Roadha Mihaaru
ޕްރޮފެސަރު އުގެއިލް: އަޅުގަނޑުގެ ވިސްނުމުގައި 2018

ޕްރޮފެސަރު އުގެއިލް: އަޅުގަނޑުގެ ވިސްނުމުގައި 2018

26 ނޮވެމްބަރ 2017

ދިވެހިރާއްޖޭގެ މުސްތަގުބަލާ މެދު މިނިވަންކަމާއި ހިތުގައިވާ ލޯތްބާ އެކު ވިސްނުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ޒިންމާއެއް ކަމަށް އަބަދުވެސް ދެކެން ޖެހެ އެވެ. މިގޮތުން، ހިތަށް ވެރިވާ ޝުއޫރުތައް އާންމު ކުރުމުގައި އެއްވެސް މީހެއްގެ އިޒުނައަކަށް އަޅުގަނޑުމެން އެދޭކަށް ނުޖެހެ އެވެ. ކުރިއަށް އޮތީ އަޅުގަނޑުމެންގެ ހަޔާތުގައި އަނެއްކާވެސް މި ފަހުރުވެރި ގައުމުގެ މުސްތަގުބަލު، އުންމީދާއި އަމާންކަމުގެ މިސްރާބަށް ގެންދިއުމަށް އޮތް މުހިއްމު ފުރުސަތެއް ކަމަށް ދެކޭތީ އަޅުގަނޑުގެ ވިސްނުން ހިއްސާ ކުރާނަމެވެ. ބޭނުމަކީ، ދިވެހި ގައުމުގެ މުސްތަގުބަލު ބައްޓަން ކުރުމުގައި އަޅުގަނޑަށް ކޮށްލަދެވޭނެ ކޮންމެ ކަމެއް ވެސް ކުރުމެވެ.

ޕްރޮފެސާ ހަސަން އުގެއިލް ޕްރޮފެސާ ހަސަން އުގެއިލް

ދިވެހިރާއްޖޭގެ މުސްތަގުބަލާ މެދު މިނިވަންކަމާއި ހިތުގައިވާ ލޯތްބާ އެކު ވިސްނުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ޒިންމާއެއް ކަމަށް އަބަދުވެސް ދެކެން ޖެހެ އެވެ. މިގޮތުން، ހިތަށް ވެރިވާ ޝުއޫރުތައް އާންމު ކުރުމުގައި އެއްވެސް މީހެއްގެ އިޒުނައަކަށް އަޅުގަނޑުމެން އެދޭކަށް ނުޖެހެ އެވެ. ކުރިއަށް އޮތީ އަޅުގަނޑުމެންގެ ހަޔާތުގައި އަނެއްކާވެސް މި ފަހުރުވެރި ގައުމުގެ މުސްތަގުބަލު، އުންމީދާއި އަމާންކަމުގެ މިސްރާބަށް ގެންދިއުމަށް އޮތް މުހިއްމު ފުރުސަތެއް ކަމަށް ދެކޭތީ އަޅުގަނޑުގެ ވިސްނުން ހިއްސާ ކުރާނަމެވެ. ބޭނުމަކީ، ދިވެހި ގައުމުގެ މުސްތަގުބަލު ބައްޓަން ކުރުމުގައި އަޅުގަނޑަށް ކޮށްލަދެވޭނެ ކޮންމެ ކަމެއް ވެސް ކުރުމެވެ.

