ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެެއް ބަލާފައިވަނީ އިޖުރާއަތު ފުރިހަމަ ނުކޮށް، ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފާ ގޯސް ކަމަށް ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ ވިދާޅުވެއްޖެ އެވެ.
14 މެއި 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެެއް ބަލާފައިވަނީ އިޖުރާއަތު ފުރިހަމަ ނުކޮށް، ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފާ ގޯސް ކަމަށް ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ ވިދާޅުވެއްޖެ އެވެ.
ޖުޑިޝަރީ ކޮމިޓީއަށް ފިލްޒާ ލަފާ ދެއްވާފައިވަނީ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމުގައި ޖޭއެސްސީން އަމަލު ކޮށްފައިވަނީ އެ ކޮމިޝަންގެ ގާނޫނުގައި ބަޔާންކުރާ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީގެ ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަ ނުކޮށް ކަމަށެވެ.
ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭގޮތުން ޖޭއެސްސީން ފޮނުވާފައިވާ މައްސަލައަށް މަޖިލީހުގެ މިއަދު ޖަލްސާގައި ބަހުސް ކުރައްވަމުން މާފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރިޒާ ވަނީ ތަހުގީގު ހިންގުމުގައި ޖޭއެސްސީން އަމަލުކުރި ގޮތް ދިފާއު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމޭނީ ހަމައެކަނި މައްސަލަ ބެލުމާ މެދު ގޮތް ނިންމާ ކޮމިޓީއަށް ކަމަށް ފިލްޒާ ވިދާޅުވެފައިވަނީ ގޯސް މާނަ ކުރުމެއްގެ ތެރެއިން ކަމަށެވެ. އެއީ، ޖޭއެސްސީގެ ގާނޫނުގައި ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ނުބެލުމުގެ ބާރާއި މުރާޖައާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބޭތީ ކަމަށެވެ. އަދި ގާނޫނުގެ 23 ވަނަ މާއްދާގައި (ހ)ގައި މައްސަލައެއް ބެލުމާ ގުޅޭގޮތުން ކޮމިޓީ ނުވަތަ ކޮމިޝަނުން ގޮތެއް ނިންމިދާނެ ކަމަށް ބަޔާންކޮށްފައިވުމުން ވެސް އެނގިގެން ދަނީ މައްސަލައެއް ބަލަން ނިންމުމުގެ ބާރު މުޅި ކޮމިޝަނަށް ވެސް ލިބިގެންވާ ކަން ކަމަށް ރިޒާ ވިދާޅުވި އެވެ.
އެހެންވެ، ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާގެ މައްސަލަ ބަލަން ކޮމިޝަނުން ނިންމާފައިވަނީ އެ ކޮމިޝަނަށް ލިބިދޭ އިހްތިޔާރީ ބާރުގެ ހުދޫދުގެ ތެރެއިން ކަމަށާއި މައްސަލަ ބެލުމުގައި ޖޭއެސްސީން އެއްވެސް އިޖުރާއަތާ ހިލާފުވެފައިނުވާ ކަމަށް ރިޒާ ވިދާޅުވި އެވެ.
އެ އިޖުރާއަތާ ހިލާފުވި ކަމަށް ބަހުސްގެ ބޭނުމަށް ކަމަށް ބެލި ނަމަވެސް، ރިޒާ ވިދާޅުވި ގޮތުގައި ތިން މެންބަރުން ހިމެނޭ ކޮމިޓީއަކުން ގޮތެއް ނިންމުމަށް ވުރެ، 10 މެންބަރުން ހިމެނޭ ކޮމިޝަނުން ގޮތެއް ނިންމުމަކީ މާ އަދުލުވެރި ގޮތެކެވެ. އަދި ކޮމިޝަނުން ގޮތް ނިންމާފައިވަނީ ކޮމިޓީގެ ތިން މެންބަރުންގެ ވޯޓާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވީ ބަހުސުގެ ބޭނުމަށް މައްސަލަ ބަލަން ނިންމުމުގައި އިޖުރާއަތް ފުރިހަމަ ނުވާ ކަމަށް ބެލި ނަމަވެސް، އޭގެ ސަބަބުން އެއްވެސް ފަނޑިޔާރެއްގެ ހައްގަކަށް އުނިކަމެއް ނާންނަ ކަމަށެވެ. އަދި އަސާސީ ހައްގަކަށް އުނިކަން ނާންނަ ފަދަ އިޖުރާއަތެއް ފުރިހަމަ ނުވިޔަސް، އެ މައްސަލާގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް މީގެކުރިން މަތީ ކޯޓުތަކުން ހުކުމްކޮށްފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މީގެކުރިން ޖޭއެސްސީން އަމަލުކުރާ ގޮތަށް ބަލާއިރު ވެސް ކުޑަ ކޮމިޓީއާ ނުލައި ކޮމިޝަނުން މައްސަލަ ބަލަން ނިންމާފައި އެބަހުރި ކަމަށް ރިޒާ ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުން ރިޒާ ދެއްކެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ކޯޓުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖަކާ ގުޅިގެން އެ ގާޒީ ޖޭއެސްސީއަށް ހާޒިރުކޮށް މައްސަލައެއް ބަލަން ނިންމި ނިންމުމަށެވެ. އެ ނިންމުން ނިންމީ ކޮމިޝަންގެ ބައްދަލުވުމަކުންނެވެ.
