Roadha Mihaaru

އަޅުގަނޑަށް އިންސާފެއް ނުލިބުނު، މިއީ ޖުޑިޝަރީއަށް ދިން ހަމަލާއެެއް: އަޒްމިރަލްދާ

ސުޕްރީމް ކޯޓު ހުއްޓުވާލުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ޖުޑިޝަރީއަށް ދިން ހަމަލާއެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މިއަދު ވަކިކުރި ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވެއްޖެ އެވެ.

އިންސާފެއް ނުލިބުނު، މިއީ ޖުޑިޝަރީއަށް ދިންހަމަލާއެެއް
ނާޒިމް ހަސަން
ނާޒިމް ހަސަން

14 މެއި 2025

ސުޕްރީމް ކޯޓު ހުއްޓުވާލުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ޖުޑިޝަރީއަށް ދިން ހަމަލާއެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މިއަދު ވަކިކުރި ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވެއްޖެ އެވެ.

މަގާމުން ވަކިކުރުމާ އެކު، އަޒްމިރަލްދާ ނެރުއްވި ދިގު ބަޔާނެއްގައި ވިދާޅުވީ އޭނާއަށް މިއަދު އިންސާފެއް ނުލިބުނު ކަމަށެވެ. އެކަމަކު މިއީ ހަމައެކަނި އޭނާ އާއި މިއަދު މަގާމުން ދެން ވަކިކުރި ފަނޑިޔާރު މަހާޒު އާލީ ޒާހިރާއި އިސްތިއުފާ ދެއްވި ހުސްނުއްސުއޫދަށް ފަރުދީ ގޮތުން ރައްދުވި ހަމަލާއެއް ނޫން ކަމަށް އަޒްމިރަލްދާ ވިދާޅުވި އެވެ.

"ލުއި ގޮތަކަށް އަތުން ފޮޅާލެވޭވަރު ކަމެއް ނޫނެވެ. އަޅުގަނޑު އުންމީދު ކުރަނީ މި ގައުމުގައި ގާނޫނުގެ ވެރިކަން ހިނގާ ދުވަހަކުން އަޅުގަނޑު ފޮނުވާފައި ހުރި ސިޓތަކުގެ އަލީގައި ފިޔަވަޅު އެޅި މި ގައުމުގައި ސުޕްރީމް ކޯޓު ފުނޑާލުމުގައި ބައިވެރިވި އެކި ފަންތީގެ އެންމެހައި ވެރިންނާއި މުވައްޒަފުންގެ މައްސަލަތައް ބަލައި އިންސާފު ގާއިމުކުރެވޭނެ ކަމަށެވެ،" ފަނޑިޔާރުގެ ބަޔާނުގައި ވެ އެވެ.

އަޒްމިރަލްދާ ވިދާޅުވީ، ސަރުކާރާއި މިނިވަންކަމަށް ބުނާ ހުރިހާ މުއައްސަސާތައް ހިމެނޭހެން ދައުލަތުގެ ތިން ބާރުގެ ވެސް ކޮންޓްރޯލް އޮތީ ކިހިނެއްކަން މި މައްސަލާގައި އިންސާފު ހޯދުމަށް މަސައްކަތް ފެށިއިރު ވެސް އޮޅިފައި ނުވާ ކަމަށެވެ. ކިތަންމެ ދަތި އުނދަގޫ ހާލަތްތަކެއްގައި ވިޔަސް ރާއްޖޭގެ އެންމެހައި މެއިންސްޓްރީމް މީޑިއާތަކުން އޭނާގެ މައްސަލަތަކުގެ ޚަބަރުތައް ތަފްސީލުކޮށް ރިޕޯޓު ނުކުރެއްވި ނަމަ ސިއްރިޔާތުގައި މީގެ މާކުރިން އޭނާ ހުންނާނީ ވަޒީފާއިން ވަކިކޮށްފައި ކަމަށް ވެސް އަޒްމިރަލްދާ ވިދާޅުވި އެވެ.

