21 ނޮވެމްބަރ 2022
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ދޮގު ހެކިބަސް ދިން ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި ފުލުހުންނަށް އަމުރުކޮށްފި ނަމަ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާނެ ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ދޮގު ހެކިބަސް ދިން ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި ފުލުހުންނަށް އަމުރުކޮށްފި ނަމަ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާނެ ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް، ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އެ ރިޝްވަތުގެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާތަކުން ދިފާއުވުމަށް ޔާމީން ވަނީ ދިފާއީ ހެކީންގެ ގޮތުގައި އެމަނިކުފާނާ ގާތް ބައެއް ފަރާތްތައް ހެކީންގެ ގޮތުގައި ހުށަހަޅައިފަ އެވެ.
އެހެންނަމަވެސް، އެ ހެކީން ކިޔައިދިން ވާހަކަތަކަކީ އުފައްދައިގެން ދައްކާފައިވާ ދޮގު ހެކި ކަމަށް ދައްކަން ދައުލަތުން ވަނީ ކްރިމިނަލް ކޯޓަށް ލިޔުންތަކެއް ހުށަހަޅައިފަ އެވެ. ދައުލަތާއި ދިފާއުގެ ހެކިވެރީންގެ ހެކިބަސް ނަގައި ނިމިފައި ވަނިކޮށް ހުށަހެޅި އެ ލިޔުންތައް ބަލައިގަތުމަށް ޝަރީއަތުން ވަނީ ނިންމައިފަ އެވެ. އަދި މިދިޔަ ހަފްތާގައި އޮތް އަޑުއެހުމެއްގައި އެގޮތަށް ދެކޭ ސަބަބުތައް ވެސް އެ ލިޔުންތަކާ ހަވާލާދީ ދައުލަތުން ތަފްސީލުކޮށްދިނެވެ.
ޔާމީންގެ ފަރާތުން ދޮގު ހެކިބަސް ދިން ކަމަށް ދައުލަތުން ތުހުމަތުކޮށްފައިވާއިރު، އެކަމާ ގުޅިގެން ޖިނާއީ މައްސަލައެއް ބަލާނެތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ ޔުނިޓުގެ ވެރިޔާ ފަތުމަތު ނަޝްވާ މިއަދު "މިހާރު" އަށް ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގައި ދޮގުހެކިބަސް ދިން ކަމަށް ޝަރީއަތުން ކަނޑައަޅައިފި ނަމަ، އެކަމާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށެވެ.
"ދޮގުހެކިބަސް ދިން ކަމަށް ޝަރީއަތުން ކަނޑައެޅުމުން އެކަމާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލާނެ،" ނަޝްވާ ވިދާޅުވި އެވެ.
ދައުލަތުން މިދިޔަ ބުރާސްފަތި ދުވަހު ކޯޓުގައި ބުނި ގޮތުގައި، ޔާމީންގެ ދިފާއީ ހެކީންގެ ވާހަކަތަކުން އެނގުނީ އެ މީހުން "ނުހިނގާ ކަމެއް ހިނގި ކަމަށް" ދައްކަން ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެން އައިކަން ކަމަށެވެ. އަދި އެ މީހުންގެ ވާހަކަތަކުގައި ބޮޑެތި ފުށުއެރުންތަކާއި ހަމަނުޖެހޭ އެތައް ކަމެއް ހުރި ކަމަށް ބުންޏެވެ.
ޔާމީނަށް އެއް މިލިއަން ޑޮލަރު ލިބުނީ ޑޮލަރު ގަތުމުގެ މުއާމަލާތަކުން ކަމަށް ދޭހަވާ ގޮތަށް ބައެއް ހެކިވެރިން ހެކިބަސް ދީފައިވެ އެވެ. އެގޮތުން، ޔާމީން ވިދާޅުވެގެން އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމާ ހަވާލުކުރެއްވި ކަމަށް ހެކިބަސް ދެއްވި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްގެ އިތުރުން ހެކިވެރިޔާ އަބްދުﷲ ރަޝީދު ވިދާޅުވެފައިވެ އެވެ. އެހެންނަމަވެސް، އެ މުއާމަލާތް ހިނގި ދުވަހެއް އެ ހެކިވެރީން ހަނދާން ނެތް ކަމަށް ބުނެފައިވެ އެވެ.
