ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ދިރާސާކުރަން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
11 މެއި 2025
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ދިރާސާކުރަން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އެއީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި ބައްދަލުވުމުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ޖޭއެސްސީން ފަނޑިޔާރުންނާ ގުޅޭ ގޮތުން ގޮތް ނިންމުމުގައި އިޖުރާއީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން، ޑރ. އިސްމާއިލް ހައްޔަރުކުރީ ބަރަހަނާ ހާލަތުގައި ކަމަށް ޖޭއެސްސީގެ ރިޕޯޓްގައި ބަޔާންކޮށްފައި ނަމަވެސް، އެއީ ފުލުހުން ވެސް ތަހުގީގުގައި އަދި ބަންދު މަޖިލީހުގައި ވެސް އެކަން ހިނގި ގޮތް ކަމަށް ބުނެފައިވާ ގޮތް ނޫންކަން ނާޒިލް ފާހަގަކުރެއްވި އެވެ.
ޑރ. އިސްމާއިލް މަސާޖުކުރާ ތަނަށް ދިޔުމާއި އެ ތަނުގައި އޮތް ހާލަތާ ގުޅޭ ގޮތުން ނާޒިލް ވާހަކަ ދައްކަވާތީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ލައިވްކޮށް ކުރިއަށްދާ ބައްދަލުވުމެއްގައި އެފަދަ ވާހަކަތަކެއް ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ، ބައްދަލުވުން ސިއްރު ކުރަން ހުށަހަޅުއްވައިފަ އެވެ. މީހެއް ފަޟީހަތްވާ ފަދަ ވާހަކަތަކެއް ދެކެވޭ ނަމަ، ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރަން ހުށަހަޅަން ގަވައިދުން ފުރުސަތު ލިބެ އެވެ.
އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީގައި ތިއްބެވި ޕީއެންސީގެ ހަތަރު މެންބަރުން ވޯޓު ދެއްވި އެވެ. ޕީއެންސީއަށް ނިސްބަތްވާ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. އޭނާ ވަނީ ޑރ. އިސްމާއިލްގެ ވާހަކަ ނުދައްކައި، ފަނޑިޔާރު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އާއި އޭގެ އިޖުރާއަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން އެދިވަޑައިގެންފަ އެވެ.
ކޮމިޓީ ސިއްރު ކުރަން ހުށަހަޅައި، އެކަމަށް ވޯޓަށް އެހުމުން ކޮމިޓީގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުން ކަމަށްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ބައްދަލުވުން ބޮއިކޮޓް ކުރައްވައި، އެ ތަނުން ނުކުމެވަޑައިގެންފަ އެވެ. އެ މެންބަރުން ވިދާޅުވީ ސިއްރުން ކުރިއަށްދާ މަޝްވަރާއެއްގައި ބައިވެރިނުވާނެ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި މެންބަރު ޝާހިދު ވަނީ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ވަރަށް ރަނގަޅަށް އިޖުރާއަތްތައް ފުރިހަމަކޮށްފައި ކަމަށް ވިދާޅުވެފަ އެވެ. މައްސަލަ އެ އޮތް ގޮތަށް ތަޅުމަށް ފޮނުވަން ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް، ބައްދަލުވުން ސިއްރު ކުރަން ނިންމިިއިރު، އެ ހުށަހެޅުމަށް ވޯޓަކަށް ނާހަ އެވެ.
މިކަމާ ގުޅިގެން އިއްޔެ ވެސް ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ކޮމިޓީއަށް ފަނޑިޔާރުން އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހާޒިރުކުރަން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމާ މެދު ވޯޓަށް އެހުމުން ފާހެއް ނުވި އެވެ. އެ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދެއްވީ މެންބަރު ނާޒިލް އެކަންޏެވެ.
ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް ވަނީ އެދިވަޑައިގެންފި އެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފަ އެވެ. ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
ފަނޑިޔާރުންގެ މައްސަލައިގެ އިޖުރާއީ ގޯހެއް ނެތް:ކޮމިޓީ
ފަނޑިޔާރުންގެ މައްސަލައިގެ ބަހުސަށް ޖުމްލަ ދެ ގަޑިއިރު
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފި
ފަނޑިޔާރުންގެ މައްސަލަ ތަޅުމަށް ފޮނުވައިފި
ފަނޑިޔާރުންގެ މައްސަލަ ގާނޫނާ ހިލާފު: ފިލްޒާ
އުސޫލުން ބޭރުން ފިޔަވަޅު ނާޅަން ސީއެލްއޭއިން ގޮވާލައިފި
ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!
މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަކަށް މަހާޒު އެދިއްޖެ
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެދިއްޖެ
ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް