މައުލޫމާތު ނެތް މައްސަލައެއްގައި ހެކިބަސް ނުދެވޭނެ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިފާއުކުރެއްވުމަށް ދޮގު ހެކިބަސް ދިން ކަމުގެ ތުހުމަތު އޮތް މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
29 އެޕްރީލް 2025
މައުލޫމާތު ނެތް މައްސަލައެއްގައި ހެކިބަސް ނުދެވޭނެ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިފާއުކުރެއްވުމަށް ދޮގު ހެކިބަސް ދިން ކަމުގެ ތުހުމަތު އޮތް މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ރުފިޔާ އެ މަނިކުފާނުގެ ގެކޮޅުގައި އަތުން ގުނައި، ޔާމީން އެންގެވި މީހަކާ ހަވާލުކުރި ކަމަށް ވިދާޅުވެ، ނަރީޝް މީގެކުރިން ހެކިބަސް ދެއްވާފައިވެ އެވެ. ޔާމީންގެ ފަރާތުން އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅީ ވ. އާރަށު މައްސަލައިގެ ދައުވާގައި ހިމެނޭ ފައިސާއަކީ ޑޮލަރު މާރުކުރުމަށް ހޯދި ފައިސާއެއް ކަން ސާބިތުކޮށްދޭށެވެ.
ހަމަ އެކަން ސާބިތުކޮށްދިނުމުގެ ޔާމީންގެ ފަރާތުން ރ. ފުއްގިރި މައްސަލައިގެ ދައުވާގައި ވެސް ނަރީޝް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. ނަމަވެސް، އޭނާ ވަނީ ހެކިބަސް ދޭން އިއުތިރާޒުކުރާ ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓަށް އެކަން އަންގަވައިފަ އެވެ.
އެކަމާ ގުޅިގެން އެކްސްގައި އަމާޒުވި ފާޑުކިޔުންތަކަކަށް ރައްދު ދެއްވަމުން ނަރީޝް ވިދާޅުވީ "މި ނޫން ދުވަހެއް އޮތްކަން ހަނދާންކޮށް ބިރުވެތިވެ ހެޔޮބަސްއަހާ ގަބޫލުކޮށްގެން ކަމުގެ މައުލޫމަތު ނެތް މައްސަލައެއްގައި ހެކިބަސް ދޭން އިއުތިރާޒުކުރީ" ކަމަށެވެ.
ފުއްގިރި މައްސަލާގައި އިއްޔެ އޮތް އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ ވަނީ ނަރީޝް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައިފަ އެވެ. ނަމަވެސް، ޔާމީންގެ ވަކީލް ވިދާޅުވީ އެ ބޭފުޅުން ހައްޔަރުކޮށްގެން މަޖުބޫރުން ހެކި ބަސް ނަގަން ޔާމީން ބޭނުން ނުވާ ކަމަށެވެ.
ނަރީޝް ހެކި ބަސް ނުދޭން ނިންމެވި އިރު، އޭނާ އާއި ޔާމީނާ ދެމެދު އޮތް ސިޔާސީ އެކުވެރިކަން މިހާރު ވަނީ ގެއްލިފަ އެވެ. ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ނަރީޝް ހުރިއިރު، ޔާމީން ގެންދަވަނީ މި ސަރުކާރަށް ތާއިދު ނުކުރާކަން ހާމަކުރައްވައި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.
ނަރީޝް، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން އިސްތިއުނާ ދެއްވާފައިވާއިރު، އޭނާ މިހާރު ހުންނެވީ މިނިސްޓަރުންގެ ފެންވަރުގައި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރެއްގެ މަގާމުގަ އެވެ.