ޑޮލަރު ގަތުމުގެ މުއާމަލާތް ހިނގި ކަމަށް ދިފާއުން ބުނާ އިރު އެ މުއާމަލާތް ހިނގި ނަމަ، ހިނގާފައިވާނެ ކަމަށް މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައި ދައުލަތުން ބެލި ތާރީހުގައި ނަރީޝް ހުންނެވީ ސިފައިންގޭގެ ވަޒީފާގައި ކަން ހާޒިރީ ރިޕޯޓާ ހަވާލާދީ ދައުލަތުން ބުންޏެވެ. އަދި އެ ދެ މީހުން ފައިސާ ނަގައިގެން ދިޔަ ކާރުގެ ކުލަ ފަދަ ކުދިކުދި ކަންކަން އެއްގޮތަކަށް ކިޔައިދިން ނަމަވެސް، އެ އަށް ވުރެ އިތުރަށް އެ މީހުންގެ ފަރާތުން ތަފްސީލުތައް ހޯދަން ދައުލަތުން ސުވާލުކުރުމުން ހަނދާނެއް ނެތް ކަމަށް ބުނިކަން ވެސް ފާހަގަ ކުރި އެވެ. އެގޮތުން އެކަން ހިނގީ ދުވާލު ކަމެއް ރޭގަނޑު ކަމެއް ވެސް ބުނެ ނުދެވޭ ކަމަށް ބުންޏެވެ.
ރަށް ކުއްޔަށް ދިނުމާ ބެހޭ ގޮތުން، ރައީސް އޮފީހުގައި އޮތް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ބައްދަލުވުމެއްގައި ދެއްކި ކަމަށް ބުނާ ވާހަކަތަކެއްގެ ޔައުމިއްޔާ ސައްހަ ނޫން ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެންބަރު އަދި އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އޭރުގެ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ހެކި ބަސް ދެއްވާފައިވެ އެވެ. އެ ބޭފުޅުން ވިދާޅުވީ ހުރިހާ ޔައުމިއްޔާއެއްގައި ސޮއި ކުރާ އުސޫލެއް އޭރު އޮންނަ ކަމަށާއި ސޮއި ނުކުރާ އެއްޗެއް ސައްހައެއް ނުވާނެ ކަމަށެވެ.
އެހެންނަމަވެސް، ބައެއް ޔައުމިއްޔާތަކުގައި ސޮއި ނުކުރާކަން މިހާރު އެނގިފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެގޮތުން، އެކަކު ފިޔަަވައި އެހެން އެންމެން ސޮއިކޮށްފައި އޮތް ޔައުމިއްޔާއެއް ހުށަހަޅާފައިވާނެ ކަމަށާއި އޭގައި ސައީދާއި ޒުހޫރު ވެސް ސޮއިކުރައްވާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނާ ގޮތުގައި އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޔޫސުފް ނައީމަށް ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރީ އީވައިސީގައި އެގޮތަށް ނިންމައިގެންނެވެ.
ދޮގު ހެކިބަސް ދިން ކަމަށް ދައްކަން ދައުލަތުން ފަހުން ހުށަހެޅި ލިޔުންތައް ބަލައިގަތީ އިޖުރާއަތާ ހިލާފަށް ކަމަށް ޔާމީންގެ ފަރާތުން ބުނެ އެވެ. އަދި މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލްގެ އެ ނިންމެވުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ލިޔުމުން ހޯދަން ވެސް ވަނީ އެދިފަ އެވެ.
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
ކްރިކްގެ ދައުވާ ފޮނުވާލައި ޔާމީންގެ ޝަރީއަތް ބާއްވަނީ
ކްރިކް ރިޒާގެ ބައި އަނބުރާ ގެންދަން ޕީޖީން އެދިއްޖެ
އެކައުންޓް ސްޓޭޓްމަންޓް ހޯދާގޮތުން ޔާމީންގެ ކަންބޮޑުވުން
ޔާމީން ފުލުހަށް ހާޒިރުކުރީ ވަކި ބަޔަކު ރުއްސަން:ޖަމީލް
ޔާމީނާއި އާޒިމާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި
ޔާމީން ހައްޔަރުކުރި މައްސަލަ އިސްތިއުނާފަށް ބަލައިގެންފި
އާޒިމާ އަށް އުފުލި ދައުވާގެ ލިޔުންތައް ހަވާލުކޮށްފި
އާޒިމާގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި
ދެވަނަ ހުކުމް ވެސް ބާތިލް، ޔާމީން މިނިވަންވެއްޖެ