Roadha Mihaaru
ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބުގެ ފޯނު ހިފަހައްޓައިފި

ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބުގެ ފޯނު ހިފަހައްޓައިފި

20 ނޮވެމްބަރ 2017

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބް ޝަހީމަށް އެކި ކަންކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ މީހުން ހޯދުމަށް އޭނާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބް ޝަހީމަށް އެކި ކަންކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ މީހުން ހޯދުމަށް އޭނާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފި އެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުން ތަފުސީލެއް ނުދެ އެވެ. ހަމައެކަނި ބުނީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ތޮއްޔިބުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓް ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފު ސޮއިކުރައްވައި މިިދިޔަ ހޮނިހިރު ދުވަހު ނެރުނު އަމުރުގައި ބުނީ، ތޮއްޔިބްގެ ޓްވީޓާ އެކައުންޓް މެދުވެރިކޮށް ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ އަދި ސަރުކާރުގެ އިސް ވެރިންނާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ލިޔެ އަދި އޭނާއަށް މައުލޫމާތު ފޯރުކޮށްދޭ މީހުން ދެނެގަންނަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން އަމުރު ނެރޭތާ 72 ގަޑިއިރުގެ ތެރޭގައި، ތޮއްޔިބުގެ ލެޕްޓޮޕްތަކާއި ފޯނުތަކާއި މެމޮރީ ކާޑާއި ކޮށްފައިވާ މުއާމަލާތްތައް ބެލުމުގެ ހުއްދަ ކޯޓުން ވަނީ ފުލުހުންނަށް ދީފަ އެވެ. ނަމަވެސް އެ އަމުރު ފުލުހުން ތަންފީޒުކުރި ކަމެއް ނުވަތަ ނޫންކަމެއް އަދި ޔަގީނެއް ނުވެ އެވެ.

ތޮއްޔިބުގެ ފޯނު ނިއްވާލާފައިވާތީ އޭނާގެ ބަހެއް ނުލިބެ އެވެ.

އެ އެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގުކުރަން ކޯޓުން ދީފައިވަނީ 30 ދުވަހުގެ މުއްދަތެވެ.

ފުލުހުން އޭނާގެ މައްޗަށް ކުރަނީ އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލުތައް ކުރުމުގެ ކުށެވެ.

އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ފަދަ މައުލޫމާތު ފެތުރުމުގެ ތުހުމަތުގައި މިިދިޔަ މާޗު މަހު ފުލުހުން ތޮއްޔިބް ހައްޔަރު ވެސް ކުރި އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލަން އަމުރު ކޮށްފަ އެވެ.

ތޮއްޔިބަކީ ޓުވިޓާގައި ސަރުކާރަށް ފާޑުކިޔައި، ސަރުކާރުން ހިންގާ އެކިއެކި ކަންކަމާ ގުޅޭ ބައެއް މައުލޫމާތުތައް ހާމަކުރަމުން އަންނަ މީހެކެވެ.