ފުއްގިރި މައްސަލައިގައި ހެކިބަސް ދޭން ނަރީޝް ދެކޮޅު ހެއްދެވި އިރު، ވ. އާރަށުގެ މައްސަލައިގައި ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތުގައި އޭނާ ދެއްވި ހެކި ބަހާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ކޯޓުގައި ހެކިބަސް ދެއްވަމުން އޭރު ނަރީޝް ވިދާޅުވެފައިވަނީ ޔާމީން، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ބައްލަވައިގެން، އޭގެ ބަދަލުގައި ދެއްވި ދިވެހި ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި ކަމަށާއި އެ ފައިސާ ގުނީ ޔާމީންގެ ގެކޮޅުގައި، އަތުން ކަމަށެވެ.
ނަމަވެސް، އެ ދުވަހު ނަރީޝް ދެއްވި ހެކިބަހަކީ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ދިން ހެކި ބަހެއް ބުނެ ދައުލަތުން އާ ހެކިތަކެއް ވެސް ހުށަހެޅި އެވެ. ދައުލަތުން އާ ހެކި ހުށަހަޅާފައިވަނީ ނަރީޝް ހެދީ ދޮގު ކަން ސާބިތު ކުރުމަށެވެ. އަދި އެ މައްސަލަ ފުލުހުން ވެސް ތަހުގީގުކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މި މައްސަލައިގައި ކުރިން އިއްވި ހުކުމްގައި ވެސް ނަރީޝް ދިނީ ދޮގު ހެކި ބަހެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމުގައިވަނީ ޔާމީންގެ ފަރާތުން ހެކިބަސް ދިން އެ ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ހެކިން ދެއްކި ވާހަކަތަކަށް ބަލާއިރު އޮޅުވާލުމުގެ އިތުރުން ކަނޑައެޅިގެން ދޮގު މައުލޫމާތު ކޯޓަށް ދީފައިވާ ކަމަށާއި ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި ދެކޮޅު ނުޖެހޭ ވާހަކަތަކުން އެކަން ހާމަވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.
"މި ހެކިންނަކީ ހެކިބަސް ދިނުމަށް އުފައްދައިގެން ވަކި ކަމެއް ހާސިލް ކުރުމަށް ހުށަހަޅާފައިވާ ހެކިން ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ..." ހުކުމުގައިވެ އެވެ.
ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި ހަމަނުޖެހޭ ކަންކަން ވެސް 105 ސޮފްހާގެ އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން 15 މިލިއަން ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި ދުވަހެއް ބުނެ ނުދެވޭއިރު، އެއީ ދުވާލު ކަމެއް ނުވަތަ ރޭގަނޑު ކަމެއް ވެސް ހެކިންނަށް ބުނެ ނުދެވޭ ކަމަށާއި އެކަމަކު އެދުވަހު ހިނގި އެހެން ކަންކަމުގެ ވަރަށް ކުދިކުދި ތަފްސީލުތައް ހެކިން ބުނެފައިވުމަކީ ހައިރާންވާން ޖެހޭ ފަދަ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.
ކްރިކް ރިޒާގެ މައްސަލަ ލަސްވާތީ ދައުވާ ފައިލްކޮށްފި
ޔާމީންގެ ދިފާއުގައި ހެކިބަސް ނުދޭން ނަރީޝް ނިންމައިފި
ފުއްގިރީގެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފި
ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު
އާ ހެކިތަކުގެ މައްސަލަ ސުޕްރީމް ކޯޓުގައި ފަށަނީ
ޔާމީނަށް ދައުވާކުރާ މައްސަލަތައް ރިވިއުކުރަން އެދެފި
ސިޔާމާއި މައުރޫފް ހެކިބަސް ދޭން ބޭނުމެއް ނުވި
ފުއްގިރި މައްސަލަ: އަދީބު ދިން ދަބަހެއް މީޓިން ރޫމަށް
ކްރިކް ރިޒާގެ ރިޝްވަތު ދައުވާ މި ނިމުނީ؟
ވަގުތުއޮއްވައި ޔާމީންގެ މައްސަލަ ނިމޭނެކަމަކަށް ނުބެލެވޭ