Roadha Mihaaru

ކޯޓު އަމުރެއް ނެތި ބޭންކް ސްޓޭޓްމަންޓް ހޯދާތީ ޔާމީންގެ ކަންބޮޑުވުން

ކޯޓު އަމުރެއް ނެތި ބޭންކް އެކައުންޓް ސްޓޭޓްމަންޓްތައް ފުލުހުން ހޯދާފައިވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކްރިމިނަލް ކޯޓުގައި މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އެކައުންޓް ސްޓޭޓްމަންޓް ހޯދާގޮތުން ޔާމީންގެ ކަންބޮޑުވުން
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

30 މެއި 2023

ކޯޓު އަމުރެއް ނެތި ބޭންކް އެކައުންޓް ސްޓޭޓްމަންޓްތައް ފުލުހުން ހޯދާފައިވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކްރިމިނަލް ކޯޓުގައި މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނި އަދި އަހުމަދު ކްރިކް ރިޒާގެ މައްޗަށް ދައުވާ ކުރެ އެވެ.

އެ މައްސަލާގައި ކޯޓު އަމުރެއް ނެތި ބޭންކް ސްޓޭޓްމަންތައް ހޯދާފައިވާތީ އެ ހެކިތައް ބަލައި ނުގަނެވޭނެ ކަމަށް ކަނޑައަޅަން ޔާމީނާއި ކްރިކް ރިޒާގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ.

އެ މައްސަލާގައި ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ، ކޯޓު އަމުރެއް ނެތި ފުލުހުން ބޭނުންވާ ގޮތަށް އެކައުންޓް ސްޓޭޓްމަންޓް ހޯދުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ. އޭގެ ސަބަބުން އެތައް ޒާތީ ދިރިއުޅުމުގެ ހައްގަށް ހުރަސް އެޅި އެތައް ބަޔަކަށް ގެއްލުން ކުރިމަތިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެ މަނިކުފާނަށް ކުރިން ތުހުމަތުކުރި ގއ. ވޮޑަމުލާގެ މައްސަލާގައި ފުލުހުން ސުވާލު ކުރިއިރު 2010 ވަނަ އަހަރާއި 2011 ވަނަ އަހަރުގެ އެ މަނިކުފާނުގެ ބޭންކް ސްޓޭޓްމަންޓް ވެސް ފުލުހުން ހޯދާފައި ހުރި ކަމަށެވެ.

އެކަމަކު ވޮޑަމުލާގެ މައްސަލައަކީ އޭގެ މާ ފަހުން 2015 ވަނަ އަހަރު ހިނގި ކަމަށް ބުނާ ކަންތައްތަކެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އެހާ ކުރީގެ ބޭންކް ސްޓޭޓްމަންޓްތައް ހޯދީ ކޮން ނިޔަތެއްގައި ކަން ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އޭރު އަޅުގަނޑަކީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން. ކީއްވެގެންތޯ އަޅުގަނޑުގެ އޭރުގެ މައުލޫމާތު ބެލެންވީ،" މާ ކުރީގެ މުއާމަލާތްތަކެއް ފުލުހުން ބެލި ސަބަބާ މެދު ސުވާލު އުފައްދަވައި، ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުން ވެސް ބުނީ 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު ޔާމީންގެ ސްޓޭޓްމަންޓްތައް ފުލުހުން ހޯދާފައި އެބަހުރި ކަމަށެވެ.

ޔާމީންގެ މައްސަލާގައި މިއަދުގެ އަޑުއެހުން ކުރިއަށް ދަނީ

ޔާމީންގެ މައްސަލާގައި މިއަދުގެ އަޑުއެހުން ކުރިއަށް ދަނީ

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވިގޮތުގައި، ބޭންކިން ގާނޫނު އޮތް ގޮތުން ކޯޓު އަމުރެއް ނެތި ބެލޭނީ ކަސްޓަމަރުންގެ އެކައުންޓްތަކުގެ މައުލޫމާތު އެކަންޏެވެ. އެކައުންޓް ސްޓޭޓްމަންޓް ބެލޭނީ ކޯޓު އަމުރެއް އޮވެގެން ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ، ކޯޓު އަމުރެއް ނެތި އެކައުންޓް ސްޓޭޓްމަންޓް ބެލޭ ނަމަ ޒާތީ ދިރިއުޅުމުގެ ހައްގަށް އަރައިގަނެވޭނެ ކަމަށެވެ.

