Roadha Mihaaru
އުގެއިލްގެ ހަދިޔާ: މި ކަންކަމާ މެދު ފަރުވާތެރިވޭ!

ޕްރޮފެސަރު އުގެއިލްގެ ހަދިޔާ: މި ކަންކަމާ މެދު ފަރުވާތެރިވޭ!

09 ޖޫން 2016

ކޮންމެ ދުވަހަކު މަދުވެގެން ހަތް ގަޑިއިރާއި އަށްގަޑި އިރާ ދެމެދުގެ ވަގުތަކަށް ނިދުމަކީ ފުރާވަރުގެ ކޮންމެ މީހަކަށް ވެސް ވަރަށް މުހިއްމު ކަމެކެވެ. ސިކުނޑީގެ ދުޅަހެޔޮކަމަށާއި، ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށާއި އުފާވެރިކަންމަތީ ދިރިއުޅުން ވޭތުކުރުމަށް މިއީ ވަރަށް މުހިއްމު ކަމެކެވެ.

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ހޯދުން

ކޮންމެ ދުވަހަކު މަދުވެގެން ހަތް ގަޑިއިރާއި އަށްގަޑި އިރާ ދެމެދުގެ ވަގުތަކަށް ނިދުމަކީ ފުރާވަރުގެ ކޮންމެ މީހަކަށް ވެސް ވަރަށް މުހިއްމު ކަމެކެވެ. ސިކުނޑީގެ ދުޅަހެޔޮކަމަށާއި، ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށާއި އުފާވެރިކަންމަތީ ދިރިއުޅުން ވޭތުކުރުމަށް މިއީ ވަރަށް މުހިއްމު ކަމެކެވެ.

ސިކުނޑީގެ ދުޅަހެޔޮކަން ދަމަހައްޓަން މަސައްކަތް ކުރުން

ހަށިގަނޑުގެ އެހެން މައި ގުނަވަންތަކެކޭ އެއްފަދައިން އިންސާނާގެ ސިކުނޑި އަށް ވެސް ކަސްރަތު ބޭނުންވެ އެވެ. ސިކުނޑިއަށް ބޭނުންވާ ކަސްރަތަކީ ކަންކަމާ ވިސްނައި ސިކުނޑި ބޭނުންކޮށްގެން ކުރެވޭ ތަފާތު މަސައްކަތްކުރުމެވެ.

ސައިންސްވެރިންގެ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި އޮފީހުގައި މަސައްކަތް ކުރާ މީހުން މުސްކުޅިވެ ރިޔަޓަކުރަން ޖެހޭ އުމުރަށް އެޅުމުން ގޭގައި މަޑުކުރާތާ މަދު އަހަރުތަކެއްގެ ތެރޭގައި މަރުވެ އެވެ. މިއާ ޚިލާފަށް އޮފީހަށް ނުނިކުމެ އެހެނަސް އޮފީހުގައި ކުރިން ވެސް ކުރި މަސައްކަތް ނުވަތަ އެނޫނަސް ސިކުނޑި ބޭނުންކޮށްގެން ކުރެވޭ މަސައްކަތެއްގައި އެފަދަ މީހުން ދެމިތިބޭ ނަމަ އެމީހުން ގިނަ ދުވަހު ދުނިޔޭގައި ތިބޭ ކަމަށް ވެ އެވެ. މިއިން ވެސް ދޭހަވަނީ ސިކުނޑިއަކީ ވެސް ގަވައިދުން "ކަސްރަތު" ލިބެން ޖެހޭ ގުނަވަނެއް ކަމެވެ.

ކާ ތަކެއްޗަށް ފާރަވެރިވުން

ހަށިގަނޑަށް ފައިދާ ހުރި ކާނާއަކީ ދުޅަހެޔޮ ސިއްހަތަށް ވަރަށް މުހިއްމު ބައެކެވެ. ހާއްސަކޮށް ގިނައިން ހަކުރާއި ލޮނު ހިމެނޭ ކާނާ ދޫކޮށްލައި ރަނގަޅު ކާނާ ހިޔާރު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތައްޔާރީ ކާނާ (މިސާލަކަށް ފުޅީގައި، ޕެކެޓްގައި، ނުވަތަ ދަޅުގައި ބަންދުކޮށްފައި ހުންނަ ކާބޯތަކެތި) ވީހާވެސް މަދުން ބޭނުންކުރާށެވެ. އެންމެ ރަނގަޅު ގޮތަކީ އެފަދަ ކާބޯތަކެތި އެއްވެސް ވަރަކަށް ކެއުމުގައި ބޭނުން ނުކުރުމެވެ.

ސިއްހަތަށް ފައިދާ ހުރި ރަނގަޅު ކާނާ ފަސޭހައިން ހިޔާރުކުރުމުގައި އެ ތަކެތީގެ ގްލިސެމިކް ލޯޑް (ޖީއެލް) އަދި ގްލިސެމިކް އިންޑެކްސް (ޖީއައި) ގެ އަދަދަށް ބަލާށެވެ. ޖީއެލްގެ އަދަދު 10 ނުވަތަ އެއަށް ވުރެ ދަށް އަދި ޖީއައިގެ އަދަދު ވެސް 55 ނުވަތަ އެއަށް ވުރެ ދަށް އަދަދުގެ ގުދުރަތީ ކާބޯތަކެތި ބޭނުން ކުރުމަކީ ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް އަދި ހަށިގަނޑުގެ ބަރުދަން ރަނގަޅު ވަރުގައި ހިފަހައްޓައި ދިނުމަށް ބާރު އަޅާ ކަމެކެވެ.

