Roadha Mihaaru
ޖޭއެސްސީގެ ނިންމުމަށް މަޖިލިހުން ގޮތެއްނުނިންމޭނެ: އަލީ

ޖޭއެސްސީގެ ނިންމުމެއް ސައްހަ ކަމަށް މަޖިލިހުން ނުނިންމޭނެ: އަލީ ހުސެއިން

17 ޖޫން 2019

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ނިންމުންތަކަކީ ސައްހަ ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލިހުން ކަނޑަނޭޅޭނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ނިންމުންތަކަކީ ސައްހަ ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލިހުން ކަނޑަނޭޅޭނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމާފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ ސަސްޕެންޝަނަށް އަމަލުކުރުން ހުއްޓުވައި، އިތުރު ފިޔަަވަޅެއް ނާޅަން އެ ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރުކޮށްފަ އެވެ. އެ އަމުރާ ގުޅިގެން ޖޭއެސްސީން ބޭއްވި ބައްދަލުވުމެއްގައި ވަނީ އެ ކޮމިޝަންގެ ނިންމުން ދެމިއޮތް ކަމަށް ކަނޑައަޅައިފަ އެވެ.

އެހެންވެ، ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޖޭއެސްސީގެ ދެ ނިންމުމުގައި ގާނޫނީ ބާރު އެބައޮތް ކަމަށް މަޖިލިހުން ކަނޑައަޅައި ދިނުމަށް ކޮމިޓީ އަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފެވެ. އެ ހުށަހެޅުމަށް ދެކޮޅު ހެއްދެވީ އަލީ ހުސެއިން އެކަންޏެވެ.

އެކަމަކު، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ހަސަން ލަތީފްގެ އެ ހުށަހެޅުއްވުން ފާސްކޮށްފަ އެވެ. އަދި ކޮމިޓީ ރިޕޯޓު ވަނީ މަޖިލިހުގެ ތަޅުމަށް ފޮނުވައިފަ އެވެ.

ޖުޑިޝަރީ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން ވާހަކަ ދައްކަވާ އިރު، ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިން (ކ) އަޑު އައްސަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖުޑިޝަރީ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން ވާހަކަ ދައްކަވާ އިރު، ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިން (ކ) އަޑު އައްސަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖުޑިޝަރީ ކޮމިޓީގައި އަލީ ހުސެއިން ވިދާޅުވީ މަޖިލިހަކީ ކޯޓުތައް ގޮތަށް "އޮޕަރޭޓް ކުރަން" ޖެހޭ ތަނެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މަޖިލިހަކީ ވަކި ކަމެއް އިއުލާން ކުރަން އޮންނަ ތަނެއް ނޫން ކަމަށާއި އެތަނަކީ ގާނޫނު ހެދުމާއި ޖަވާބުދާރީ ކުރުވަން އޮންނަ ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކަމެއް ކޮމިޝަނަކުން ނިންމުމަށް ފަހު، އެކަމުގެ ރަނގަޅު ކަން ނުވަތަ ނޫން ކަން، ގާނޫނާ އެއްގޮތަށް ނިންމާފައިވާ ކަން ނުވަތަ ނޫން ކަން ނިންމާނީ ކޯޓުތަކުން. މަޖިލިހަކީ އަދި ކޮމިޓީއަކީ ޒިންމާދާރު ކުރުވުމާއި ޖަވާބުދާރީކުރުވަން އޮންނަ ކޮމިޓީއެއް،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ނިންމުމަކީ ގޯސް ނުވަތަ ބާތިލް ނިންމުމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން އަދި ކަނޑައަޅާފައެއް ނުވެ އެވެ. ޑީޑީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުމާ މެދު ވަކި ގޮތެއް ކަނޑައަޅާފައި ނުވާ އިރު، މަޖިލިހުން އެއީ ރަނގަޅު ނިންމުމެއް ކަން ނުވަތަ ނޫން ކަން ކަނޑައަޅަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނިންމަން ޖެހިއްޖެއްޔާ މިސާލަކަށް އޭސީސީ އިން ވެސް ނިންމުމެއް ނިންމާފައި މަޖިލީހަށް ފޮނުވައިފާނެ އެ ކޮމިޝަނުން ނިންމި ނިންމުން ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދޭށޭ ބުނެފައި،" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވި ގޮތުގައި ތިން ބާރު ވަކިވެފައިވާ ތަނެއްގައި ކޯޓުތަކުން ކަނޑައަޅާ ހެން ރަނގަޅު ނިންމުމާއި ގޯސް ނިންމުން ކަނޑައަޅަން ފަށައިފި ނަމަ މިނިވަން މުއައްސަސާއެއްގެ މަސައްކަތުގެ ތެރެއަށް މަޖިލީހަށް ވަދެވެނީ އެވެ.

ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން، ޖޭއެސްސީން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާ ނިންމުންތަކަކީ ގާނޫނީ ބާރު ފުރިހަމަ އަށް އޮތް ނިންމުންތަކެކެވެ. އެހެންވެ، އެ ކޮމިޝަނުން ނިންމި ނިންމުންތަކުގައި ގާނޫނީ ބާރު އޮތް ކަމަށް މަޖިލިހުން ކަނޑައަޅަން ޖެހޭ ކަމަށް ބުނެފައި ވެ އެވެ.

ރިޕޯޓުގައި ވަނީ ދައުލަތުގެ އެހެން މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ ގާނޫނީ އިހްތިސާސްގެ ތެރެއަށް ނުވަނުމަށް ސުޕްރީމް ކޯޓަށް މަޖިލީހުން އިލްތިމާސް ކުރަން ހިމަނައިފަ އެވެ.

މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ކަމަށް ވާއިރު، އެ ޕާޓީ އޮތީ ޖޭއެސްސީ ފަޅީގަ އެވެ. އެހެންވެ، މަޖިލިހުގެ ތަޅުމުން ފާސްވާނެ ކަމަށް ބެލެވެނީ އެމްޑީޕީ ބޭނުންވާ ގޮތަށް އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ދެކޮޅަށެވެ.