Roadha Mihaaru
އުއްތަމަފަނޑިޔާރު ކަމަށް ޑީޑީ އައްޔަންކުރަން ފާސްކޮށްފި

އުއްތަމަ ފަނޑިޔާރު ކަމަށް ޑީޑީ އައްޔަންކުރަން ފާސްކޮށްފި

27 ޖޫން 2018

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑރ. ޑީޑީ) އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ. އަދި ހައި ކޯޓުގެ ދެ ފަނޑިޔާރަކު، ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ވެސް މަޖިލީހުން ފާސްކުރި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑރ. ޑީޑީ) އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ. އަދި ހައި ކޯޓުގެ ދެ ފަނޑިޔާރަކު، ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ވެސް މަޖިލީހުން ފާސްކުރި އެވެ.

މިއީ 2010 ގައި އިންތިގާލީ މަރުހަލާ ނިމި، ދާއިމީ ސުޕްރީމް ކޯޓު އެކުލަވައިލި ފަހުން އައްޔަން ކުރާ ތިން ވަނަ އުއްތަމަ ފަނޑިޔާރެވެ. ދާއިމީ ސުޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ އަހުމަދު ފާއިޒް ހުސައިނެވެ. އޭނާ 2014 ގައި މަގާމުން ވަކިކުރީ ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ސުޕްރީމް ކޯޓުގެ ބެންޗުން ކުޑަކުރުމުގެ ގޮތުންނެވެ.

އޭގެ ފަހުން، އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އިސްތިއުނާފް މަރުހަލާތައް މިދިޔަ ހަފުތާގައި އެމަނިކުފާނު ވަނީ މަގާމުން ވަކިވެފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަލީ ހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އިސްތިއުނާފުގެ ހުރިހާ މަރުހަލާތައް ނިމިފައިވާތީ، އެ މަގާމު ވެސް އޮތީ ހުސްކޮށެވެ.

އެ ދެ ބޭފުޅުންގެ މަގާމު ގެއްލުނީ ފަނޑިޔާރުންގެ ގާނޫނަށް ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގައި ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އިސްތިއުނާފް މަރުހަލާ ނިމުމާއެކު، އޮޓޮމެޓިކުން މަގާމުން ވަކިވާނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ. ކުރިން ނަމަ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ރަައްޔިތުންގެ މަޖިލީހުގައި ވޯޓު ލައިގެންނެވެ.

ޑރ. ޑީޑީ، އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މިރޭގެ ޖަލްސާގައި ފާސްވީ ވޯޓުގައި ބައިވެރިވި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 36 މެމްބަރުންގެ އިއްތިފާގުންނެވެ. ދެ ވަނަ ދައުރުގެ ޖަލްސާތައް ފެށުނު ފަހުން، އިދިކޮޅު އެއްވެސް ޕާޓީއެއްގެ މެމްބަރަކު ޖަލްސާތަކަށް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ. އެހެންވެ، އެ މެމްބަރުން މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވި ޑރ. ޑީޑީ، (ކ) ކޯޓުތަކުގެ ބައެއް ބޭފުޅުންނާ ސަލާމްކުރައްވަނީ.- ފޮޓޯ: މިހާރު

އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވި ޑރ. ޑީޑީ، (ކ) ކޯޓުތަކުގެ ބައެއް ބޭފުޅުންނާ ސަލާމްކުރައްވަނީ.- ފޮޓޯ: މިހާރު

މީގެ އިތުރުން، ހައި ކޯޓުގެ މިހާރުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ވަކި ވަކިން މަޖިލީހުގައި ނެގި ވޯޓުގައި ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 36 މެމްބަރުންގެ އިއްތިފާގުންނެވެ.

މި ތިން ބޭފުޅުންގެ ނަން ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އަޣުލަބިއްޔަތުން ވެސް ނިންމާފައިވަނީ އުއްތަމަ ފަނޑިޔާރު ކަމަށް ޑީޑީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުﷲ ދީދީ އާއި އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރަން ފެންނަ ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރެއްވި ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުން ވަނީ ތިން ބޭފުޅުންނަކީ ދިވެހި ގައުމަށް ވަފާތެރި، މިނިވަން ކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ވިދާޅުވެފަ އެވެ. އަދި ތިން ބޭފުޅުންނަކީ ގާބިލް ބޭފުޅުންތަކެއް ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

މީގެ ދުވަސްތަކެއް ކުރިން ސުޕްރީމް ކޯޓު ތެރޭގައި ހިނގައިދިޔަ ކަންކަމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ވިދާޅުވި އެވެ. ޖުޑިޝަރީގެ ތެރޭގައި ހުރި މައްސަލަތައް ނުހިނގާ ދިގުލައިގެންދާކަން ފާހަގަ ކުރައްވައި، ބައެއް މެމްބަރުން ވިދާޅުވީ ޖުޑިޝަރީއަކީ އިތުބާރު ބޮޑު ތަނަކަށް ހެދުމުގައި ތިން ބޭފުޅުން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ނަންތަކުގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ ބޭފުޅުންނެވެ. އެގޮތުން ތިން ބޭފުޅުންގެ ނަން މަޖިލީހަށް ހުށަހެޅުއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އުއްތަމަ ފަނޑިޔާރު ކަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ވަކި ޚާއްސަ އަޣުލަބިއްޔަތެއް ގާނޫނުއަސާސީގައި ނޯވެ އެވެ. އެހެންވެ، މަދުވެގެން 21 މެމްބަރުން ބައިވެރިވާ ޖަލްސާއެއްގައި ވޯޓު ދޭ މެމްބަރުންގެ އަޣުލަބިއްޔަތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެވޭނެ އެވެ.

އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރަން ނިންމި ފަނޑިޔާރު ޑީޑީ އަކީ 2010 ވަނަ އަހަރު ދާއިމީ ސުޕްރީމް ކޯޓު އެކުލަވައިލި އިރު، އެ ކޯޓުގެ ބެންޗަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އެ މަނިކުފާނަކީ ރާއްޖޭގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ހަމައެކަނި ބޭފުޅާ އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަކީ ކުރިން ޖިނާއީ ކޯޓުގައި މަސައްކަތް ކުރެއްވުމަށް ފަހު، 2015 ގައި ހައި ކޯޓަށް އައްޔަން ކުރި ފަނޑިޔާރެކެވެ. ފަނޑިޔާރު އަބްދުލްޣަނީ އަކީ 2004 ވަނަ އަހަރުން ފެށިގެން ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ބޭފުޅެކެވެ.

އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 72،000ރ. ލިބޭ އިރު، ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް 70،000ރ. ލިބެ އެވެ.