Roadha Mihaaru
ބަތްކައްކާ ނުކުޅެ، ގައުމު ހިންދެމިލަން ފުރުސަތުދީ!

ސިޔާސީގޮތުން ބަތްކައްކާ ކުޅުން ހުއްޓާލާ، ގައުމަށް ހިންދެމިލުމަށް ފުރުސަތު ލިބެން ޖެހޭ!

07 ޑިސެމްބަރ 2023

އައްސުލްތާނު ޢަބުދުﷲ (ދެވަނަ) ސިރީ ސުވަމަ އަބާރަނަ މަހާރަދުންނަށް ދިވެހި ރަސްކަމުގައި އިންނެވުނީ މަހަކާ ފަނަރަ ދުވަހު އެވެ. އައްސުލްތާނު އިބްރާހިމް ސިރީ ދަންމަރުވީރު މަހާރަދުން ތަހުތަށް އިސްކުރެވުނުތާ ހަތަރުމަސްވީއިރު ރަދުންގެ ބޮޑުބޭބޭފުޅު އިސްވެ ހުންނަވާ ގެންނެވި ބަޣާވާތަކުން ރަސްކަން ބަދަލުކޮށް ސިރީ ދަންމަރުވީރު މަހާރަދުންގެ ބޮޑުބޭބޭފުޅު ހުސެއިން ތަހުތަށް އިސްވެ ވަޑައިގަތެވެ.

އައްސުލްތާނު ޢަބުދުﷲ (ދެވަނަ) ސިރީ ސުވަމަ އަބާރަނަ މަހާރަދުންނަށް ދިވެހި ރަސްކަމުގައި އިންނެވުނީ މަހަކާ ފަނަރަ ދުވަހު އެވެ. އައްސުލްތާނު އިބްރާހިމް ސިރީ ދަންމަރުވީރު މަހާރަދުން ތަހުތަށް އިސްކުރެވުނުތާ ހަތަރުމަސްވީއިރު ރަދުންގެ ބޮޑުބޭބޭފުޅު އިސްވެ ހުންނަވާ ގެންނެވި ބަޣާވާތަކުން ރަސްކަން ބަދަލުކޮށް ސިރީ ދަންމަރުވީރު މަހާރަދުންގެ ބޮޑުބޭބޭފުޅު ހުސެއިން ތަހުތަށް އިސްވެ ވަޑައިގަތެވެ.

އަައްސުލްތާނު ހަސަން (ދެވަނަ) ރަސްކަމަށް އިސްވިތާ ނުވަމަސް ދުވަސް ތެރޭ "ވެވަކަށް ފެތިގެން އަވަހާރަވިއެވެ". އެ ވެރިކަމަށް ފަހު ވެރިކަމަށް އިސްވި އައްސުލްތާނު އީސާ ސިރީބަވަނަ ސުންދުރަ މަހާރަދުންނަށް ރަސްކަމުގެ ތަހުތުގައި އިންނެވުނީ ދެމަހާ ދުވަސްކޮޅަކު އެވެ. ދިވެހި ތާރީހަށް ފީނާލާއިރު ފެންނަ މި ނުކުތާތައް އަޅުގަނޑު މި ފާހަގަ ކޮށްލީ ވަރަށް ހާއްސަ އެހެން ނުކުތާއެއް ފާހަގަ ކޮށްލުމަށެވެ. އެއީ، ގައުމުގެ އެންމެ މަތީ މަސްލަހަތުތައް މަތިވެރި ކުރުމަށްޓަކައި، ގުޅިގެން މަސައްކަތް ކުރުމަށްވުރެ، އަމިއްލަ އެދުން އިސްކުރި ބައެއްގެ ހިޔަނީގައި ދިވެހި ގައުމުގެ ކުރިއެރުމަށް އަބަދުވެސް ހުރަސްއެޅިފައި އޮތެމެވެ. މިއީ މިއަދު ދިވެހި ޤައުމުގެ ދަރިން ނުހަނު ފުންކޮށް ވިސްނަން ޖެހިފައިވާ ނުކުތާއެއް ކަމަށް ފެނެއެވެ.

