Roadha Mihaaru
ޑީޑީ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލިހުން ފާސްކޮށްފި

ފަނޑިޔާރު ޑީޑީ މަގާމުން ވަކިކުރަން މަޖިލިހުން ފާސްކޮށްފި

28 އޯގަސްޓް 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމައި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމައި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ކުރިން މަސައްކަތް ކުރެއްވި ޑީޑީ ވަކިކުރަން މަޖިލިހުން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.

އެކަމަކު އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން 2017 ގައި ކޮށްފައިވާ ހުކުމުގައިވާ ގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހުން ފާސް ކުރިޔަސް، އެކަމުގައި ފަސް ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.

މިއީ ޖޭއެސްސީ އިން ބަލަމުން އައި މައްސަލައެއް ސާބިތުވެގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް މަޖިލިހުން ވަކިކުރަން ނިންމި ފުރަތަމަ ފަހަރެވެ. މީގެކުރިން ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމުމާ ގުޅިގެން މަޖިލިހުން އޭނާ ވަނީ ވަކިކޮށްފަ އެވެ.

ޑީޑީގެ މައްސަލަ ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ބެލުމަށް ފަހު، ނިންމާފައި އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑީޑީ ވަކިކުރުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑީޑީ އައްޔަން ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ގަ އެވެ. ދީދީ އަކީ ކުރިން ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވުމަށް ފަހު، 2015 ގައި ހައި ކޯޓަށް އައްޔަން ކުރި ފަނޑިޔާރެކެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިންބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ. މަޖިލިހުގައި މިހާރު 87 މެމްބަރުން ތިއްބަވާ އިރު، ތިންބައި ކުޅަ ދެ ބައި މެމްބަރުންގެ ގޮތުގައި ބަލާނީ 58 މެމްބަރުންގެ ވޯޓެވެ.

ޑީޑީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ފަނޑިޔާރު ޑީޑީ އަށް ވެސް ފައިސާ ލިބިފައި އޮތް ކަމަށް ތުހުމަތުކުރެވުމެވެ. ޑީޑީ ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އޮތް ޖޭއެސްސީން އެކުލަވާލި ރިޕޯޓުގައި ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ ޑީޑީގެ ފޯނުން ކުރި މުއާމަލާތްތަކުގެ ސަބަބުން އެކަނި ވެސް އޭނާގެ އިތުބާރު ގެއްލި، ފަނޑިޔާރުކަން ކުރުމުގެ ކުފޫ ހަމަނުވާ ކަމަށެވެ. ޑީޑީގެ މައްޗަށް ޖިނާއީ އެތައް ތުހުމަތެއް ކުރެވޭ އިރު، އެ މައްސަލަތައް ބަލައި ތަހުގީގު ކުރަން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ޑީޑީ ފަނޑިޔާރު ކަމުން ވަކިކުރަނީ އެއްވެސް ބަޔަކަށް ފާޑު ކިޔަން އެއްވެސް ފުރުސަތެއް ނުދީ ކަމަށެވެ. ޑީޑީ ވަކިކުރުމުގެ ކުރިން ހުރިހާ އިޖުރާއުތަކެއް ފުރިހަމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑީޑީ ކުރައްވާފައި ހުރި "ހަޑި މުޑުދާރު" ކަންކަމަކީ ރައްޔިތުންނަށް ޒަމާންތަކެއް ވަންދެން ފެނިފައި ހުރި ކަންކަން ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓާއި އެހެން ކޯޓުތަކުގައި ތިބި ކަމުނުދާ ފަނޑިޔާރުން އެތަނުން ވަކިކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަދު މި ފެނިގެން ދަނީ ރައްޔިތުންނަށް އިންސާފު ގާއިމުކޮށްދޭނެ ކަމުގެ ހެއްކެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ސުލޫކީ ކަންކަމާ ހިލާފުވާ ފަނޑިޔާރުންނާ މެދުގައި ފިޔަވަޅު އަޅުއްވައި އެ ބޭފުޅުން ފަނޑިޔާރުގެތަކުން ބޭރު ކުރައްވާނެ ކަމަށެވެ. އެކަމަކު، މިއީ ވަކި ބޭފުޅަކަށް އަމާޒުކޮށްގެން ކުރައްވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިނގި ދުވަސްވަރު، އޭރުގައި ދައުލަތުގެ ބާރުތަކުގައި ތިބި ހުރިހާ ބޭފުޅުންގެ މައްޗަށް ނުފޫޒު ފޯރާފައި އޮތް ކަން، ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކުން ދަނީ ހާމަވަމުންނެވެ. އެހެންވެ، އެމްއެމްޕީއާރުސީގެ ނުފޫޒު ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ފޯރާފައި އޮތީ ކިހާ މިންވަރަށްތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މިންވަރު ހޯދޭނީ އެމްއެމްޕީއާރުސީގެ މައްސަލަ އަވަސްކޮށްގެން. އެބަ ޖެހޭ އެމްއެމްޕީއާރުސީގެ މައްސަލަ އަވަސްކޮށް އެމީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން،" ނިޔާޒް ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ޑީޑީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ނިންމައިފަ އެވެ. ޑީޑީ ފަހުން، ވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ.