Roadha Mihaaru
ވޯލްޑް ކަޕްގެ ފަހު ޖާގަ ޕެެރޫ އަށް

ވޯލްޑް ކަޕްގެ ފަހު ޖާގަ ޕެެރޫ އަށް

16 ނޮވެމްބަރ 2017

ލީމާ، ޕެރޫ (ނޮވެމްބަރު 16) - ޕްލޭއޮފް ދެ ވަނަ ބުރުގައި ނިއު ޒީލޭންޑް އަތުން 2-0 އިން މޮޅުވެ ޕެރޫ އިން އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފަހު ޖާގަ ހޯދައިފި އެވެ.

ލީމާ، ޕެރޫ (ނޮވެމްބަރު 16) - ޕްލޭއޮފް ދެ ވަނަ ބުރުގައި ނިއު ޒީލޭންޑް އަތުން 2-0 އިން މޮޅުވެ ޕެރޫ އިން އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފަހު ޖާގަ ހޯދައިފި އެވެ.

ނިއު ޒީލެންޑް ދަނޑުގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެއާ އެކު ރޭގެ މެޗުން މޮޅުވެގެން މި ދެ ޓީމުން ކުރެ ކޮންމެ ޓީމަކަށް ވެސް ވޯލްޑް ކަޕްގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮތެވެ.

ނިއު ޒީލެންޑް ކޮޅަށް ޕެރޫގެ ލަނޑުތައް ކާމިޔާބުކުރީ ކުރިން ޕީއެސްވީ އާއި ޝާލްކާ އަށް ކުޅުނު ޖެފަސަން ފާފާން އާއި ކްރިސްޓިއަން ރާމޯސް އެވެ. މިއީ 1982 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕުން ޕެރޫ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ރޭ އޮސްޓްރޭލިއާ އިން ވޯލްޑް ކަޕް ޖާގައެއް ހޯދީ ޕްލޭއޮފް މެޗުގައި ހޮންޑިއުރަސް އަތުން 3-1 އިން މޮޅުވެގެންނެވެ. މި މެޗުގައި އޮސްޓްރޭލިއާގެ ތިން ލަނޑު ވެސް ކާމިޔާބުކުރީ އެ ޓީމުގެ ކެޕްޓަން އަދި އެސްޓަން ވިލާ އަށް ކުޅޭ މިޑްފީލްޑަރު މައިލް ޔެޑިނަޗް އެވެ. ހޮންޑިއުރަސްގެ ލަނޑު ޖެހީ އަލްބާތު އެލިސް އެވެ. މިއީ އޮސްޓްރޭލިއާ އިން ވަނީ އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕުގައި ވެސް ވާދަކޮށްފަ އެވެ.

ވޯލްޑް ކަޕަށް ކޮލިފައިވި ޓީމުތައް:

ރަޝިއާ، ބްރެޒިލް، އިރާން، ޖަޕާން، މެކްސިކޯ، ބެލްޖިއަމް، ދެކުނު ކޮރެއާ، ސައުދީ އެރެބިއާ، ޖާމަނީ، އިންގްލެންޑް، ސްޕެއިން، ނައިޖީރިއާ، ކޮސްޓަ ރިކާ، ޕޮލެންޑް، މިސްރު، އައިސްލެންޑް، ސާބިއާ، ޕޯޗުގަލް، ފްރާންސް، އުރުގުއާއީ، އާޖެންޓީނާ، ކޮލަމްބިއާ، ޕެނަމާ، ސެނެގޯލް، މޮރޮކޯ، ޓިއުނީޝިއާ، ސްވިޒަލެންޑް، ކްރޮއޭޝިއާ، ސްވިޑެން، ޑެންމާކް، އޮސްޓްރޭލިއާ އަދި ޕެރޫ

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ގުރުނެގުން އޮންނާނީ އަންނަ މަހު އެއް ވަނަ ދުވަހު އެވެ.