އަމިއްލަ މަސްލަހަތު އެއްފަރާތްކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ ވާހަކަ މިއީ އަޅުގަނޑު ފާހަގަ ކޮށްލަން އޮތް ދެވަނަ ނުކުތާ. އެވެ. އަޅުގަނޑަކީ ދީނީ ޢިލްމު ވެރިއަކަށް ނުވިނަމަވެސް، އަޅުގަނޑަކީ ފުޅާދާއިރާއެއްގައި ފޮތްކިޔާ ދިރާސާކުރާ މީހެކެވެ. އަޅުގަނޑަށް ފެންނަ ފެނުމުގައި، އިސްލާމީ މުޖްތަމައެއްގެ ބިންގަލަކީ އަހުވަންތަކަމާއި އުހުއްވަންތެރިކަމާ އެކު މުޖްތަމައުގެ މަންފާއަށްޓަކާ ގުޅިގެން، އާދެ ގުޅިގެން، މަސައްކަތް ކުރުމެވެ. ގުޅިގެން އެކުވެރިކަމާ އެކު މަސައްކަތް ކުރުން އެއީ އިސްލާމްދީން ގެނެސްދެއްވި ގައުމިއްޔަތުގެ ބިންގަލެވެ. އަދި ދުނިޔެ އާރާސްތުކުރުމުގެ ޒިންމާ އާއި އިންސާނާ ހަވާލުކުރެއްވުމަށް ފަހު، އެ ޒިންމާ ފުރިހަމަ ކުރުމަށް މާތްﷲ ލެއްވެވި ދުނިޔަވީ ސުންނަތެވެ. އަޅުގަނޑުމެން މިއަދު ދިވެހި ގައުމު އިސްކުރާ ނަމަ، ދިވެހި ގައުމިއްޔަތު ކުރިއަރުވާން ބޭނުންނަމަ އޮތީ ހަމައެކަނި އެންމެ މަގެކެވެ. އެއީ މުސްލިމުންގެ ގޮތާއި މުސްލިމުންގެ ފޮތުގެ އަލީގައި މަސައްކަތްކުރުމެވެ. އެއީ ހެޔޮ ރަނގަޅު ކޮންމެ ކަމެއްގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވުމެވެ. ވެރިކަމުގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް މެއެވެ.

ރާއްޖެ އަށް ރައީސަކު އައްޔަންކުރާ ހަމައިން އަޅުގަނޑުމެން ރައްޔިތުންގެ ޒިންމާ ނިމިގެނެއް ނުދެއެވެ. މިއީ އަޅުގަނޑު ފާހަގަ ކުރަން ބޭނުންވާ ތިންވަނަ ނުކުތާއެވެ. ގައުމާ ގުޅުންހުރި ކޮންމެ ކަމެއް، ނުރަނގަޅު އިދިކީލި ވިސްނުމަކުން ވިސްނާ، ހުރިހާ ކަމެއް ގޯސްކަން މުޅި ގައުމުގެ ކުރިމަތީ ތަމްސީލު ކުރުމަށް އަވަސްވެ ގަތުމަކީ އެއްވެސް މީހަކަށް އެކަމުން ހިތްހަމަޖެހުން ލިބިދޭ ކަމަކަށް ވެގެން ނުވާނެ އެވެ. މިގޮތުން މިކުރެވޭ މަސައްކަތަކީ ގައުމާ މެދު ހިތްތަކުގައި އޮންނަ ތަސައްވަރު ގޯސްވެ، ގައުމާ މެދު ގިނަ ބައެއްގެ ހިތުގައި އޮންނަ އުންމީދުގެ ދަންމަރު ފަނޑުވެގެންދާ ސަބަބެކެވެ.

އެ ހަމައިން، އެ އިދިކީލި ވިސްނުންތަކާއި، ގިނަ ބައެއްގެ ހިތުގައި ޖަހަންފަށާ ނާއުންމީދުގެ ވިންދު ބަދަލުވެގެންދަނީ ގައުމާ މެދުކުރެވޭ ދެމިގެންދާ ނުރަނގަޅު ދުއާ އަކަށެވެ. މިއީ އަޅުގަނޑުމެންނަށް ނޭނގިތިބެ ކުރެވޭ ނުހަނު ދެރަ ކަމެކެވެ. އެކަމެއްގެ ނަތީޖާ ނުހަނު ހިތި އަމަލެކެވެ. މުޖްތަމައުތަކާއި ގައުމުތަކުގައި ހެޔޮމަގަށް ކަންތައްތައް ފުރޮޅެން ފަށާ ހިސާބަކީ، ގިނަބައެއްގެ ހިތުގައި އުންމީދުގެ ވިންދު ޖަހަންފަށާ ހިސާބެވެ. އެ އުންމީދުގެ ވިންދު ބަދަލުވެގެން ދަނީ ގައުމުގެ ކަންކަން ކުރިއެރުމަށްއެދި ގިނަބައެއްގެ ހެޔޮހިތުންކުރޭވޭ ހެޔޮ ދުއާއަކަށެވެ. މުޖުތަމައުތަކާއި ގައުމުތައް ކުރިއަރާން ފަށާ ހަމައަކީ އެއީ އެވެ. މި ގައުމުގެ ކުރިއެރުމަށް ވެސް އޮތް އެންމެ ޔަގީންކަން ބޮޑު މަގަކީ މިއީ އެވެ.

ރައީސް ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވަނީ -- ފައިލް ފޮޓޯ: މިހާރު

ރައީސް ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވަނީ -- ފައިލް ފޮޓޯ: މިހާރު

ގައުމު ހޯދާ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ވަނީ ތިމާ ކަމުގައި ވާކަށް ނުޖެހެއެވެ. ގައުމުގައި އޮތީ ތިމާގެ ޕާޓީގެ ވެރިކަމެއްކަމަށް ވާކަށް ވެސް ނުޖެހެއެވެ. އަދި، ގައުމުގެ ވެރިއަކަށް ހުންނެވީ ތިމާ ސަޕޯޓްކުރި ފަރާތް ކަމުގައި ވާކަށް ވެސް ނުޖެހެއެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި، އަޅުގަނޑު ތާއީދު ކުރީ ރައީސް އިބުރާހިމް މުހަންމަދު ސޯލިހު އަށްކަން ތިޔަ އެންމެ ބޭފުޅުންނަށް ވާނީ ފަހުމް ވެފަ އެވެ. އެ އިންތިހާބު ނިމިއްޖެ އެވެ. ގައުމުގެ އާ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ގައުމީ ހިދުމަތުގެ ހުވާ އެ ކުރެއްވީ އަޅުގަނޑުމެން އެންމެންގެ ކުރިމަތީގަ އެވެ.

މިއަދު ޑރ. މުއިއްޒު އަކީ އަޅުގަނޑުގެ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. އެމަނިކުފާނަށް އަޅުގަނޑުގެ ހެޔޮހިތުން ހެޔޮއެދޭހާލު ހެޔޮދުއާ ކުރަމެވެ. ކީއްވެތޯ އެވެ؟ އޮތީ ހަމައެކަނި، ހަމަ އެންމެ ސަބަބެކެވެ. މި ގައުމުގެ ކަންކަން ރަނގަޅުވުމަށް ހިތުގެ އަޑީގައި އޮތް އުންމީދާއި ހެޔޮ އެދުމެވެ. ކީއްވެ ހެއްޔެވެ؟ މި ގައުމުގެ ފަޅުތަކުގައި ދިޔަވަރު ބޮޑުވީމަ، އެ ފަޅުތަކުގައި އޮތް ހުރިހާ އުޅަނދެއް ވެސް ހަމަ އެއްވަރަށް އުފުލޭނެތީ އެވެ. ގައުމުގެ ކަންކަން ރަނގަޅުވީމަ އަޅުގަނޑުމެން އެންމެންގެ ދިރިއުޅުން ވެސް އުފާވެރިވެ ފާގަތިވާނެތީ އެވެ. މި ހަގީގަތްތައް، އަޅުގަނޑުމެންގެ ހިތުގައިވާ ހަސަދަ އާއި ފަސާދައިގެ ގިލަންވެރިކަމުގެ މައްޗަށް އިސްކުރަންޖެހެއެވެ. މި ގައުމުގެ ކުރިމަތީގައި އަޅުގަނޑު މަތިވެރިކުރަން ބޭނުންވަނީ މި ގައުމުގެ މަސްލަހަތެވެ. އާދެ، ދިވެހި ގައުމުގެ މަސްލަހަތު އެކަންޏެވެ. ދިވެހި ގައުމުގެ މަސްލަހަތު ދެ ފަރާތް ކުރެވިފައިވާ ހާލަތުގައި، އަޅުގަނޑުގެ ފަރުދީ މަސްލަހަތު އެ ވަނީ މަތިވެރި ކުރެވިފަ އެވެ. މިކަން އަޅުގަނޑުމެންގެ ހިތަށް ފަހުމުވެ ހެޔޮހިތުން ގަބޫލުކުރެވެން ޖެހެ އެވެ.

އަޅުގަނޑުމެން "ގައުމީ ފިކުރު"ގެ ވާހަކަ ދައްކާ ކަމަށްވާ ނަމަ، އަމިއްލަ ނަފްސާ ސުވާލުކުރައްވަ ބައްލަވާށެވެ. ދިވެހި ގައުމުގެ މި ފެށުމަކީ، ޑރ. މުއިއްޒުގެ ވެރިކަމަކީ، އުންމީދުގެ ފެށުމަކަށް ނުވެއްޖެ ނަމަ އެކަމުގެ ގެއްލުން ވަނީ ކޮން ބަޔަކަށް ތޯއެވެ؟ މި ފެށުނު ވެރިކަން ކާމިޔާބު ފަސް އަހަރަށް ނުހެދިއްޖެ ނަމަ، އެއީ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން އެއްވެސް މީހަކަށް ލިބޭ ކާމިޔާބީއެއް ކަމަށް ސިފަކުރެވޭނެ ހެއްޔެވެ؟ ގައުމު ހަމަ މަގަށް ނޭޅި ކުރިއެރުމަށް ބޭނުންވާ ވަސީލަތްތަކާއި ބޭރުގެ އިންވެސްޓަރުންގެ ސަމާލުކަން ސަރުކާރަށް ނުހޯދިއްޖެ ނަމަ އެކަމުން ގެއްލުން ވަނީ ހަމައެކަނި ރައީސުލްޖުމުހޫރިއްޔާ އަށާއި ސަރުކާރަށް ތޯއެވެ؟ ނުވަތަ، މިކަންކަމުގެ ގެއްލުން އެންމެ ބޮޑަށް ފޯރާނީ ހަމަ އާންމު ދިވެހި ރައްޔިތުންނަށް ނޫންތޯ އެވެ؟

އަޅުގަނޑު މި ސުވާލުތައް މި އުފުލާލީ ދިވެހި ގައުމުގެ އާ ރައީސުލްޖުމުހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ތިންދުވަސް ވެސް ނުވަނީސް ފެށިގެންމިދާ ކަންތައްތަކާ މެދު ފުން ނަޒަރަކުން ވިސްނާލުމުން ހިތަށްވެރިވި އިހުސާސްތައް ނުހަނު ގިނަގުނަވީމައެވެ. ތަންކޮޅެއް ދުރުގައި ހުރެވުނު ނަމަވެސް، ދިވެހި ގައުމުގެ ކަންކަން ޝައުގުވެރިކަމާ ލޯތްބާއެކު ބަލަމުއެވެ. އަޅުގަނޑުގެ ކަންބޮޑުވުމަކީ މިއެވެ. ކޮންމެ އާ ފެށުމެއްގެ ވަގުތަކީ، އުންމީދީ ފެށުމަކަށް ހެދޭތޯ އެއްކޮޅު މީހުންނާއި ދެކޮޅު މީހުން ވެސް ފޫގަޅައިގެން އަޅުގަނޑުމެން މިއަދު ކުރަން ޖެހިފައިވާ މަސައްކަތްތައް ނުހަނު ގިނަގުނައެވެ. ސަބަބުތައް ބައިވަރެވެ.

މިސާލަކަށް، މި ވަގުތު ސަރުކާރު ބަލިކަށިކޮށް، ވަކި ބައެއްގެ ނުފޫޒުގެ ދަށަށް މި ގައުމުގެ ބާރުތައް ގެންދަން މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. ސަރުކާރު ބަލިކަށިވެގެންދާ ކޮންމެ ވަގުތަކު، ސަރުކާރު ނެގެހެއްޓުމަށްޓަކައި ދައުލަތުގެ ތެރެއިން އެހެން ފަރާތްތަކަށް ނާޖާއިޒު އެކިކަހަލަ އެއްބަސްވުންތަކުގެ ތެރެއިން ފަސާދައިގެ މަންފާ އޮހެންފަށައެވެ. އޭގެ ތެރެއިން ކޮރަޕްޝަނާއި ފަސާދަ މެކުހަށް ޖަހައެވެ. އެ ދެމެދުގައި ނިކަމެތި ރައްޔިތުން އިތުރަށް ނިކަމެތިވެ ފިތިގެން ދެއެވެ. ކޮރަޕްޝަނާއި ފަސާދަ އާންމުވެއްޖެ އެއްވެސް މުޖްތަމައަކަށް ހަގީގީ ކުރިއެރުމެއް ނުހޯދެއެވެ. މީގެ އިތުރުން، ސިޔާސީގޮތުން ސަރުކާރު ބަލިކަށިވެއްޖެ ނަމަ ދައުލަތުގެ މުޅި ނިޒާމު ސަރުކާރު ދެމެހެއްޓުމަށް އަމާޒުހިފާތަން އާންމުކޮށް ފެނެއެވެ.

ޕެޕާ ސްޕްރޭގެ އަސަރުކުރިި މުޒާހަރާގެ ބައިވެރިއަކަށް ފަރުވާ ދެނީ -- ފައިލް ފޮޓޯ: މިހާރު

ޕެޕާ ސްޕްރޭގެ އަސަރުކުރިި މުޒާހަރާގެ ބައިވެރިއަކަށް ފަރުވާ ދެނީ -- ފައިލް ފޮޓޯ: މިހާރު

ނަތީޖާއަކަށް ވަނީ، ގައުމު ކުރިއަށްގެންދިއުމަށް ކުރަންޖެހިފައިވާ އުފެއްދުންތެރި މަސައްކަތްތައް ފަސްވެ، ސަރުކާރު ނެގެހެއްޓުމަށް ކުރަންޖެހިފައިވާ މާނައެއްނެތް މަސައްކަތްތައް އިސްވެ، އަނެއްކާވެސް އެދެމެދުގައި ރައްޔިތުން ފިތި އަނަރޫފަވުމެވެ. މި ޒަހަރުގެ ހިތިން އުފައްދާ ނަތީޖާއަކީ، ގައުމުގެ ހަފަރާތަށް އަނެއްކާވެސް ކަރުނަ އާއި ނާއުންމީދު ފެތުރިގެން ދިޔުމެވެ. މިއީ، ގައުމަށް ހެޔޮއެދޭ އެއްވެސް ދިވެހި ދަރިއަކުގެ ހިތަށް ފިނިކަން ގެނުވާނެ ކަންތައްތަކެއް ކަމަކަށް ނުފެނެއެވެ.

އެތައް އަހަރަކަށް ދިގުދެމިގެންދިޔަ ބަލިމަޑުކަމުގެ ކާރިސާއަކަށް ފަހު ދިވެހި ގައުމުގެ އިގުތިސާދު މިއޮތީ ނުހަނު ބޮޑަށް ހީނަރުވެފަ އެވެ. މުވައްޒަފުންނަށް މުސާރަދިނުމަށްޓަކައި ފައިސާ ޗާޕްކޮށް، ބޭރު ގައުމުތަކުން ބޮޑު އިންޓަރެސްޓްގައި ލޯނު ނަގަން ޖެހޭ ހާލަތުގައި ދިވެހި ގައުމު އޮތުން އެއީ މި ގައުމާ މެދު ވިސްނާ އެއްވެސް ދިވެހި ދަރިއެއްގެ ލޮލަށް ހަމަނިދި އަންނަވަރަށްވުރެ ނިކަމެތި ހާލަތެކެވެ. ވިއްސަކަށް އަހަރަށް ދެމިގެންމިދާ އެތެރޭގެ ސިޔާސީ އިމްތިހާނު، އާދެ ސިޔާސީ އެކްސްޕެރިމެންޓްގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ނުހަނު ގިނަގުނައެވެ. ގައުމުގެ އިޖްތިމާއީ ފޭރާން ވީދި ދުޅަހެޔޮ އާއިލާތަކާއި ފާގަތި މުޖްތަމައެއް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވަނީ ނުހަނު ގިނަގުނަ އަދި ބުރަ މަސައްކަތްތަކަކަށް ވެފައެވެ.

ގައުމުގެ މުސްތަގުބަލާ މެދު، އަދި ހަޔާތުގެ ކުރިމަގާމެދު ނާއުންމީދުވެފައިވާ ޒުވާނުންގެ އަދަދު އިންތިހާއަށް ގިނައެވެ. ގައުމުގެ އިގުތިސާދުގެ ބިންގާ ރައްޔިތުންގެ ބޭނުންތަކާ އެއްވަރަށް ފުޅާކުރެވެމުން ނުދާހިނދު، ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑެވެ. މި ނިކަމެތި ހާލަތުގައި، މި ލޮބުވެތި ގައުމު އޮތް ވަގުތެއްގައި، އަނެއްކާވެސް އަޅުގަނޑުމެންގެ ހުރިހާ ވެސް އަމާޒަކީ، އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތު ކަމަށް ހަދައިފިނަމަ، އެއީ ގައުމާއި ރައްޔިތުންނަށް ވެވޭނެ އެންމެ ބޮޑު ޚިޔާނާތެވެ. އާދެ، އެންމެ ބޮޑު ޚިޔާނާތެވެ.

