ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހަތް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަމުރު ކުރުމާ އެކު އެމަނިކުފާނު މިރޭ މިނިވަންވެއްޖެ އެވެ.
18 އެޕްރީލް 2024
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހަތް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަމުރު ކުރުމާ އެކު އެމަނިކުފާނު މިރޭ މިނިވަންވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް އަދި މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް، ޖުމްލަ 11 އަހަރަށް ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ޑިސެމްބަރު، 2022 ގައި ހުކުމްކުރި އެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން ހަތަރު އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލްކޮށްފަ އެވެ.
މަނީ ލޯންޑްރިންގެ މައްސަލައާ ގުޅިގެން ހައި ކޯޓުން މިރޭ ކުރި ހުކުމުގައިވަނީ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރީ ރިޝްވަތުގެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކަމަށް ވާއިރު، ރިޝްވަތު މައްސަލާގެ ޖަލު ހުކުމް ބާތިލް ކޮށްފައިވާތީ މަނީ ލޯންޑްރިންގެ ކުށުގެ ރުކުން ނެތިގެންދާ ކަމަށެވެ.
ހުކުމުގައިވާ ގޮތުން ދަށު ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން ޔާމީނަށް ޝަރީއަތުގެ ކުރީގެ މަރުހަލާގައި ބައެއް ފުރުސަތު ގެއްލި، ބައެއް ހައްގުތައް ގެއްލިގެން ގޮސްފައިވެ އެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާއިން ފައިސާ ލިބިވަޑައިގަތް ކަމަށް ޔާމީންގެ މާލީ ބަޔާނުގައި އޮތް އޮތުމަކީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ދަށު ކޯޓުން ކަނޑައެޅީ ވެސް ގޯސް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް އަމުރުކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.
އެ މައްސަލާގައި ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް ވެސް ހައި ކޯޓުން މިއަދު ވަނީ ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން އަމުރުކޮށްފަ އެވެ.
އެ މައްސަލަ ބަލަން އަމުރު ކުރުމާ އެކު، އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަލުން ފަށާނެ އެވެ. އަދި ރ. ފުއްގިރި މައްސަލާގައި ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް އުފުލާފައި އެބައޮތެވެ.
ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ބަންދުވި އެވެ. އެއީ ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޮތްނަމަ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާތީ އެވެ.
އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މިދިޔަ އަހަރު ހުށަހެޅުއްވި ނަމަވެސް އެ ކޯޓުން ވެސް ނިންމީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށެވެ.
ޔާމީންގެ ޝަރީއަތް ހޯމަ ދުވަހު ލައިވްކޮށް ދައްކަނީ
ޔާމީންގެ ހަތަރު އަހަރުގެ ޖަލު ހުކުމް ބާތިލްކޮށްފި
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
ޔާމީނަށް ކާމިޔާބު، 52 މިލިއަންގެ އަމުރު ބާތިލް
ފުއްގިރި މައްސަަލަ:ޔާމީންގެ އިސްތިއުނާފް ނާކާމިޔާބު
ފުއްގިރި މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން އެދެފި
52 މިލިއަން ދޭން އެންގި މައްސަލަ ބަލައިގެންފި
ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު
ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި
ޔާމީންގެ ޝަރީއަތް މިފަހަރު ވެސް ލައިވްކުރަން ނިންމައިފި