ފުރަތަމަ ވެސް އަޅުގަނޑުމެން ހަނދާނަށް ގެންނަން ޖެހޭ އެއް ކަމަކީ، މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބޭފުޅުންގެ ހިތަށް ސިފަވާ ދިވެހި ރާއްޖެ މި ހާލަތަށް އައި ގޮތެވެ. ގައުމުގެ ކޮންމެ ފަރުދަކު ވެސް އެމީހެއްގެ އަމިއްލަ ނަފުސުގެ އެދުން ގައުމުގެ ކުރިމަތީ އިސްކުރާކަމަށްވާ ނަމަ، ގައުމުގެ ހާލަތާއި މަސްލަހަތު އިސްކުރާނީ ކޮން ބައެއްތޯ އެވެ؟ ގައުމެއްގެ އާންމު މަސްލަހަތުތައް ހިމާޔަތްކުރާނެ އަމާނާތްތެރި އަދި ތެދުވެރި ދަރިންތަކެއް ނެތް ކޮންމެ ބިމަކަށް އަނަރޫފަކަން ވެރިވަމުން ދާނެ ކަމާ މެދު ކުޑަ ވެސް ޝައްކެއް ނެތެވެ. އެކަމަށް އޮތީ ހަމަ އެންމެ ހައްލެކެވެ. އެއީ ގައުމީ މައްސަލަތަކުގައި ގައުމީ ވިސްނުމަކުން ވިސްނާނެ ދަރިންތަކެއް މި ބިމުގައި ގިނަ ވުމެވެ. އަދި ގައުމީ މައްސަލަތައް ނިންމުމުގައި ގައުމުގެ މަސްލަހަތުތައް އަމިއްލަ އެދުމުގެ ކުރިއަށް އިސްކުރާނެ ވެރިންތަކެއް ނެރުމެވެ. މިކަން ކުރުމަށް އަޅުގަނޑުމެންނަށް ލިބޭނެ އެންމެ އަވަސް ފުރުސަތަކީ މި ސިފަތައް ހުރި ވެރިއަކު ދިވެހި ގައުމަށް އިސްކުރަން 2018 ގައި ލިބޭ ރިޔާސީ އިންތިހާބެވެ.

މިއަދު މިރާއްޖޭގެ ޝަރުއީ، ސިއްހީ އަދި ތައުލީމީ ނިޒާމު މި އޮތީ ބޮއްސުންލައި އޮޔާ ގޮއްސަ އެވެ. ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އަށަގެންފައި އޮތް އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިވަންތަ އާދަކާދަތައް ވެސް މިއަދު މިވަނީ އަތުން ބީވެފަ އެވެ. ކުރުކޮށް ދަންނަވަނީ ނަމަ، މިއަދު އަޅުގަނޑުމެންގެ ކާބަފައިންގެ ލެޔާއި ދަލުން ގުރުބާންވެގެން އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދިން ދިވެހި ގައުމެއް ނެތެވެ. ގައުމުގެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް މިއޮތީ ސުމަކުން ފަށަން ޖެހިފަ އެވެ. މިއަދު ތިމާގެ އަމިއްލަ އެދުންތަކުން އެއްކިބާވެ މިނިވަންކަން މަތީ ހުރެ މި ގައުމުގެ ހާލަތު ވިސްނާ ވަޒަންކުރާ އެއްވެސް ދިވެއްސަކު ފަހުރުވެރިކަމުގެ އަތެއް ނުޖަހާނެ އެވެ. އެމީހެއްގެ ހިތަށް ވެރިވާނީ ވޭނުގެ އަސަރެވެ. އެމީހެއްގެ ސިކުނޑިއަށް ވެރިވާނީ އުދާސް ކަމެވެ.

ގައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނަނީ އެފަސްގަނޑަކުން އުފެދޭ ދަރިންނަށް ލިބިފައިވާ އިލްމާއި ހިލްމު އަދި އެމީހުންގެ ހިތުގައި އުފެދޭ ހިތްވަރާއި ތެދު ނިޔަތުގެ މަތީގައި ކުރާ ބުރަ މަސައްކަތުގެ މައްޗަށެވެ. އެހެންކަމުން، ދިވެހި ދަރިންނަކީ ތައުލީމު ލިބިފައި ތިބި މޮޅު ކުދިންތަކަކަށް ހަދަން ކުރާ މަސައްކަތް ނިމޭ ހިސާބަކީ ސަނަދު ދޭ ހިސާބު ކަމަށްވާ ނަމަ 21 ވަނަ ގަރުނުގެ ވާދަވެރިކަމުގެ ތެރޭގައި ކުރިމަގު ހޯދޭނެ ބަޔަކަށް އެކުދިން ނުވާނެ އެވެ. އަޅުގަނޑުމެންގެ އަމާޒަކަށް ވާން ޖެހޭނީ އުފެއްދުންތެރި، އަދި ނަތީޖާ ނެރެވޭ ދަރިންތަކެއް ބިނާ ކުރުމެވެ. ނިޒާމެއްގެ ތެރޭގައި ޓައި އަޅާފައި ތިބުމަށް ވުރެ ނަތީޖާ ނެރެ ދެއްކުމަށް އިސްކަން ދޭނެ ބަޔަކު އަޅުގަނޑުމެން މިއަދު އުފައްދަން ޖެހެ އެވެ. ކޮންމެ ދުވަހެއް ވެސް ނިމިގެން ދާއިރު "މިއަދު އަހަރެން ކުރީ ކޮން ކަމެއްތޯ" ހިތާހިތުން ސުވާލުކުރާނެ، ޒިންމާދާރު ބަޔަކަށް އެކުދިން ހަދަން ޖެހެ އެވެ. ޒުވާނުންނަށް އިސްކަން ދިނުމަކީ އަމިއްލަ ސިކުނޑިން ގައުމާއި އަމިއްލަ މުސްތަގުބަލާ މެދު ވިސްނޭނެ އަދި ވިސްނާނެ ހީވާގި ދަރިންތަކެއް ބިނާ ކުރުންކަން އަޅުގަނޑުމެންގެ ވެރިން ގަބޫލުކުރަން ޖެހެ އެވެ.

ކޮރަޕްޝަނާއި ފަސާދައިގެ އަލިފާނުގައި ދިވެހި ގައުމު އަނދަމުން ދާތާ އަހަރުތަކެއް މާޒީވަމުން މި ދަނީ އެވެ. މިއީ ގައުމަކަށް ކުރިއަށް ދެވޭނެ މަގު ނޫންކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހެ އެވެ.

މިއަދު ދިވެހިރާއްޖޭގައި މިއޮތް ސިއްހީ ނިޒާމަކީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ނިޒާމެއް ނޫނެވެ. ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާ ބައްޓަން ކުރުމުގައި ހަރުދަނާ ވިސްނުންތަކެއް ކުރިއަށް ނެރެން އެބަ ޖެހެ އެވެ. އަބަދުމެ އަތަށް އެންމެ ފަސޭހަ ގޮތް އެއީ މުސްތަގުބަލަށް އެންމެ މަންފާ ބޮޑު އަދި ދެމެހެއްޓެނިވި މަގު ނޫންކަން ގަބޫލުކުރަން ޖެހެ އެވެ. އަދި ތިމާގެ ސިޔާސީ މަޝްހޫރުކަމާއި މަގުބޫލުކަމުގެ ކުރިއަށް ދެމެހެއްޓެނިވި ގޮތަކަށް ހިންގޭނެ ސިއްހީ ނިޒާމެއް ރޭވުމަށް އިސްކަން ދޭން ޖެހެ އެވެ.

ދިވެހި ގައުމުގެ އިގްތިސާދު ބިނާކުރުމަށްޓަކައި މިއަދު އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ މުހިއްމު ކަންތައްތަކެއް އެބަ ހުއްޓެވެ. މިގޮތުން، ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ހަރުދަނާ ކުރުމާއި، ފަރުދީ އުފެއްދުންތެރިކަން އިތުރުކުރުން މިވަނީ އިންތިހާއަށް ބޭނުން ވެފަ އެވެ. ރާއްޖޭގެ އުފެއްދުންތައް ރާއްޖެއިން ބޭރުކުރެވޭ މިންވަރު ފުޅާކުރުމާއި، ފަތުރުވެރިކަމުގެ ނިޒާމާއި މަސްވެރިކަން އަދި ޓެކްނޮލޮޖީގެ ރޮނގުން ގައުމުގެ ކުރިއެރުމަށް މިއަދު މިވަނީ އާދަޔާ ހިލާފު ތޫނުފިލި ވިސްނުމަކަށް ބޭނުން ވެފަ އެވެ. މިގޮތުން ކުރާ މަސައްކަތްތަކާ އެކު ދިވެހިންނަށް ވިޔަފާރިކޮށް ކުރިއަށް ދެވޭނެ މިނިވަން ވިޔަފާރީގެ ސިޔާސަތުތަކެއް އެކުލަވާލާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެދޭން ޖެހެ އެވެ. އަދި، މިގޮތުން ކުރާ މަސައްކަތުގައި، އެ ވިޔަފާރިތަކަށް ހިންދެމިލެވެންދެން ޓެކްސްގެ ނިޒާމުގެ ތެރެއިން ލުއިތަކެއް ދޭން ޖެހެ އެވެ.