ގައުމުތައް ކުރިއަރަނީ ލިޔެވިފައިނުވާ ހަރުދަނާ އުސޫލުތަކަކާއި، ހަމަތަކަކާއި އަސާސްތަކެއްގެ މަތީގައި ގާއިމުވެގެންދާ ގައުމީ ސަގާފަތެއްގެ ހިޔަނީގައި މުޖްތަމައުތައް ދައުރުވާން ފަށާހިސާބުންކަން އަޅުގަނޑުމެންގެ ލޯމަތިން ސާބިތުވާން އެބަ ހުއްޓެވެ. މިދެންނެވި، ގިނަ އުސޫލުތަކާއި އަސާސްތަކަކީ، ޑިމޮކްރެސީގެ ވެސް ބިންގަލެވެ. މިސާލަކަށް، ފަރުދީ ލޯބީގެ މަތީގައި ވަކި މީހެއްގެ ވަށައިގެން އެނބުރޭ ރައްޔިތެއްގެ ބަދަލުގައި، ގައުމީ ލޯބީގެ މަތީގައި، ހަމަޔާ އިންސާފުގެ ހިޔަނީގައި، އުސޫލުތަކާއި އަސާސްތަކުގައި ހިފަހައްޓައިގެން ކުރިއަށްދިއުމަށް މަސައްކަތްކުރާނެ ޖަމާއަތެއް އުފެދުންއެއީ ކޮންމެ ގައުމަކަށް ވެސް ކުރިއެރުމަށްއޮތް އެންމެ އިތުބާރު ބޮޑު މަގެވެ. މި މަގު ތަނަވަސްކުރެވޭނީ ގައުމުގެ ކުރީސަފުގައި ތިއްބަވާ ބޭފުޅުންގެ ފުށުން ގައުމަށް ނަމޫނާ ދެއްކިގެންކަން ގައުމުތަކުގެ ތާރީހުން ސާބިތުކުރެވެން އެބައޮތެވެ.

އުސޫލުތަކަކާއި، ހަމަތަކާއި އަސާސްތަކެއްގެ ވާހަކަ އަޅުގަނޑު ދެންނެވި ނަމަވެސް، އެ ސަގާފަތް ގައުމުތަކުގެ އެތެރޭގައި ވަކި ހިއްޕާލެވޭނީ، މިއަދު އަޅުގަނޑުމެން އެންމެން އެކަމަށް ސަމާލުވެގެންނެވެ. ހާއްސަކޮށް މިކަމުގައި ގައުމުގެ އެންމެ އިސް ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިންމާ ވަރަށްބޮޑެވެ. އަޅުގަނޑުގެ މި ނުކުތާ ފަހުމު ކޮށްލެއްވުމަށްޓަކައި ތިޔަބޭފުޅުން ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ. ރައީސް މައުމޫނަކީ އަޅުގަނޑުމެންގެ މުޅި މި ޖީލު ވެސް ދުށް އެންމެ މުހިންމު އެއް ގައުމީ ޝަހުސިއްޔަތު ކަމަށާއި، އެމަނިކުފާނަކީ ދިވެހިރާއްޖޭގެ މި ޖީލު ދުށް މިނިވަންކަމުގެ އެއް ބަތަލު ކަމަށް އަޅުގަނޑު ދަންނަވައިފި ނަމަ އެކަމަށް މިއަދު ކިތައް ދިވެހިން އެއްބަސްވާނެ ބާވައެވެ؟ އަޅުގަނޑު މި މުހިންމު ސުވާލު މި އުފައްދަނީ، އެހާމެ މުހިންމު ނުކުތާއެއް ފާހަގަ ކުރުމަށެވެ.

އާއެކެވެ. ރައީސް މައުމޫނަކީ، މިފަހުގެ ތާރީޚެއްގައި ކުރިމަތިވި ދިވެހިންގެ މިނިވަންކަން ގެއްލި ވެއްޔާ މޮޑެވިދާ ފަދަ ހަމައެކަނި ހާދިސާގައި، ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާއިން ގައުމު ސަލާމަތް ކުރައްވާ، ބޭރުގެ ގަދަފަދަ ނުފޫޒެއްގެ ޔުނީފޯމުލީ ބާރުގަދަ ލަޝްކަރެއްގެ އެތައްސަތޭކަ ސިފައިން މި ފަސްގަނޑުގައި ތިއްބާ، ހަމައެކަނި ލުއި ޑިޕްލޮމަސީގެ އެހީގައި ބޭރުކުރައްވާ މި ގައުމުގެ މިނިވަންކަން ދަފަރާ ކުރެއްވި ފަޚުރުވެރި ގައުމީ ބަތަލެވެ. ނަމަވެސް، މި ހަގީގަތް ގަބޫލުކުރަނީ މިއަދު ދިވެހިންގެ ތެރެއިން ކިތައް ދަރިން ތޯއެވެ؟ މިއީ އަޅުގަނޑު މި ފާހަގަކުރާ ނުކުތާއެވެ. ގައުމަށް ހިދުމަތް ކުރެއްވުމަށްފަހު ސިޔާސީ މަސްރަހާ ދުރުގައި ގައުމަށް ހިދުމަތް ކުރައްވާ އުސޫލުތަކުގެ މަތީގައި ދައުރުވާ މުޖްތަމައެއް ބިނާ ކުރެއްވުމަށް ނަމޫނާ ދައްކަވާ، އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކުރެއްވިފައި ނެތުމުން ގައުމަށް ލިބިފައިވާ ގެއްލުމެވެ.