"މީޑިއާއިން މި މައްސަލައަށް ދެއްވި ސަމާލުކަމަށާއި ހަގީގަތްތައް ރައްޔިތުންނާ ހަމައަށް ގެނެސް ދެއްވުމުގައި އަދާކުރެއްވި ދައުރަށް ޝުކުރު ދަންނަވަމެވެ. މީޑިއާތަކުން މި މައްސަލައަށް މިހާ ޝައުގުވެރިކަން ދެއްވީ އެއީ ހަތަރުވަނަ ބާރަށްވާތީވެ، ގާނޫނުއަސާސީ އާއި ގާނޫނުތައް ދަމަހައްޓައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ފާރަވެރިއަކަށް ވާތީ ކަމުގައި ދެކެމެވެ. މީޑިއާއިން ނެންގެވީ އަޅުގަނޑުގެ ކޮޅެއް ނޫނެވެ. ގާނޫނުގެ ކޮޅެވެ،" އަޒްމިރަލްދާ ވިދާޅުވި އެވެ.

އަޒްމިރަލްދާ ވިދާޅުވީ އޭނާގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދައުލަތުގެ ކޮންމެ އިދާރާއަކަށް ހުށަހެޅި ކޮންމެ މައްސަލައެއް އަދި ޝަކުވާއެއްގައި ހިމެނޭ ކޮންމެ ކަމެއް އަކުރުން އަކުރަށް ސާބިތުކޮށް ދެވޭނެ ކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށެވެ. ނެތީ އެ ވާހަކަތައް އަޑުއަހައި، ތަހުގީގުކޮށް އިންސާފު ގާއިމް ކުރާނެ ބަޔަކު ތިބި އިދާރާއެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވަޒީފާއާ ހެދި އަޅުގަނޑުގެ ފިރިމީހާއާ އާއިލާ ތަހައްމަލު ކުރަންޖެހުނު ކަހަލަ ކަންކަން އެހެން އެއްވެސް މީހެއްގެ މައްޗަށް އަންނާކަށް އަޅުގަނޑު ނޭދެމެވެ. ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މައުސޫމް މީހުން ފްރޭމް ކުރުމުގައި ބައިވެރިވެ ކުށްކުރި މީހުންނަށް ކޮންމެވެސް ދުވަހަކުން އިންސާފުވެރި އިޖުރާއަތަކުން ހައްގު އަދަބު ލިބޭތަން ދެކެން އަޅުގަނޑު ބޭނުމެވެ،" އަޒްމިރަލްދާ ވިދާޅުވި އެވެ.

"ދިވެހިރާއްޖެއަށް އަދި ޝަރުއީ ނިޒާމަށް ހެޔޮގޮތް މިންވަރު ކުރެއްވުމަށް އަޅުގަނޑު އަބަދުވެސް އެދެމެވެ."

އަޒްމިރަލްދާ ވިދާޅުވީ:

- ގާނޫނީ، ޝަރުއީ ދާއިރާގައި ހޭދަކުރެއްވި ސައުވީހަކަށް އަހަރު ދުވަހުގެ ތެރޭގައި ދުވަހަކު ވެސް މަގާމުގެ ނަހަމަ ބޭނުންކޮށްގެން އަމިއްލަ ފައިދާއަކަށްޓަކައި ނުވަތަ އެހެން މީހެއްގެ ފައިދާއަކަށް ވެސް އެއްވެސް ފަރާތެއްގެ މައްޗަށް ނުފޫޒު ފޯރުވާފައެއް ނޯންނާނެ ކަމަށާއި އެފަދަ ކަމެއް ކުރެއްވި ކަމަށްު ބުނެ ހެކި ދެއްކޭނެ މީހަކު ވެސް ނުހުންނާނެ ކަމަށް.

- ހުރިހާ ކަމެއްގެ ތެރޭގައި ވެސް ނުފޫޒަށް ނުވަތަ ޕްރެޝަރަށް ދީލާ ނުލައި، ވަކި ފިކުރަކަށް ބައިއަތު ނުހިފައި، އަބުރާއި ނަފްސު ދިފާއު ކުރުމަށް ނުކުތީ މި މައްސަލަ ނިމޭނީ މި ނަތީޖާއިންކަން އެނގިވަޑައިނުގަންނަވާތީ ނޫން ކަމަށާއި ބޭނުންވެވަޑައިގަތީ ފަސޭހަ ގޮތް އިހްތިޔާރު ކުރުމަކަށް ނޫން ކަމަށް. އަދި ބޭނުންވެވަޑައިގަތީ ދިވެހިރާއްޖޭގައި ފަނޑިޔާރުން ތިބި ނިކަމެތި ހާލަތު މުޅި ގައުމަށް ފެންނަން ކަމަށް.