ކޮރަޕްޝަނާއި ފަސާދައިގެ އަލިފާނުގައި ދިވެހި ގައުމު އަނދަމުން ދާތާ އަހަރުތަކެއް މާޒީވަމުން މި ދަނީ އެވެ. މިއީ ގައުމަކަށް ކުރިއަށް ދެވޭނެ މަގު ނޫންކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހެ އެވެ. ގައުމުގެ އިގްތިސާދަށް ކުޅަދާނަނުވާ މިންވަރުގެ ލޯނުތައް ނަގަމުން އެއް އަތުން ގައުމު ދަރަނިވެރިވަމުން ދާއިރު، އަނެއް އަތުން ރައްޔިތުންގެ ނަމުގައި އަދި ތަރައްގީގެ ނަމުގައި ކުރަމުން ދާ ހަރަދު ބާޒާރުގެ އަގުތަކަށް ވުރެ އެތައް ގުނައެއް ބޮޑު ނަމަވެސް، މިފެންނަނީ ތަރައްގީ ކަމަށް ގަބޫލުކުރަން ޖެހުމަކީ ތިމާގެ އަމިއްލަ ނަފްސަށް، ތިމާގެ ދަރިންގެ ނަފްސަށް އަދި އެދަރިންގެ ދަރިންގެ ނަފަސަށް ވެސް އަނިޔާވެރިވުމެވެ. މިހާލަތު ބަދަލު ކުރުމުގައި 2018 ވަނަ އަހަރު އަޅުގަނޑުމެން ގެންނަ ރައީސަކީ ކޮރަޕްޝަނާއި ފަސާދަ އުފެދިގެން އަންނަނީ ކޮންމެ ފަރާތަކުން އަދި ކޮންމެ ބައެއްގެ ތެރެއިން ކަމަށް ވިއަސް، އެކަމާ ދެކޮޅަށް ތެދުވާނެ، އަދި ތެދުވާން ޖެހޭ ސަބަބުތައް ގަބޫލުކުރާނެ މީހަކަށް ވާން ޖެހެ އެވެ.

ދިވެހި މުސްތަގުބަލު އުޖާލާކޮށް، ކުރިއަށްދާން ބޭނުންވާ ދިވެހިންނަށް އޮތް ހަމައެކަނި މަގަކީ ބުރަ މަސައްކަތާއި ތެދު މަގުކަން ގަބޫލުކުރެވޭނެ ވެއްޓެއް ގާއިމްކުރުމަކީ ގައުމުގައި އިޖްތިމާއީ އިންސާފު މަތިވެރިކުރުމަށާއި އިގުތިސާދީ މަންފާ ހަމަހަމަ ކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަންތައްތަކެއްކަން، 2018 ވަނަ އަހަރު އަންނަ ވެރިޔަކަށް ގަބޫލުކުރެވެން ޖެހެ އެވެ.