ރައީސެއްގެ ހައިސިއްޔަތުން، އެ ރީތި މިސާލު ގައުމަށް ދައްކަވައިދެއްވިފައި ނެތުމުގެ ސަބަބުން، އަޅުގަނޑު މި އިޝާރާތް ކުރާ، އެ މަތިވެރި ސަގާފަތެއްގެ މަތީ މި ގައުމު ބިނާކުރެވޭނެ ރީތި ހަރުދަނާ ސަގާފަތަކަށް އެވަނީ ފުރުސަތު ނުލިބިއެވެ. ލިޔެވިފައި ނުވާ ހަމަތަކާއި ލަމަތަކެއްގެ ވަށައިގެން ގާއިމުވެފައިވާ ސަގާފަތެއްގެ މަތީ ދައުރުވާނެ މުޖްތަމައެއް މިވަނީ ގާއިމު ނުކުރެވިއެވެ. އެފަދަ ހެޔޮ ސަގާފަތެއްގެ ބިންވަޅު ދިވެހި މުޖުތަމަޢުގައި ނެގިފައި ނެތުމުގެ ސަބަބުން ގައުމަށް ލިބުނު ގެއްލުން ނުހަނު ބޮޑެވެ. އެންމެ ބޮޑު އެއް ގެއްލުމަކީ، މިއަދު އަޅުގަނޑުމެންނަށް މި ގައުމުގެ ބަތަލުން ވެސް ފަހުމުނުވާ ހަމަޔަށް މުޖުތަމައު ފަސާދަވެފައިވުމެވެ.

މީގެ އިތުރުން، މި ގައުމުގެ ފަހުރުވެރި ބަތަލުންގެ ގޮތުގައި އެ ބޭފުޅުންގެ ޒިކުރާ ލޯތްބާއި އިހުތިރާމާއެކު އަޅުގަނޑުމެން އާ ކުރަން ބޭނުންވާ އިއްޒަތްތެރިންގެ އެ މަތިވެރި ހިދުމަތުގެ ފަހަތުން ފެންނަންއޮތް ލެގަސީއެއް ވެސް ނެތުން އެއީ ޚުދު އެ ޚާދިމުންނަށް ވެސް އެންމެ އިންސާފުވެރި ގޮތްކަމަކަށް ނުފެނެއެވެ. މި ނުކުތާ އަޅުގަނޑު މި ފާހަގަ ކުރީ ހަމަ އެކަނި މިސާލެއްގެ ގޮތުގައެވެ. މިފަދަ އެތައް މިސާލެއް ފާހަގަކުރެވެން އެބަހުއްޓެވެ. އެއިން އެއްވެސް މިސާލެއް ފާހަގަ ކުރުމަކީ އަޅުގަނޑުގެ ހިތަށް ފިނިކަމެއް ލިބިދޭ ކަމަކަށް ނުވާތީ އިތުރަށް އެ ވާހަކަތަކުގެ ތެރެއަށްދިއުމަކަށް އަޅުގަނޑު ނޭދެމެވެ.

ގައުމުތަކުގައި ހެޔޮ ސަގާފަތެއްގެ ބިންވަޅު ނެގިގެންދަނީ، އަދި ހެޔޮ ސަގާފީ ބިނާއެއް އާރާސްތުކުރެވޭނީ ހެޔޮ ސަގާފީގެ އެއް ގާބުރިމަތީ އެނެއް ގާބުރި ބޭއްވިގެންނެވެ. މިގޮތުން، ވަރުބަލިކަމެއްނެތި އެތައްބައެއްގެ ދުރުވިސްނުމާއެކު ކުރެވޭ ޒަމާން ތަކެއްގެ ބުރަ މަސައްކަތުންނެވެ. ނަމަވެސް، މިއަދާހަމަޔަށް އައިއިރު، އެ ހެޔޮ ސަގާފަތެއްގެމަތީ ތަހުޒީބު މުޖްތަމައެއް އުފެއްދުމުގެ މަސައްކަތް ފެށިފައި ވެސް ނެތުމަކީ ނުހަނު ބޮޑު ހިތާމައެވެ. މި ހާލަތުގައި، މިއަދު އަނެއްކާވެސް ދިވެހި ގައުމުން މި ފެންނަންފެށި ކަންތައްތަކަކީ އުންމީދުގެ މަގު ބަނަވެގެންދާ ކަންތައްތަކެކެވެ. މިއަދު ކޮށާމަށައިގެން، އަލުން ބަލުން ގައުމެއް ހަދަންޖެހިފައިވާކަން އަޅުގަނޑުމެން ހެޔޮހިތުން ގަބޫލުކުރަން ޖެހެއެވެ. މި ބުރަ މަސައްކަތް ކުރަން ޖެހިފައިވާ ވަގުތެއްގައި، އަނެއްކާވެސް ގައުމު ކޮށިއަރާފާނެ ސިޔާސީ ކޯޅުންތަކެއްގެ މެދުގައި، ރައްޔިތުން ތާށިކުރުމަކީ ބިނާކުރަނިވި އަމަލެއް ނޫނެވެ. ކުރިޔަށް ފިޔަވަޅެއް ނޭޅި ތާށިވެފައި މިއަދާހަމަޔަށް ވެސް މި ގައުމު އޮތުމަކީ ގައުމެއްގެ ވިސްނުމުން ވިސްނާއިރު ނިކަމެތި ކަމެކެވެ. އަދި އެހާމެބޮޑު ހިތާމައެކެވެ.

