Roadha Mihaaru
ރަކީންގައި ސިފައިން އެއްވެސް ޖަރީމާއެއް ހިންގި ކަމަކަށް ނުވި

ރަކީންގައި މިއަންމާ ސިފައިން އެއްވެސް ޖަރީމާއެއް ހިންގި ކަމަކަށް ނުވި

14 ނޮވެމްބަރ 2017

ޔަންގޮން (ނޮވެމްބަރު 14) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެއްވެސް ޖަރީމާއެއް ނުހިންގާ ކަމަށް މިއަންމާ ސިފައިން ނެރުނު ރިޕޯޓުގައި ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔަންގޮން (ނޮވެމްބަރު 14) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެއްވެސް ޖަރީމާއެއް ނުހިންގާ ކަމަށް މިއަންމާ ސިފައިން ނެރުނު ރިޕޯޓުގައި ބުނެފި އެވެ.

މިއަންމާ ސިފައިންގެ ރިޕޯޓުގައި ވަނީ ރޮހިންޖާ އެއްވެސް މީހަކު ނުމަރާ ކަމަށާއި އެއްވެސް އަވަށެއްގައި އަލިފާން ނުޖަހާ ކަމަށާއި އެއްވެސް އަންހެނަކު ރޭޕް ނުކުރާ ކަމަށް އަދި ރަކީން ސްޓޭޓުން އެއްވެސް މުދަލެއް ވަގަށް ނުނަގާ ކަމަށް ބުނެފަ އެވެ. އެކަމަކު ރަކީން ސްޓޭޓަށް ދިޔަ ނޫސްވެރިންނަށް ފެނުނު މަންޒަރާ މިއަންމާ ސިފައިންގެ މި ރިޕޯޓް މުޅިން ތަފާތެވެ. ސިފައިންގެ އަނިޔާވެރިކަން ހައްދުން ނެއްޓުމުން އދ. އިން އެކަން ސިފަކޮށްފައި ވަނީ ނަސްލެއް ނައްތާލުމުގެ ދަރަޖައިގަ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފައި ވަނީ މިއަންމާ ސިފައިންގެ ރިޕޯޓަކީ ކުށުން ބަރީއަވާން ތައްޔާރުކުރި އެއްޗެއް ކަމަށެވެ. އަދި އެއީ މިއަންމާ ސިފައިންގެ އެއްވެސް ޒިންމާދާރުކަމެއް ނެތް އަމަލެއް ކަމަށް ބުނެފައިވެ އެވެ. މިއަންމާ ސިފައިން ހިންގި ޖަރީމާތަކަށް އަދަބު ދިނުން ދެން އޮތީ ބައިނަލްއަގުވާމީ މުޖްތަމައުގެ އަތްމަތީގައި ކަމަށް ވެސް އެމްނެސްޓީން ބުނެފައިވެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ އދ.ގެ ތަހުގީގު ޓީމުތައް ރަކީން ސްޓޭޓަށް ވަނުމުގެ ހުއްދަ ދިނުމަށް މިއަންމާ ސަރުކާރަށް ގޮވާލައިފަ އެވެ. ރަކީން ސްޓޭޓަށް ނޫސްވެރިން ދިއުން ވެސް މިއަންމާ އިން ވަނީ މަނާކޮށްފަ އެވެ. މިއަންމާ ސިފައިންނާ އެކު ރަކީންނަށް ދިއުމުގެ ހުއްދަ ލިބުނު ބީބީސީގެ ރިޕޯޓަރު ޖޮނަތަން ހެޑަށް ވަނީ ސިފައިންގެ ކުރިމަތީގައި ރަކީންގެ އަވަށެއްގައި ބުޑިސްޓުން އަލިފާން ޖަހާ މަންޒަރު ފެނިފަ އެވެ.

މިއަންމާ ރޮހިންޖާ މުސްލިމުންގެ ބަޔަކު ރަކީން ސްޓޭޓުގެ ވަގުތީ ކޭމްޕެއްގައި. --ފޮޓޯ:އޭއެފްޕީ

މިއަންމާ ރޮހިންޖާ މުސްލިމުންގެ ބަޔަކު ރަކީން ސްޓޭޓުގެ ވަގުތީ ކޭމްޕެއްގައި. --ފޮޓޯ:އޭއެފްޕީ

ރަކީން ސްޓޭޓުގައި އޮގަސްޓް މަހު ފަހުކޮޅުން ފެށިގެން އަނިޔާވެރިކަން ބޮޑުވުމުން ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ މުސްލިމުންގެ އަދަދު ވަނީ ބައި މިލިއަނަށް ވުރެ އިތުރުވެފަ އެވެ. ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ ގިނަ މީހުންގެ ހަށިގަނޑުގެ އެތައް ތަނެއްގައި ވަޒަން އަރައިގެން ލިބުނު ޒަޚަމްތައް ހުއްޓެވެ.

އެކަމަކު ފޭސްބުކުގައި މިއަންމާ ސިފައިން އާއްމުކުރި ރިޕޯޓުގައި ބުނެފައި ވަނީ ރަކީންގެ އެތައް ބަޔަކާ އިންޓަވިއުކޮށްފައިވާ ކަމަށެވެ. އަދި އިންޓަވިއުކުރި މީހުން ބުނި ކަމަށް ރިޕޯޓުގައި ވަނީ ތިރީގައިވާ ކަންކަން ފާހަގަކޮށްފަ އެވެ.

- ރަކީންގެ އެއްވެސް މީހެއްގެ ގަޔަށް މިއަންމާ ސިފައިން ބަޑި ނުޖަހާ.

- ރަކީންގެ އެއްވެސް އަންހެނަކު ރޭޕްކޮށްފައެއް ނުވޭ.

- ރަކީންގެ އެއްވެސް މީހަކު ހައްޔަރުކޮށް އަނިޔާކޮށްފައެއް ނުވޭ.

- ރަކީންގެ އެއްވެސް އަވަށަކުން ވައްކަންކޮށްފައެއް ނުވޭ.

- އެއްވެސް މިސްކިތެއްގައި އަލިފާން ޖަހައިފައެއް ނުވޭ.

- އެއްވެސް މީހަކު ރަކީން ދޫކޮށްދާން ބިރު ދައްކައިފައެއް ނުވޭ.

- އެއްވެސް ގެއެއްގައި އަލިފާން ޖަހައިފައެއް ނުވޭ.

ރަކީންގައި އަނިޔާވެރި އަމަލެއް ހިންގި ކަމަށް މިއަންމާ ސިފައިންގެ ރިޕޯޓުގައި ބުނެފައި ވަނީ ރޮހިންޖާ "ޓެރަރިސްޓުން" ކަމަށެވެ. އަދި ރޮހިންޖާ މީހުން ރަކީން ދޫކޮށް ދިޔައީ ބެންގާލީ ޓެރަރިސްޓުންގެ ބިރަށް ކަމަށް ބުނެފައިވެ އެވެ.