Roadha Mihaaru

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހަމީދާއި ސަލީމް އައްޔަން ކުރައްވައިފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު މިއަދު އައްޔަން ކުރައްވައިފި އެވެ.

ސުޕްރީމް ކޯޓަށް ހަމީދާއި ސަލީމް އައްޔަން ކުރައްވައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

11 ޖޫން 2025

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެންމެ މަތީ ކޯޓަށް އައްޔަން ކުރެއްވި އެ ދެ ފަނޑިޔާރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ. އެ ބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ. އެހެންވެ، އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

އޭގެ ތެރެއިން ފަނޑިޔާރު ސަލީމާއި ފަނޑިޔާރު ހަމީދަށް ރުހުން ދިނުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ސަލީމާ އެއްކޮޅަށް 61 މެންބަރަކު ވޯޓު ދެއްވި އެވެ. ހަމީދާ އެއްކޮޅަށް 60 މެންބަރަކު ވޯޓު ދެއްވި އެވެ. އެކަމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ.

ހަމީދު ވަނީ ހައި ކޯޓުގައި 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ފަނޑިޔާރުކަން ކުރައްވައިފަ އެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް އޭނާ ކުރެއްވި އެވެ.

އޭރު މަޖިލީހުން އޭނާ ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓްތަކެއް ޑިސްކައުންޓް އަގުތަކެއްގައި ބައްލަވައިގަނެ, އޭގެ ބަދަލެއްގެ ގޮތުން ހައި ކޯޓުގެ މައްސަލައެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވި ކަމަށް ބުނެ އެވެ.

ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.  އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރު އެވެ.

ސުޕްރީމް ކޯޓަށް އެ ދެ ފަނޑިޔާރުން އައްޔަން ކުރުމާއެކު އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗް މިހާރު ވަނީ ހަމަވެފަ އެވެ. އަދި އެ ކޯޓުގެ ބެންޗުން ތިން މަގާމެއް ހުސްވީ ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ކުރިއަށް ދަނިކޮށް މިދިޔަ ފެބްރުއަރީ މަހު ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑް ކުރުމުންނެވެ. އޭގެ ތެރެއިން ސުއޫދު ކުރިން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އައްޔަންކޮށްފަ އެވެ.