ދިވެހި ރާއްޖެއަކީ ކިތަންމެ ކުޑަ އަދި މީސްކޮޅު މަދު ގައުމަކަށް ވިޔަސް، މި ރާއްޖެ އަކީ މުޅި ދުނިޔޭގެ ލޯތްބާއި އިހްތިރާމް ހޯދޭނެ ގައުމެކެވެ. އަދުގެ ދުނިޔެ އާއި 21 ވަނަ ގަރުނަށް ލޯ ހުޅުވިފައިވާ، ތެދުވެރި، އަމާނާތްތެރި ދިވެހި ދަރިއަކު ދިވެހި ގައުމުގެ ވެރިކަމަށް ގެނެވިއްޖެ ނަމަ އެ ލަނޑުދަނޑި ހާސިލްކުރެވޭނެ އެވެ. އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުން ދިވެހި ރާއްޖޭގެ މުސްތަގުބަލަށް މުހިއްމެވެ. އަދި ޗައިނާ އާއި އަރަބި އިސްލާމީ ގައުމުތަކާ އެކު އުފެދިފައިވާ ގުޅުންތައް ދަމަހައްޓަމުން، އިންޑިއާ ކަނޑުގައި ދިވެހިރާއްޖެ ކުރަމުން ދާ ދަތުރުގައި އަމާން އައްސޭރިއަކަށް ގެންދެވޭނެ މާލިމީއަކަށް 2018 ގައި ފުރުސަތު ދޭން ޖެހެ އެވެ.

އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ދިވެހިން ވޯޓު ލާން ގޮސް: އަންނަ އަހަރު ރިޔާސީ އިންތިހާބު އޮންނާނެ

އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ދިވެހިން ވޯޓު ލާން ގޮސް: އަންނަ އަހަރު ރިޔާސީ އިންތިހާބު އޮންނާނެ

އަދުގެ އިސްލާމީ ދުނިޔެ އޮތް ހާލަތާ މެދު އަޅުގަނޑުމެން އެންމެން ވެސް ކަންބޮޑުވަމު އެވެ. ވީމާ، މި ހާލަތު ބަދަލުކުރަން އިސްލާމީ ގައުމުތަކާ އެކު މަސައްކަތް ކުރުމަކީ ރާއްޖޭގެ މުސްތަގުބަލާއި އިސްލާމީ އުންމަތުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމަށް ދެކެމެވެ. މި މަސައްކަތް ކުރުމުގެ ޝައުގުވެރިކަމާއި ކެތްތެރިކަން ވެސް ހުރި މީހަކު އަޅުގަނޑުމެންގެ ޒައާމަތަށް އައުމަކީ އަޅުގަނޑުގެ ދުއާ އެވެ.

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި އިންސާނީ ހައްގުތަކަށް ފުށުނާރާ ވެއްޓެއްގައި މިނިވަން ހިޔާލަށް ޖާގަ އޮތް މާހައުލެއް އުފައްދަން ޖެހެ އެވެ. މި ރޮނގުން ދިވެހި މީޑިއާ ކުރިއެރުމަކީ ރާއްޖޭގައި އިލްމީ ބަހުސުތަކަށް އޮތް އެންމެ އިތުބާރު ހުރި އެއް މަގު ކަމަށް އަލަށް އަންނަ ވެރިއަކު ގަބޫލުކުރަން ޖެހެ އެވެ. ވީމާ ގައުމުގެ މުސްތަގުބަލަށްޓަކައި މީޑިއާގެ ދާއިރާ ހަރުދަނާކޮށް އިސްލާމީ އުސޫލުތަކާއި ދިވެހިންގެ ރީތި އާދަކާދަތައް ދަމަހައްޓަން ސީދާ ގޮތެއްގައި ދައުލަތުން އެހީތެރިވާން ޖެހޭނެ ކަން ގައުމުގެ ވެރިމީހާ ދަންނަން ޖެހެ އެވެ.

މިއަދު ގައުމުގެ ހާލަތު މި ގޮތަށް އޮތް ނަމަވެސް ނާއުންމީދު ވާން ޖެހޭ ކަމަކަށް ނުދެކެމެވެ. އެންމެ ކަމެއް ހަނދުމަފުޅަށް ގެންނަވާށެވެ. ދިވެހިންނަކީ ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރުވެފައި އޮތް ދުނިޔޭގެ އޭރު އެންމެ ވަރުގަދަ ލަޝްކަރުގެ ކުރިމަތީ ސާބިތުކަން ދައްކާ ހަނގުރާމައިގައި ކާމިޔާބު ހޯދި ކުޅަދާނަ ބައެކެވެ.

