Roadha Mihaaru
އެމެރިކާ ސިފައިން ސީރިޔާ އިން އަވަހަކަށް ނުފައިބާނެ

އެމެރިކާ ސިފައިން ސީރިޔާ އިން އަވަހަކަށް ނުފައިބާނެ

27 އޮކްޓޯބަރ 2021

ސީރިޔާގައި ތިބި އެމެރިކާ ސިފައިން، އަވަސް މުސްތަގުބަލެއްގައި އެ ގައުމުން ނުފައިބާނެ ކަމަށް، އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ސީރިޔާގައި ތިބި އެމެރިކާ ސިފައިން، އަވަސް މުސްތަގުބަލެއްގައި އެ ގައުމުން ނުފައިބާނެ ކަމަށް، އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ސީރިޔާގައި މިހާރު ވެސް އެމެރިކާގެ 900 އަށް ވުރެ ގިނަ ސިފައިން އެބަތިއްބެވެ. ސީރިޔާގެ އިރުއުތުރު ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ މައިގަނޑު މަސައްކަތަކީ، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް، ކުރުދީންގެ ސީރިއަން ޑިމޮކްރެޓިކް ފޯސަސް ކިޔާ ލަޝްކަރުން ދޭ ހަމަލާތަކަށް، މަދަދު ފޯރުވުމެވެ.

އެމެރިކާ އިން ސީރިޔާގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތުގެ މައުލޫމާތު އެނގި ހުރި އޮފިޝަލަކު އަލްޖަޒީރާ އަށް ވިދާޅުވި ގޮތުގައި، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އަފްގާނުން އެމެރިކާ ސިފައިން ބޭލުމަށް ފަހުގައި، ސީރިޔާގައި ތިބި އެމެރިކާ ސިފައިން ފައިބާނެ ކަމަށް ބެލެވުނަސް، އެފަދަ ސިޔާސަތެއް އަދިއެއް ނެތެވެ.

ސީރިޔާ އަށް އެމެރިކާ ސިފައިން އެންމެ ފުރަތަމަ ފޮނުވީ، އައިއެސް ޖަމާއަތް، 2014 ވަނަ އަހަރު އިރާގާއި ސީރިޔާގެ ސަރަހައްދުތަކެއް ހިފުމާ ގުޅިގެން އެ އަހަރުގެ ތެރޭގަ އެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ފޮނުވައި އެމެރިކާ ސިފައިންގެ މައިގަނޑު މަސްއޫލިއްޔަތަކަށް އޭރު އޮތީ، އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރާ ކުރުދީ ދަރިކޮޅުގެ ހަނގުރާމަވެރިންނަށް އަސްކަރީ މަދަދު ފޯރުވުމެވެ.

އެމެރިކާ އިން ސީރިޔާގައި މަދަދު ފޯރުވަމުން އައި ކުރުދީންނަކީ، ތުރުކީ ވިލާތުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބައެކެވެ. އެ މައްސަލައިގައި އެމެރިކާ އާއި ތުރުކީ ވިލާތާ ދެމެދުގެ ގުޅުމަށް ކޮންމެވެސް ވަރަކަށް ހީނަރުކަން އައެވެ.

އެމެރިކާ އާއި ގުޅިފައިވާ ލަޝްކަރުތަކުން ދިން ހަމަލާތަކުގައި އައިއެސް ޖަމާއަތުގެ ބާރު ކެނޑި ބައިބައިވުމާ ގުޅިގެން، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގެ ދުވަސްވަރު 2019 ވަނަ އަހަރުގެ ތެރޭގައި، ސީރިޔާގެ އިރުއުތުރުގައި ތިބި އެމެރިކާ ސިފައިން އެ ސަރަހައްދުން ބާލާނެ ކަން އިއުލާން ކުރެއްވި އެވެ.

އެމެރިކާގެ އެ ނިންމުމާ ގުޅިގެން، ތުރުކީ ވިލާތުގެ ސިފައިން، ސީރިޔާގެ ތެރޭގައި ތިބި ކުރުދީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ހަމަލާ ދިނުން އިތުރުކުރި އެވެ. ސަބަބަކީ ތުރުކީ ވިލާތާއި ސީރިޔާގެ އިމުން ބައެއްގައި، ވަކި ވެރިކަމެއް ގާއިމުކުރުމަށް ކުރުދީން މަސައްކަތް ކުރަމުން ދިއުމެވެ.

ޓްރަމްޕުގެ އެ ނިންމުމަށް އެމެރިކާގެ އެތެރެއިންނާއި ބޭރުން ފާޑުކިޔުންތައް އަމާޒުވާން ފެށުމުން، އެމެރިކާ ސިފައިން ސީރިޔާ އިން ނުބޭލުމަށް ޓްރަމްޕު ނިންމެވި އެވެ.