Roadha Mihaaru
ޔާމީންގެ ދިފާއުގައި ދޮގުހެކި ދިން މައްސަލަ ދިރާސާކުރަނީ

ޔާމީންގެ ދިފާއުގައި ދޮގު ހެކި ދިން މައްސަލަ ދިރާސާ ކުރަނީ

27 ޑިސެމްބަރ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި އެމަނިކުފާނުގެ ދިފާއީ ހެކިން ދޮގު ހެކިބަސް ދިން ކަމަށް ކޯޓުން ނިންމާފައިވާތީ އެކަން ތަހުގީގު ކުރުމާ މެދު ދިރާސާ ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި އެމަނިކުފާނުގެ ދިފާއީ ހެކިން ދޮގު ހެކިބަސް ދިން ކަމަށް ކޯޓުން ނިންމާފައިވާތީ އެކަން ތަހުގީގު ކުރުމާ މެދު ދިރާސާ ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ވ. އާރަށް މައްސަލާގައި ޔާމީނަށް ކުރި ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގައި އެމަނިކުފާނުގެ ދިފާއީ ހެކިން ހެކިބަސް ދިނީ އެ މައްސަލާގައި ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ސާބިތު ކުރުމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި އިތުރު މީހަކު ހެކިބަސް ދިނީ އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ރުފިޔާ ޔާމީންގެ ގޭގައި ގުނުމަށްފަހު އެ ފައިސާ އެ މައްސަލާގައި ދައުވާލިބުނު ދެ ވަނަ މީހާ ކަމަށްވާ ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ބުނެ އެވެ.

އެކަމަކު ކޯޓުގެ ހުކުމުގައިވަނީ އެއީ އުފައްދައިގެން ދީފައިވާ ދޮގު ހެކިބަހެއް ކަމަށެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގައި ޖިނާއީ ތަހުގީގު ކުރުމާ މެދު ކުރަންޖެހޭ ދިރާސާތައް ކުރަމުންދާ ކަމަށެވެ.

ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ކޯޓުން ވަނީ އިއްވައިފަ އެވެ. ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވެ، ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.