ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތަކުގައި ވެސް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފި އެވެ.
22 މެއި 2017
ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތަކުގައި ވެސް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފި އެވެ.
އެކަށީގެންވާ ސަބަބެއް ނެތި ވަޒީރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނެގުމުގެ ބާރު ރައްޔިތުން މަޖިލީހަށް ނޯންނާނެ ކަމަށް ކަނޑައަޅަން ދައުލަތުން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ކަނޑައެޅީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް ނެތް ކަމަށެވެ.
ވަޒީރުންގެ އިތުރުން ރައީސާއި ނައިބު ރައީސާއި ފަނޑިޔާރުންނާއި ގާނޫނުއަސާސީގައި ބުނާ މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، މަގާމުން ވަކި ކުރުމުގައި އެ އުސޫލު ހިނގާނެ ކަމަށް ހުކުމުގައިވެ އެވެ.
އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރިޔަސް މަޖިލީހުން ނިންމާ ނިންމުމުގެ ސައްހަކަން ބިނާވާނީ ސުޕްރީމް ކޯޓުން އެކަމުގައި ގޮތެއް ނިންމުމުން ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ. މިއަދުން ފެށިގެން ހުރިހާ ހާލަތެއްގައި ވެސް އަމަލު ކުރަންޖެހޭނީ އެ ހުކުމުގައި ކަނޑައަޅާފައިވާ ގޮތަށެވެ.
ހުކުމުގައިވާ ގޮތުން، ގާނޫނުއަސާސީގައި ބުނާ މިނިވަން މުއައްސަސާތަކުގެ ތެރެއިން އެ ހުކުމުން އިސްތިސްނާ ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު އެކަންޏެވެ. ބާކީ ހުރި މިނިވަން މުއައްސަސާތައް ކަމަށްވާ އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އަދި އޮޑިޓާ ޖެނެރަލްގެ ވެސް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި އެ ހުކުމުގައި ބުނާ އުސޫލު ހިނގަ އެވެ.
"ގާނޫނު އަސާސީގެ ބުނެވިދިޔަ މާއްދާތަކުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއްގެ ސައްހަކަން ބިނާވެގެން ދާނީ އެ ނިންމުމަކާ މެދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅުމަށް ފަހު.." އިތުބާރު ނެތްކަމުގެ ވޯޓުތައް ނެގުމާ ގުޅޭގޮތުން ގާނޫނުއަސާސީގައި އޮންނަ މާއްދާތަކާ ހަވާލާ ދިިނުމަށް ފަހު ހުކުމުގައިވެ އެވެ.
ގާނޫނުއަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ކުރެވޭނީ މަޖިލީހުގެ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތުންނެވެ. ފަނޑިޔާރުން ވެސް ވަކި ކުރެވޭނީ އެ އަދަދަށް ވޯޓު ލިބިގެންނެވެ. އެކަމަކު މި ހުކުމާ އެކު، އެ ބޭފުޅުންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރިޔަސް މަޖިލީހުގެ އެ ނިންމުން ސުޕްރީމް ކޯޓަށް ބަދަލު ކުރެވިދާނެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން އެގޮތަށް ކަނޑައެޅީ ވެރިކަން ހިންގުމުގެ ބާރާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ ފަރާތްތަކާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ އިތުބާރު ނެތް ކަމަށް ފާސްކޮށް، ވަކި ކުރަނީ އިޖްރައާތުގެ ތެރެއިން، އެއް ބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދިނުމަށެވެ.
ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު އައްޔަންކުރައްވައިފި
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކޮށްފި
ފަނޑިޔާރު ޝަހީދަށް މަޖިލީހުން ރުހުންދީފި
ފަނޑިޔާރު ޝަހީދުގެ ނަން ކޮމިޓީން ފާސްކޮށްފި
ޝަހީދުގެ ނަން ދިރާސާކުރަން ކޮމިޓީ އަށް
ބެންޗަށް ބަދަލު ގެންނަ ބިލް ބޭރުނުކޮށް، ކޮމިޓީއަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މި ފަހަރު ކުރިމަތިލެއްވީ ޝަހީދު
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