މި އާޓިކަލް ލިޔުއްވި ޕްރޮފެސަރު ހަސަން އުގައިލް

މި އާޓިކަލް ލިޔުއްވި ޕްރޮފެސަރު ހަސަން އުގައިލް

އަޅުގަނޑުގެ ވާހަކަ ވަރަށް ސާފެވެ. މިއީ އުންމީދުގެ ފެށުމެކެވެ. އުންމީދަށް ޖާގަ ދެއްވާށެވެ. ގައުމުގެ ހުރިހާކަމެއް ގޯސްކަން ދެއްކުމަކީ އެއްވެސް ހިތަކަށް ފިނިކަން ލިބިދޭ ކަމަކަށްވެގެން ނުވާނެއެވެ. ގިނަބައެއްގެ ހިތުގައި ގައުމާ މެދު އޮންނަންޖެހޭ އުންމީދުގެ ވިސްނުން ނެތި ނާއުންމީދު ވުމަކީ، އެ ހިތްތަގުގައި ގައުމާ މެދު ނުރަނގަޅު ދުއާއެއް ދެމިގެންދާ ކަމެކެވެ. އެއީ އެއްވެސް އިންސާނީ ޖަމާއަތަކަށް ރަނގަޅު ފާލަކަށް ނުވެއެވެ. ރައްޔިތުންގެ ހިތުގައި ގައުމާ މެދު އޮންނަންޖެހޭ އުންމީދު ދިރިދެމި އޮންނާނެ މަގަށް މަގު ފަހިކޮށްދެއްވާށެވެ. އަމަލީ ޝުކުރަކުން ޝުކުރުވެރިވެ ވަޑައިގަންނަވާނަމަ، ހަރުދަނާ ޑިމޮކްރެޓިކް ވެއްޓެއް އުފެދި، ޑިމޮކްރެޓިކް ހަމަތަކަށް ލޯބިކުރާ ސަގާފަތެއްގެ މަތީގައި ގައުމު ކުރިއަށްދިއުމަށް މަގުފަހި ކޮށްދެއްވާށެވެ.

މި ލޮބުވެތި ވަތަންގެ ކުރިމަގަށް އޮތް އެންމެ އިތުބާރުބޮޑު ގޮތަކީ އެއީއެވެ. މި ގައުމާ މިއަދު ކުރިމަތި ވެފައިވާ ގޮންޖެހުންތައް ވަރަށް ގިނައެވެ. އެ ގޮންޖެހުންތަކުގެ ތެރޭގައި، އިންޑިއާ ކަނޑުގެ ބިޔަބޮޑު ރާޅުތަކުގެ މެދުގައި، އެ ފުން، ކަޅު، ކަނޑަށް މި ދިވެހިނައު ގެނބިގެންދިއުމަށް އިތުރު ސަބަބުތައް މެދުވެރި ނުކުރަށްވާށެވެ. މި ގައުމު މިވަނީ ނާޒުކު ހާލަތެއްގަ އެވެ. މިއީ މި ގައުމުގެ ދުލުން އާދޭހާއި، އަސަރާއެކު އެދޭ އެދުމުގެ އަޑެވެ. އެއަޑު އަޅުގަނޑު ލިޔެ އިއްވައިފިކަމަށް ގަބޫލުކުރަމުއެވެ. ވަކި މީހަކަށް ނަފްރަތެއް ނެތި ގައުމުގެ ހިތުގެ ވިންދުގެ އަޑު ގައުމަށްއޮތް ލޯބީގެމަތީގައި ލިޔެ އާންމުކޮށްފި ކަމަށް ގަބޫލު ކުރަމުއެވެ. މާތްﷲ ހެކިވެވޮޑިގެންވާނެތެވެ!