ދިވެހިރާއްޖޭގެ އެންމެ ދަރިއެއްގެ އެންމެ ހައްގެއް ވެސް ނަހަމަ ގޮތުގައި ނިގުޅައި ގަނެވިއްޖެ ނަމަ އެވަނީ މުޅި ދިވެހި ގައުމުގެ ހައްގު ނިގުޅައި ގަނެވުންކަން ވެރިން ގަބޫލުކުރަން ޖެހެ އެވެ. ދިވެހިރާއްޖޭގެ ވެރިޔަކަށް އަންނަން ޖެހޭނީ ތިމާގެ ސިޔާސީ މަސްލަހަތުތައް ކުރިއެރުވުމަށްޓަކައި ދިވެހި އެއްވެސް ދަރިއެއްގެ ހައްގަކަށް ކުޑަ ވެސް އުނިކަމެއް ނުގެންނާނެ ފަދަ ހަމަޔާއި އުސޫލުތަކުގެ މަތީ ހުންނަ ސާބިތު ދަރިއެކެވެ. މިއަދު ނުހައްގުން އަނިޔާ ދެވިފައިވާ ކޮންމެ ދިވެހި ދަރިއަކު މިނިވަންކޮށް، މިނިވަން ދިވެހި ގައުމުގެ ހިދުމަތްތެރިއަކަށް ވުމަށް މަގުފަހިކޮށްދޭން ޖެހެ އެވެ. އަދި ވެރިއެއްގެ އެންމެ އިސް ޒިންމާއަކީ ރައްޔިތުންގެ މެދުގައި އަދުލުވެރިކަން އިސްކުރުންކަން އަބަދުވެސް ހަނދާން ބަހައްޓާނެ ވެރިއަކަށް ދިވެހި ގައުމު ބޭނުންވެ އެވެ.

ދިވެހި ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަކީ ކުރެވޭނެ އަދި ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް، އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރެވޭނީ އަދުލުވެރި އަދި އަދުލުވެރި ވުމުގެ ރޫހު ހުރި ވެރިޔައަކަށެވެ. ބައެއް ކޯޓުތަކާއި ފަނޑިޔާރުންގެ ނިންމުންތަކަކީ މިއަދު ބައްޓަން ކޮށްފައިވާ މާހައުލުން އުފައްދާ ނަތީޖާކަން ހަނދާން ކުރަން ޖެހެ އެވެ. އެ މާހައުލު ބަދަލުވެ ނިޒާމު ބަދަލުކުރުމުން، ގިނަ ފަނޑިޔާރުން އެކަމަށް މަރުހަބާ ކިޔާނެކަން ޔަގީނެވެ. އަދި ފަނޑިޔާރުގެ މިނިވަން ނުވުމުން އަޅުވެތިކަން އެންމެ ބޮޑަށް އިހުސާސްކުރާ އަދި އެކަމުގެ ނިކަމެތިކަން އެންމެ ބޮޑަށް ތަހައްމަލުކުރާ ބަޔަކީ ވެސް ފަނޑިޔާރުންކަން ގަބޫލުކޮށް، ރާއްޖޭގައި އަދުލުއިންސާފު ގާއިމު ކުރެވޭނެކަން ކަށަވަރު ކުރާނެ ވެރިޔަކަށް ގައުމު ބޭނުންވެ އެވެ.

