Roadha Mihaaru
ކުރުދީންނަށް އަސްކަރީ މަރުކަޒެއް ނުހަދަން: ރަޝިޔާ

ސީރިޔާގެ ކުރުދީންނަށް އަސްކަރީ މަރުކަޒެއް ހަދައެއް ނުދެން: ރަޝިޔާ

21 މާޗް 2017

ސީރިޔާގެ އުތުރުގައި އުޅޭ ކުރުދީ ހަނގުރާމަވެރިންނަށް ރަޝިޔާ އިން އަސްކަރީ މަރުކަޒެއް ގާއިމުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ކުރުދީ ހަނގުރާމަވެރިން ބުނާ ބުނުންތައް ރަޝިޔާ އިން ދޮގުކޮށްފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ސީރިޔާގެ އުތުރުގައި އުޅޭ ކުރުދީ ހަނގުރާމަވެރިންނަށް ރަޝިޔާ އިން އަސްކަރީ މަރުކަޒެއް ގާއިމުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ކުރުދީ ހަނގުރާމަވެރިން ބުނާ ބުނުންތައް ރަޝިޔާ އިން ދޮގުކޮށްފި އެވެ.

ސީރިޔާގެ ކުރުދީ އަސްކަރީ ޖަމާއަތެއް ކަމަށްވާ (ވައިޕީޖީ) އިން ބުނާ ގޮތުގައި ރަޝިޔާ އިން ގާއިމުކޮށްދޭ އަސްކަރީ މަރުކަޒު ބޭނުންކުރާނީ އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަސްކަރީ ތަމްރީންތައް ދިނުމަށެވެ. ނަމަވެސް ރަޝިޔާ އިން ބުނާ ގޮތުގައި ސީރިޔާގައި އިތުރު އަސްކަރީ މަރުކަޒެއް ގާއިމުކުރުމުގެ އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.

ރަޝިޔާ އިން ބުނާ ގޮތުގައި ކުރުދީންގެ ސަރަހައްދުގައި މިހާރު ހުރި އަސްކަރީ މަރުކަޒު ވެސް ބޭނުންކުރާނީ ސީރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ސުލްހަ ގާއިމުކުރުމަށް މަޝްވަރާ ކުރާ ތަނެއްގެ ގޮތުގަ އެވެ. ކުރުދީންނަށް އަސްކަރީ މަރުކަޒެއް ގާއިމުކޮށްދޭ މައްސަލަ ފެންމަތިވެފައިވާ މި ދަނޑިވަޅުގައި ސީރިޔާ ސަރުކާރުގެ ސިފައިން ދަނީ ވެރިރަށް ދިމިޝްގު ކައިރީގައި ކުރުދީންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ކުރުދީންގެ ވައިޕީޖީ ޖަމާއަތުން ބުނާ ގޮތުގައި ސީރިޔާގެ އުތުރުގައި އޮންނަ އަފްރީން ސަހަރުގައި އަސްކަރީ މަރުކަޒެއް ގާއިމުކުރުމުގެ އެއްބަސްވުމެއް ރަޝިޔާއާ އެކު އެކުލަވަލީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ އެއްބަސްވުމުގެ ދަށުން ރަޝިޔާގެ ސިފައިންގެ ބަޔަކު މިހާރު ވަނީ އެ ތަނަށް އައިސްފަ އެވެ. އަދި ރަޝިޔާގެ އަސްކަރީ އުޅަނދުތައް ވެސް މިހާރު އެ ސަރަހައްދަށް ގެނެސްފި އެވެ.