝިޔާ ސިފައިން ސީރިޔާ އަށް އައީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.

ސީރިޔާގެ ޚުމެއިމީމްގައި ގާއިމުކޮށްފައިވާ ރަޝިޔާގެ ވައިގެ ސިފައިންގެ މަރުކަޒުގައި ހަނގުރާމަމަތީ ބޯޓުތަކެއް ޕާކް ކޮށްފައި.

ސީރިޔާގެ ޚުމެއިމީމްގައި ގާއިމުކޮށްފައިވާ ރަޝިޔާގެ ވައިގެ ސިފައިންގެ މަރުކަޒުގައި ހަނގުރާމަމަތީ ބޯޓުތަކެއް ޕާކް ކޮށްފައި.

ރަޝިޔާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ސީރިޔާގައި އޮތް ރަޝިޔާގެ ލަޝްކަރުގެ ތިން ބައިކުޅަ ދެ ބައި ސިފައިންނާއި އަސްކަރީ ސާމާނު، މަހެއްހާ ދުވަހުގެ ތެރޭގައި ސީރިޔާ އިން ރަޝިޔާ އަށް ދާނެ އެވެ. ނަމަވެސް ސީރިޔާގައި ތިބީ ރަޝިޔާގެ ކިހާ ސިފައިންނެއް ކަމެއް ކަށަވަރެއް ނުވެ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ސީރިޔާ އަށް ފޮނުވާފައިވަނީ ރަޝިޔާގެ 10،000 ސިފައިންނެވެ. އޭގެ އިތުރުން ކޮންޓްރެކްޓް އުސޫލުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ ކުންފުނިތައް ވެސް ރަޝިޔާގައި ހަރަކާތްތެރިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވީ ރަޝިޔާ ސިފައިން ސީރިޔާ އިން ފޭބިޔަސް، ސީރިޔާގައި ހުރި ރަޝިޔާގެ ވައިގެ ސިފައިންގެ މަރުކަޒު ޚުމައިމިމް އާއި ކަނޑުގެ ސިފައިންގެ މަރުކަޒުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ.

ރަޝިޔާ ސިފައިން ސީރިޔާ އިން ބާލަން މި ފެށީ، ސީރިޔާގެ ބޮޑު ބަޔަކަށް އަތް ގަދަކޮށްގެން އުޅުނު އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންގެ ބާރު ކަނޑުވާލައި ސީރިޔާ މިނިވަން ކުރެވިއްޖެ ކަމަށް، މިދިޔަ ބުރާސްފަތި ދުވަހު މޮސްކޯ އިން އިއުލާން ކުރުމަށް ފަހު އެވެ. ނަމަވެސް އައިއެސްގެ ކުދި ގުރޫޕްތައް މިހާރު ވެސް ސީރިޔާގެ ބައެއް ކުދިކުދި އަވަށްތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެ އެވެ.

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނުކުމެ 2011 ވަނަ އަހަރު ކުރަން ފެށި މުޒާހަރާތައް ފުޅާވެ ދާޚިލީ ހަނގުރާމައަކަށް ބަދަލުވި އިރު، ބައްޝާރުގެ ދިފާއުގައި މަދަދު ފޯރުވައިދެމުން އައީ ރަޝިޔާ، އީރާން އަދި ތުރުކީ ވިލާތުންނެވެ. ވިލާތުގެ ގައުމުތަކާއި އަރަބި ގިނަ ގައުމުތަކާއި އެމެރިކާ ވެސް މަސައްކަތް ކުރީ ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިކަން ދީގެން ބައްޝާރުގެ ވެރިކަން ބަދަލުކޮށްލުމަށެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 400،000 މީހުން މަރުވެފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު މިލިއަނުން ގުނެ އެވެ. އަދި ހަނގުރާމައިގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި ސީރިޔާ އިން ނުކުތް މީހުންގެ އަދަދު އެތައް މިލިއަނަކަށް އަރަ އެވެ.