- ވެރިކަން ހިންގާ ބާރާއި ގާނޫނު ހެދުމުގެ ބާރު މިނިވަންކޮށް ހިނގުމަށް ގާނޫނުއަސާސީ ތަސައްވަރު ކުރިޔަސް އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް މި މިނިވަންކަން އޮންނަނީ ހަނިކުރެވިފައި ކަމަށް އަދި އިދާރީ އެންމެހައި ކަންކަމާއި މާލީ އެންމެހައި ކަންކަން އޮންނަނީ އަނެއް ދެ ބާރަށް ގޮތް ކަނޑައެޅުން ޝާމިލުވާ ގޮތަށް ކަމަށް. އަނެއް ދެ ބާރުގައި ތިއްބަވައިގެން ވަކި ވަކި ފަރުދުންނާ ޚިލާފަށް، ރާއްޖޭގެ ކޮންމެ ފަނޑިޔާރެއްގެ ވަޒީފާ އޮންނަނީ ސިޔާސީ ފަރާތްތަކުގެ ނުފޫޒުގައި ދަށުވެފައި ކަމަށް.

- ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ލިބިދެވެންޖެހޭ ކަމަށާއި އަނެއް ދެ ބާރު ދަށު ނުވާ، އެކަމަކު އެ ދެ ބާރުން ފާރަވެރިވާ ބާރެއްގެ ގޮތުގައި އޮންނަން ޖެހޭ ކަމަށް

- ރާއްޖޭގެ އެއްވެސް އިދާރާއަކުން އޭނާ ހުށަހެޅުއްވި ޝަކުވާއެއް ނުބަލާ ކަމަށާއި ޖޭއެސްސީން ޚިޔާރުކުރީ ދޮގު ރިޕޯޓެއް ހަދައިގެން އޭނާގެ މަގާމުން ވަކިކުރުމަށް ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޚިޔާރުކުރީ ކޮރަޕްޝަން ހިންގައި ސުޕްރީމް ކޯޓު ވައުކޮށްލުން ކަމަށް.

އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރަން މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، އެ ދެ ބޭފުޅުންނާ މެދު އެ މައްސަލަ ބަލައި ތަހުގީގު ހިންގާފައިވަނީ އިޖުރާއަތް ފުރިހަމަނުކޮށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވާފައިވެ އެވެ.

ޖުޑިޝަރީ ކޮމިޓީއަށް ފިލްޒާ ލަފާ ދެއްވާފައިވަނީ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމުގައި ޖޭއެސްސީން އަމަލު ކޮށްފައިވަނީ އެ ކޮމިޝަންގެ ގާނޫނުގައި ބަޔާންކުރާ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީގެ ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަ ނުކޮށް ކަމަށެވެ.

ނަމަވެސް، ޖުޑިޝަރީ ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައިވަނީ އެ މައްސަލައަކީ އާންމު ފަރާތަކުން ޖޭއެސްސީއާ ހިއްސާކުރި މައުލޫމާތަކާ ގުޅިގެން، އެ ކޮމިޝަނުން އިސްވެ ބެލުމަށް ނިންމި މައްސަލައެއް ކަމަށެވެ. އަދި ކޮމިޝަނަށް އެ ބާރު އޮތްކަން ޖޭއެސްސީގެ ގާނޫނުގެ 23 ވަނަ މާއްދާއިން އެނގޭ ކަމަށް ރިޕޯޓްގައިވެ އެވެ.

ޖޭއެސްސީގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ 'މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީ' އިން މައްސަލައެއް ނުބެލުމަށް ނިންމާ ހާލަތުގައި ވެސް އެ މައްސަލައެއް ބެލުމަށް ނިންމުމުގެ ބާރު ޖޭއެސްސީގެ ގާނޫނުން ކޮމިޝަނަށް ލިބިދޭ ކަމަށާއި އަދި ކޮމިޝަނުން އިސްވެ މައްސަލަ ބަލަން ނިންމައި ތަހުގީގު ހިންގާފައިވާ ގޮތުގެ އިޖުރާއަތުގައި ގޯހެއް އުޅޭކަން ކޮމިޓީއަށް ގަބޫލު ނުކުރެވޭ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް އެދިވަޑައިގަތެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފަ އެވެ. ނަމަވެސް، ކޮމިޓީން އެ ފުރުސަތު ދީފައެއް ނުވެ އެވެ.