Roadha Mihaaru
ދީނީ ތަފާތުވުން އަސާސީ ކަމަކަށް ނުހަދާ: ޒިޔާދު

ދީނީ ހިޔާލު ތަފާތުވުމަކީ އަސާސީ ކަމަކަށް ހަދައިގެން ނުވާނެ: ޑރ. ޒިޔާދު

16 ނޮވެމްބަރ 2017

އެންމެންގެ ވެސް ވާޖިބަކަށް ވާން ޖެހޭނީ އިސްލާމްދީނާ ގުޅޭ ސައްހަ މައުލޫމާތުތައް ފޯރުކޮށްދިނުން ކަމަށާއި ދީނީ ހިޔާލު ތަފާތުވުމަކީ އަސާސީ ކަމަކަށް ހަދައިގެން ނުވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެންމެންގެ ވެސް ވާޖިބަކަށް ވާން ޖެހޭނީ އިސްލާމްދީނާ ގުޅޭ ސައްހަ މައުލޫމާތުތައް ފޯރުކޮށްދިނުން ކަމަށާއި ދީނީ ހިޔާލު ތަފާތުވުމަކީ އަސާސީ ކަމަކަށް ހަދައިގެން ނުވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.

އިލްމުވެރިންނަށް ޚާއްސަކޮށްގެން ބާއްވާ ފަސް ވަނަ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ ދިވެހިންގެ އަސާސަކަށް ވާން ޖެހޭނީ އެއްބައިވަންތަ ކަމާއި ޝަރީއަތުގައި ކަނޑައަޅާފައިވާ ވާޖިބުތައް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ގައުމުގެ މުސްތަގުބަލަށްޓަކައި، އިސްލާމްދީން ކުރިމަގުގެ މީހުންނަށް ފޯރުކޮށްދިނުމަކީ ދިވެހިންގެ އަސާސެއް ކަމަށް ވިދާޅުވި އެެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހިންގެ އަމާޒަކަށް ވާން ޖެހޭނީ ރާއްޖެ ހިމާޔަތް ކުރުމެވެ. އެއީ ގައުމަށް ވުރެ އަގުބޮޑު އެއްޗެއް ނޯންނާނެ ކަމަށާއި ދީނީ ހުކުމްތަކާއި އިސްލާމީ އުސޫލުތައް ގާއިމްކު ރެވޭނީ އޭރުން ކަން ފާހަގަކުރެއްވި އެވެ.

"ގައުމު އޮވެގެން އަޅުގަނޑުމެންނަށް ދީނީ ހުކުމްތައް ތަންފީޒު ކުރެވޭނީ. ދީނީ އުސޫލުތައް ގާއިމް ކުރެވޭނީ. ޒަކާތް އޭގެ ހައްގު ފަރާތަށް އަދާކުރެވޭނީ. މިސްކިތްތަކަށް އަރާމާއި އުފަލުގައި ނަމާދު ކޮށްލަން ދެވޭނީ. އެހެންވެ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ ކޮނޑުގައި ވެސް އެޅިފައި އޮތް ޒިންމާ އަކީ ގައުމަކީ އެންމެންނަށް ވުރެ އަގުބޮޑު އެއްޗެކޭ،" އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގައި ކުރި ހޯދާފައިވާ ކޮންމެ ކުރިއެރުމަކީ ވެސް މުސްލިމުންގެ ބިންގާއެއް ކަމަށެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މުސްލިމުންގެ އަތުން އެ އުފެއްދުމެއް ގެއްލިފައި ވަނީ ކަމަށް ޒިޔާދު ވިދާޅުވި އެވެ. އެހެން ދިމާވި އެއް ސަބަބެއް ކަމަށް އިލްމުވެރިން ފާހަގަ ކުރައްވަނީ އެކި ކަންކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތައް ކަމަށް ވެސް ފާހަގަކުރެއްވި އެެވެ.

އިލްމުވެރިންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު (ކ) ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިލްމުވެރިންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު (ކ) ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރަސްކަން ކުރެއްވި ދުވަސްވަރުގެ ތާރީޚަށް ބަލާއިރު، ވެރިކަމުގެ ދަހިވެތިކަމުގައި ކޮންމެ ކަމެއް ވެސް ކޮށްފާނެ ކަން ހެކިދޭ ކަމަށް ޒިޔާދު ވިދާޅުވި އެވެ. ދައުލަތުގެ ހަރުމުދާތައް ވިއްކަން ފެށުމާއި ސޮލީބީންނަށް ހިބައިން ދިނުމަށް ވިސްނާ ފިކުރު ކުރަމުން ގެންދިޔަ ނަމަވެސް އަޅުގަނޑުމެންނަށް އެ ކަމުން ފެނިގެން ދަނީ ތަފާތު ވިސްނުމެއް ކަމަށް ޒިޔާދު ވިދާޅުވި އެވެ.

"މި މިސާލަކީ ފަހަރެއްގައި ސިޔާސީ މިސާލަކަށް ވެދާނެ. އެހެން ނަމަވެސް ތާރީޚީ ފޮތްތަކުގައި ލިޔެފައި އޮތް ހަގީގަތަކީ އާދެ، ދިމިޝްގުގައި ރަސްކަން ކުރެއްވި ބޭކަލެއް ސޯލިހު އިސްމާއިލް ނަމަކަށް ކިޔާ ރަސްކަލެއް. ރަސްކަމުގެ އާރާއި ބާރާއި ދުނިޔޭގެ އެތައް މިތަނަށް ފަތުރަމުން ގެންދިޔަ. ފައިސާ އާއި މުދަލާއި ވެރިކަމުގެ ދަހިވެހިވެތި ކަމުގައި ކޮށްފާނެ ކޮންމެ ފަދަ ކަމެއް އަޅުގަނޑުމެންނަށް ތާރީޚު ހެކިދޭ،" އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

އަމިއްލަ ވަންތަކަމާއި އިސްލާމީ އުސޫލުތަކަށް ވިސްނައިފިނަމަ ދިވެހިން އެފަދަ ބަޔަކަށް ނުވާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

މާދަމާ އިން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ އިލްމުވެރިންގެ މަހާސިންތާގައި ބޭރުގެ ހަ އިލްމުވެރިއަކާއި ރާއްޖޭގެ 90 އިލްމުވެރިން ބައިވެރިވެ އެވެ. އަދި އެކި މައްސަލަތަކާ ގުޅޭ ގޮތުން 11 ކަރުދާހެއް ހުށަހަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.