ވޮޑަމުލާ މައްސަލާގައި އެކައުންޓްތަކުގެ މައުލޫމާތު އާންމު ކޮށްފައިވާ ކަމަށާއި އެހެންވެ، ފުލުހުންގެ ހެޔޮ ނިޔަތެއް ނެތްކަން ހާމަވާ ކަމަށް ޖަމީލް ވިދާޅުވި އެވެ. ހެޔޮ ނިޔަތުގައި ކަމަށް ބުނެ ކޮންމެ ކަމެއް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ކްރިކް ރިޒާގެ ވަކީލުން ވެސް ވިދާޅުވީ، ކޯޓު އަމުރެއް ނެތި ފުލުހުން ބޭނުންވާ ގޮތަކަށް އެކައުންޓް ސްޓޭޓްމަންޓް ހޯދޭ ނަމަ އެތައް ބައެއްގެ ހައްގުތަކަށް އަރައިގަނެވޭނެ ކަމަށެވެ. އެއީ ރާއްޖެ އިން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވެސް ގެއްލޭ ގޮތަށް ވަކީލުން ވިދާޅުވި އެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނު އައުމުގެ ކުރިން ވެސް މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައި އޮތީ ކޯޓު އަމުރެއް ނެތި އެކައުންޓް ސްޓޭޓްމަންޓް ނުބެލޭ ގޮތަށް ކަމަށް އެ ވަކީލުން ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުން ބުނީ ގާނޫނު އޮތްގޮތުން އެކައުންޓް ސްޓޭޓްމަންޓް ހޯދުމަށް ކޯޓު އަމުރު ބޭނުންނުވާ ކަމަށެވެ. އެކައުންޓް ސްޓޭޓްމަންޓްތައް ހޯދަނީ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށާއި ވޭތުވެދިޔަ 13 އަހަރު ވެސް އަމަލުކުރީ އެ އުސޫލުން ކަމަށް ދައުލަތުން ބުންޏެވެ.

ޔާމީންގެ މައްސަލާގައި ފުލުހުން އަމަލުކުރީ ނުބައި ނިޔަތެއް ނެތި ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެކައުންޓް ސްޓޭޓްމަންޓް ހޯދުމުގައި އަމަލު ކުރަމުންދިޔަ ގޮތްތަކާއި އެ ކަންކަން ބަދަލުވަމުން އައި ގޮތް ކޯޓާ ހިއްސާކުރަން ގާޒީ އެންގެވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ތަހުގީގު ބަޔާން ނަގާފައިވަނީ ވީޑިއޯ ރެކޯޑް ކުރުމެއް ނެތި ކަމަށް ވާތީ އެ ބޭފުޅުންގެ ތަހުގީގު ބަޔާންތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ޔާމީންގެ ފަރާތްޕުޅުންނާއި ކްރިކް ރިޒާގެ ފަރާތުން ވެސް ހުށަހެޅި އެވެ.

ދައުލަތުން ބުނީ އަދީބާއި ޒިޔަތުގެ ތަހުގީގު ބަޔާން ނެގިއިރު ވީޑިއޯ ރެކޯޑް ކޮށްފައި ނުވަނީ އެ ދެ ބޭފުޅުންނަށް އެ މައްސަލާގައި ތުހުމަތު ނުކުރެވޭތީ ކަމަށެވެ. ތަހުގީގު ބަޔާން ނެގީ ފުލުހުން ކަމަށް ވާއިރު އެފަދަ އުސޫލެއް ފުލުހުންނަށް ނޯންނަ ކަމަށް ދައުލަތުން ބުންޏެވެ.

ތަހުގީގު ބަޔާނަކީ ހެއްކެއް ނޫން ކަމަށާއި އެހެންވެ، އެ ބަޔާނާ ގުޅޭގޮތުން ހުށަހެޅުންތައް ހުށަނޭޅޭނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލާގެ އަޑުއެހުންތައް މާ ބޮޑަށް ދިގުދެމިގެންދާތީ އާއި ޔާމީންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގިނައިރު އެގޮތަށް ހުންނަވަން ދަތިފުޅުވާ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ކަންބޮޑުވުން ފާޅު ކުރެއްވުމުން މިއަދުގެ އަޑުއެހުން ވަނީ އެ ހިސާބުން ނިންމާލައިފަ އެވެ.

އެ މައްސަލާގައި އަދިވެސް ކުރިއަށް ދާނީ ހުށަހެޅުންތަކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ.