Roadha Mihaaru
ކުރުދީންގެ މައިރަށަކަށް ތުރުކީ ސިފައިން ވަދެއްޖެ

ސީރިއާގެ ކުރުދީންގެ މައި ރަށަކަށް ތުރުކީ ސިފައިން ވަދެއްޖެ

13 އޮކްޓޯބަރ 2019

އަންކާރާ/ބައިރޫތު- ސީރިއާގެ ކުރުދީންނާ ދެކޮޅަށް ތުރުކީން ފެށި ހަނގުރާމައިގައި، ކުރުދީންގެ ރަށެއް ކަމަށްވާ ރައުސުލް އައިންގެ ކޮންޓްރޯލް އަތުލާފައިވާ ކަމަށް ތުރުކީން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންކާރާ/ބައިރޫތު- ސީރިއާގެ ކުރުދީންނާ ދެކޮޅަށް ތުރުކީން ފެށި ހަނގުރާމައިގައި، ކުރުދީންގެ ރަށެއް ކަމަށްވާ ރައުސުލް އައިންގެ ކޮންޓްރޯލް އަތުލާފައިވާ ކަމަށް ތުރުކީން ބުނެފި އެވެ.

ތުރުކީ ސިފައިންނާއި ތުރުކީން މަދަދުދޭ ހަނގުރާމަވެރި ޖަމާއަތްތައް ރައުސުލް އައިންގެ ކޮންޓްރޯލް ނަގާފައިވާ ކަމަށް ތުރުކީން ބުންޏަސް، ކުރުދީ ހަނގުރާމަވެރިން ބުނީ އެއީ ދޮގެއް ކަމަށާއި ތުރުކީ ސިފައިންނާ ދެކޮޅަށް އެމީހުން އަދިވެސް ހަމަލާ ދެމުން އަންނަ ކަމަށެވެ.

އެކަމަކު ތުރުކީން ވަނީ ރައުސުލް އައިންގެ މަގުތައް ފަޅުވެފައިވާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.

ސީރިއާގެ ކުރުދީންނާ ދެކޮޅަށް ތުރުކީން މީގެ ހަތަރު ދުވަސް ކުރިން ހަނގުރާމަ ފެށީ، ހަމަލާ ނުދޭން ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާ އިން ގޮވައިލަމުން ދަނިކޮށެވެ. ތުރުކީން ދެމުން ގެންދާ ހަމަލާތައް ހުއްޓާ ނުލައިފި ނަމަ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ޔޫރަޕިއަން ޔޫނިއަނުން ވަނީ ދީފަ އެވެ.

އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ތުރުކީގެ ހަމަލާތަކުގެ ސަބަބުން ނޭޓޯގެ ބައިވެރިންނަށް (ކުރުދީންނަށް) ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަަމަށެވެ. ނޭޓޯގެ އެހެން ދެ ގައުމެއް ކަމަށްވާ ޖަރުމަނާއި ފްރާންސުން ބުނީ ހަމަލާތައް ކުރިއަށް ގެންދާ ނަމަ ތުރުކީ އަށް ހަތިޔާރު ވިއްކުން މަނާކުރާނެ ކަމަށެވެ. ތުރުކީގެ ހަމަލާތައް އަރަބް ލީގުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

ތުރުކީން ސީރިއާ ތެރެ އަށް ވަދެ ހަމަލާ ދޭން ފެށީ ކުރުދީންގެ ހަނގުރާމަވެރި ޖަމާއަތެއް ކަަމަށްވާ ވައިޕީޖީއާ ދެކޮޅަށެވެ. އެމެރިކާ އާއި އެގައުމުގެ ބައިވެރިން އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާ އަށް މަދަދު ދިން ވައިޕީޖީ އަކީ ތުރުކީން ދެކޭ ގޮތުގައި ޓެރަރިސްޓް ޖަމާއަތެކެވެ. އެ ޖަމާއަތް ބަލިކުރަން ޖެހޭ ކަަމަށް ތުރުކީން ބުނެފައި ވަނީ ސީރިޔާ-ތުރުކީ ބޯޑަރުގައި " ޓެރާ ކޮރިޑޯ" އެއްް އުފެއްދުން ހުއްޓުވުމަށެވެ.

އެތައް ހާސް އާއްމުންނެއް ގެދޮރު ދޫކޮށް ދަނީ

ތުުރުކީން ސީރިއާ އަށް ދެމުން ގެންދާ ހަމަލާތަކާ ބައިނަލްއަގުވާމީ މުޖުތަމައުން ދެކޮޅުހަދަނީ އެ ހަމަލާތަކުގެ ސަބަބުން އަނެއްކާވެސް އެތައް ހާސް ބައެއްގެ ގެދޮރު ގެއްލި ވިއްސިވިހާލިވާނެތީ އެވެ.

ސީރިއާގެ އިރު އުތުރުގައި ކުރުދީން އުފައްދާފައިވާ ސަރަހައްދީ ސަރުކާރުން ބުނީ ތުރުކީގެ ހަމަލާތަކުގެ ސަބަބުން 200،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށެވެ. ޔޫއެން-ވޯލްޑް ފުޑް ޕްރޮގްރާމުން ބުނީ ކުރުދީން ދިރިއުޅޭ ރައުސުލް އައިން އާއި ތަލް އަބްޔަޟު ދޫކޮށް ދިޔަ އާއްމުންގެ އަދަދު 100،000 އަށް ވުރެ ގިނަ ކަމަށެވެ.

ތުރުކީން ބުނަމުން އަންނަނީ ކުރުދީންނާ ދެެކޮޅަށް ދޭ ހަމަލާތަކުގެ ދެވަނަ ބޭނުމަކީ ސީރިއާގެ އަހުލީ ހަނގުރާމައިގައި ތުުރުކީ އަށް ގޮސްފައިވާ އެތައް ހާސް ރެފިއުޖީންނަކަށް ސީރިއާ ސަރަހައްދުގެ ތެރޭގައި ރައްކާތެެރި ސަރަހައްދެއް ގާއިމްކޮށްދިނުން ކަމަށެވެ. އެ ހަަމަލާތަކަށް ޔޫރަޕިއަން ޔޫނިއަނުން އެއްބާރުލުން ނުދޭ ނަމަ ރެފިއުޖީން ޔޫރަޕަށް ފޮނުވައިލާނެ ކަމުގެ އިންޒާރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ދެއްވައިފަ އެވެ. ތުުރުކީގައި ސީރިއާގެ 3.6 މިލިޔަން ރެފިއުޖީން އެބަތިއްބެވެ.