އަގީދާ ވަރުގަދަވުމަކީ ވެސް ހިތްހަމަޖެހޭ، އުފާވެރި ދިރިއުޅުމުގެ ބައެއް

އަގީދާ ވަރުގަދަވުމަކީ ވެސް ހިތްހަމަޖެހޭ، އުފާވެރި ދިރިއުޅުމުގެ ބައެއް

ސަރުބީ ކައިބޮއި އުޅޭއިރު، އެ ތަކެތީގައި އޮމެގާ 3 އަދި އޮމެގާ 6 އެކުލެވިގެންވާ ސަރުބީގެ ބާވަތްތައް ވަކި މިންގަނޑެއްގައި ހިފެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން އޮމެގާ 3 ހިމެނޭ ސަރުބީ، އޮމެގާ 6 ހިމެނޭ ސަރުބީއަށް ވުރެ ތިން ގުނަ އިތުރަށް ކެއުމުގައި ބޭނުންކުރާށެވެ. ތަފާތު ވައްތަރުގެ ތަފާތު ކުލަކުލައިގެ ތަރުކާރީ އާއި ފަތްޕިލާވެލި ގިނައިން ކާށެވެ.

މޭވާ ހިޔާރުކުރުމުގައި އެ ތަކެތީގެ ޖީއައި އާއި ޖީއެލްގެ އަދަދަށް ބަލައިގެން ވަކި ހަމައެއްގައި މޭވާ ކައި އުޅޭށެވެ. ގަސްގަހާގެހިން ލިއްބައިދޭ ކާނާގެ ބާވަތްތައް ކެއުމުގެ 90 ޕަސެންޓް އަދި އަނެއް 10 ޕަސެންޓް ޖަނަވާރުން ލިއްބައިދޭ ކާނާގެ ބާވަތުން މުއްސަނދިކުރުން މުހިއްމެވެ.

ގަވައިދުން ރޯދައަށް ހުރުން

ދުޅަހެޔޮކަންމަތީގައި ދެމިހުރުމަށް ކެއުމުގެ މިންވަރު ވަރަށް މުހިއްމެވެ. އެގޮތުން ހަށިގަނޑަށް އެކަށީގެންވާ ހަކަތަ ލިއްބައިދޭ މިންވަރަށް، ވީހާ ވެސް މަދުން ކެއުން ވަރަށް މުހިއްމެވެ. އަދި ހަފުތާއަކު ދެ ދުވަހު ގަވާއިދުން ރޯދައަށް ހުރުމަކީ އެކިއެކި ބަލިތަކުން ދުރުކޮށް އުމުރު ދިގުވާ ކަމެއްކަން ސައިންސްގެ ގިނަ ދިރާސާތަކުން އެނގެ އެވެ.

ގަވައިދުން ޑޮކްޓަރުގެ އިރުޝާދު ހޯދުން

ހާއްސަކޮށް މެދު އުމުރަށް ދިއުމުން ހަށިގަނޑުގެ ލޭގެ ހަކުރުގެ މިންވަރާއި، ކޮލެސްޓްރޯލް، ލޭގެ ޕްރެޝަރު ފަދަ ކަންކަން ދެނެގަތުމަށް، މަދުވެގެން އަހަރަކު އެއް ފަހަރު ގަވައިދުން ތަހުލީލުތައް ހެއްދުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިއީ ހަށިގަނޑުން ބަލިތަކުގެ އަލާމާތް ނުފެނުނު ނަމަވެސް ދުޅަހެޔޮކަންމަތީގައި ދެމިހުންނަން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.

ދިރިއުޅުމުގައި މެދު މިންގަނޑެއް ހިޔާރުކުރުން

ކެއުން، ކަސްރަތުކުރުން، އޮފީހުގައި މަސައްކަތްކުރުން، މަޖާކުރުން... ޖުމްލަކޮށް ދަންނަވަނީ ނަމަ، ތިމާ ކުރާ ކޮންމެ ކަމެއްގައި ވެސް ހައްދުފަހަނަޅާ ދިއުމުގެ ބަދަލުގައި މެދު މިންގަނޑު ހިޔާރުކުރަން އާދަކުރާށެވެ. މިއީ ދުޅަހެޔޮ ސިއްހަތަށް އަދި އުފާވެރި ދިރިއުޅުމަކަށް ކޮންމެހެން ވެސް މުހިއްމު ކަމެކެވެ.

ކުރު ގޮތަކަށް ދަންނަވަނީ ނަމަ ދުޅަހެޔޮ ސިއްހަތެއްގައި ގިނަ ދުވަހު ދުނިޔޭގައި ހުރުމަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ދީނީ އަގީދާ ވަރުގަދަވުމާއި ރަނގަޅު ކާނާ އާއި ހަމަނިދި ލިބުމާއި ގަވައިދުން ހެލިފެލިވެ އުޅުމާއި އާއިލާ އާއި ރައްޓެހިންގެ ގުޅުން ރަނގަޅުވުމާއި ފިކުރު ބޮޑުވެ ބޯހާސްވާ ކަންތައްތަކުން ދުރުވެ ހިތްހަމަޖެހޭ މާހައުލެއްގައި ދިރިއުޅެން މަސައްކަތް ކުރުން ހިމެނެ އެވެ.