Roadha Mihaaru
ކްރިކްގެ ދައުވާ ފޮނުވާލައި ޔާމީންގެ ޝަރީއަތް ބާއްވަނީ

ކްރިކް ރިޒާގެ ދައުވާ އަނބުރާ ފޮނުވާލައިފި، ޔާމީންގެ ޝަރީއަތް މާދަމާ ބާއްވަނީ

12 ޖުލައި 2023

ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ތުހުމަތުވާ އަހްމަދު ކްރިކް ރިޒާ އަށް ކުރާ ދައުވާ އަނބުރާ ފޮނުވާލަން ކްރިމިނަލް ކޯޓުން މިއަދު ނިންމައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުވާތަކުގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ތުހުމަތުވާ އަހްމަދު ކްރިކް ރިޒާ އަށް ކުރާ ދައުވާ އަނބުރާ ފޮނުވާލަން ކްރިމިނަލް ކޯޓުން މިއަދު ނިންމައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުވާތަކުގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މައްސަލަ އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިފައިވާތީ، ދައުވާ އަނބުރާ ފޮނުވާލުމަށް މިއަދު ކޯޓުން ނިންމާފައިވާ ކަމަށެވެ.

އެ ދައުވާ ނުހިމަނައި، ފުއްގިރި މައްސަލާގެ އަޑުއެހުމެއް މާދަމާ ހެނދުނު 9:00 ވަނީ ތާވަލުކޮށްފަ އެވެ.

ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން ނިންމީ އޭނާގެ ސިއްހީ ހާލަތާ ގުޅިގެން އެ ޝަރީއަތް މަޑުޖެހި، ޔާމީންގެ ދައުވާތައް ވެސް ހުއްޓިފައިވާތީ އެވެ.

މި މައްސަލާގައި ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ކުރިކް ރިޒާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާ ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ. އަދި ރިޒާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކެއްގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ގެންދަނީ އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުން ކަމަށެވެ. އެއީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒްގެ އޯޑިއޯއެއް ކަމަށް ބުނެ ރިޒާ ހުށަހެޅި ހެއްކެކެވެ.

"ކުރިކް ރިޒާގެ ބައިގައި ދިމާވި މި ހާލަތާ ގުޅިގެން އެބައި ވަކިން ކޯޓުގައި ކުރިއަށްގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގު ގާނޫނީ ގޮތުން އޮތީ ބަންދުވެފައި،" ޝަފީއު ވިދާޅުވި އެވެ.

މި މައްސައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި, މިފަދަ މައްސަލައެއްގައި ދައުވާލިބޭ އެކެއްގެ ބައިގައި ދިމާވި ހާލަތަކާ ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވި ވުމަކީ އާންމު މަސްލަހަތު އޮތް ގޮތް ކަމަށް ނުފެންނަ ކަމަށް ޝަފީއު ވިދާޅުވި އެވެ.

އެހެންކަމުން، ޝަފީއު ވިދާޅުވީ ކުރިކް ރިޒާ ހުށަހެޅި ހެކިތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް, އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ފޮނުއްވައިދެއްވުމަށް އެދިފައިވާ ކަމަށެވެ.

މި ޝަރީއަތް އަވަސް އަވަހަށް އަދި ގިނަ ވަގުތު ހޭދަވާ ގޮތަށް ކުރިއަށް ގެންދާތީ ޔާމީންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި މި ޝަރީއަތުގެ ސަބަބުން، ޔާމީން މިހާރު ތަންފީޒުކުރަމުން ގެންދާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ ޝަރީއަތް ލަސްވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.