ދިވެހި ގައުމުގެ އެންމެހާ ރައްޔިތުންނާއި ގައުމަށް ހިދުމަތްކޮށްދިން ވެރިން މި ބިމުގައި މިނިވަންކަމާއި އަމާންކަމާ އެކު ހިނގާ ބިނގާވެ އުޅެވޭ ދުވަސް ދުށުމަށް ދަހިވެތިވާނެ އަދި އެދުވަސް އައުމަކީ ވެރިޔަކަށް ހުންނަ މީހާއަށް ހޯދޭނެ ފަހުރުވެރި ކާމިޔާބީއެއް ކަމަށް ދެކެން ޖެހެ އެވެ. އަދި އެންމެ އަޑުގަދަކޮށް ވެރިމީހާ އަށް ތައުރީފުކުރާ ކޮންމެ މީހަކީ ވެރިމީހާ ދެކެ އަދި ގައުމު ދެކެ އެންމެ ބޮޑަށް ލޯބިވާ މީހާ ކަމަށް ނުބަލާނެ، އަދި ސިޔާސަތުތަކާ މެދު ތަފާތު ވިސްނުމަކުން ވިސްނާ ފާޑުކިޔާ ކޮންމެ މީހަކީ ދެކޮޅުވެރިއެއް ކަމަށް ނުބަލާނެ ފަދަ ލޯ ހުޅުވިފައިވާ އަދި ރައްޔިތުންގެ ލޯބި ލިބިގެން ގައުމު ކުރިއަށް ގެންދާނެ ވެރިޔަކަށް 2018 ގައި އަޅުގަނޑުގެ ވޯޓު ދިނުމަށް ތައްޔާރަށް ހުރީމެވެ.

މިނިވަން މުއައްސަސާތަކާއި، ސިފައިންނާއި ފުލުހުންގެ ހިދުމަތް ވެސް ހަރުދަނާކުރެވޭނެ އެވެ. ނަމަވެސް، މިކަން ހާސިލު ކުރެވޭނީ އިސްވެ ދެންނެވި ފަދައިން، ނުފުދުންތެރި ވެރިންގެ މަސްލަހަތުގައި ހިދުމަތް ކުރުމަށް ބައްޓަން ކޮށްފައިވާ މާހައުލު ބަދަލުކުރެވިގެންނެވެ. އެ މުއައްސަސާތަކުގެ އިސް މަގާމުތަކަށް ހަމަޖައްސާ މީހުންނަށް އެމީހުންގެ ވަޒީފާގެ ކުރިއެރުމާއި އަމިއްލަ މަސްލަހަތުތަކާއި ރާއްޖޭގެ މުސްތަގުބަލު ވަނީ ގުޅި ލާމެހިފައިކަން ގަބޫލުކުރެވިގެންނެވެ. އަދި އެމަގަށް މަގު ދައްކާނެ ވެރިޔަކު ދިވެހި ގައުމުގެ ވެރިކަމަށް ގެނެވިގެންނެވެ.

މި ހުރިހާ ވާހަކަތަކަކާ އެކު ވެސް ދަންނަވަންތޯ އެވެ؟ މިއަދު ގައުމުގެ ހާލަތު މި ގޮތަށް އޮތް ނަމަވެސް ނާއުންމީދު ވާން ޖެހޭ ކަމަކަށް ނުދެކެމެވެ. އެންމެ ކަމެއް ހަނދުމަފުޅަށް ގެންނަވާށެވެ. ދިވެހިންނަކީ ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރުވެފައި އޮތް ދުނިޔޭގެ އޭރު އެންމެ ވަރުގަދަ ލަޝްކަރުގެ ކުރިމަތީ ސާބިތުކަން ދައްކާ ހަނގުރާމައިގައި ކާމިޔާބު ހޯދި ކުޅަދާނަ ބައެކެވެ. އަދި އެނޫން ވެސް، މި ދިވެހި ބިން ނިކަމެތި ކުރުމަށް ތެދުވި ކޮންމެ ނުފޫޒެއްގެ ބޮލަށް އަޅުގަނޑުމެން މާޒީގައި ވެސް ގޮންޖެހީމު އެވެ. އަދި މުސްތަގުބަލުގައި ވެސް މާތް ﷲ ގެ ރަހުމަތްފުޅާ އެކު މި ގައުމު ހިނގަމުން ދާނީ އަރުތައިގެ ދެންނެވި މަގުންނެވެ. ސުވާލަކީ، ކާމިޔާބާއި އުންމީދުގެ މިސްރާބަށް މި ގައުމުގެ މުސްތަގުބަލު ދަތުރު ފަށާއިރު އަޅުގަނޑުމެން ވާނީ ގައުމަށް ގެނައި އިސްލާހުތަކުގެ ބައިވެރިންނަށްތޯ ނުވަތަ ކުޅިބަލަން ތިބޭ ފިނޑިންނަށްތޯ އެވެ؟