"މި ހުރިހާ އޭންގަލަކުން ބަލަން ވާނެ، ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ހުކުމްތައް ބަލަން ޖެހޭނެ. އަމަލު ކުރަމުން އަންނަ އާންމު އުސޫލަށް ބަލާފައި ނޫނީ ކައުންސިލާ ޖެނަރަލް މިފަދަ އެއްޗެއް ނެރެގެން ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރިޒާ ވިދާޅުވި އެވެ.
"މިއަށްވުރެ ހަރުދަނާ އުސޫލުން ނެރެންވާނީ. މި ނުރަނގަޅު އުސޫލުތައް ނެރުނީމަ އޭގެ ނަތީޖާއަކީ ގައުމުގެ ފިތުނަ ފަސާދަ އުފެދިގެން ދިޔުން. މިއީ ހަގީގަތާ ހިލާފަށް ވާހަކަތައް މުޅި މުޖުތަމައުގައި ފެތުރިގެން ދިޔުން. އެހެންވީމަ އަޅުގަނޑުގެ އުއްމީދަކީ ކައުންސިލާ ޖެނަރަލް މިއަށްވުރެ ޒިންމާދާރުވާނެ ކަމަށް."
ޖުޑިޝަރީ ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައިވަނީ އެ މައްސަލައަކީ އާންމު ފަރާތަކުން ޖޭއެސްސީއާ ހިއްސާކުރި މައުލޫމާތަކާ ގުޅިގެން، އެ ކޮމިޝަނުން އިސްވެ ބެލުމަށް ނިންމި މައްސަލައެއް ކަމަށެވެ. އަދި ކޮމިޝަނަށް އެ ބާރު އޮތްކަން ޖޭއެސްސީގެ ގާނޫނުގެ 23 ވަނަ މާއްދާއިން އެނގޭ ކަމަށް ރިޕޯޓްގައިވެ އެވެ.
ޖޭއެސްސީގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ 'މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީ' އިން މައްސަލައެއް ނުބެލުމަށް ނިންމާ ހާލަތުގައި ވެސް އެ މައްސަލައެއް ބެލުމަށް ނިންމުމުގެ ބާރު ޖޭއެސްސީގެ ގާނޫނުން ކޮމިޝަނަށް ލިބިދޭ ކަމަށާއި އަދި ކޮމިޝަނުން އިސްވެ މައްސަލަ ބަލަން ނިންމައި ތަހުގީގު ހިންގާފައިވާ ގޮތުގެ އިޖުރާއަތުގައި ގޯހެއް އުޅޭކަން ކޮމިޓީއަށް ގަބޫލު ނުކުރެވޭ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް އެދިވަޑައިގަތެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފަ އެވެ. ނަމަވެސް، ކޮމިޓީން އެ ފުރުސަތު ދީފައެއް ނުވެ އެވެ.
ފަނޑިޔާރުންގެ މައްސަލަ ތަޅުމަށް ފޮނުވައިފި
ފަނޑިޔާރުންގެ މައްސަލަ ގާނޫނާ ހިލާފު: ފިލްޒާ
ފަނޑިޔާރުން ވަކިކުރުމާ މެދު ކުރީގެ ޕީޖީގެ އިލްތިމާސެއް
ފަނޑިޔާރުންގެ މައްސަލައިގެ އިޖުރާއީ ގޯހެއް ނެތް:ކޮމިޓީ
ފަނޑިޔާރުންގެ މައްސަލައިގެ ބަހުސަށް ޖުމްލަ ދެ ގަޑިއިރު
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފި
ފަނޑިޔާރުންގެ މައްސަލަ ބަލާ މަޖިލީހުގެ ކޮމިޓީ ސިއްރު
އުސޫލުން ބޭރުން ފިޔަވަޅު ނާޅަން ސީއެލްއޭއިން ގޮވާލައިފި
ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!
މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަކަށް މަހާޒު އެދިއްޖެ