Roadha Mihaaru
ރޮހިންޖާ މީހުންގެ ބިމުގައި މިއަންމާއިން ހަނޑޫ ހައްދަނީ

ރޮހިންޖާ މީހުންގެ ބިންތަކުގައި މިއަންމާ އިން ހަނޑޫ ހައްދަން ފަށައިފި

29 އޮކްޓޯބަރ 2017

ރަކީން (އޮކްޓޯބަރު 29) - ރަކީން ސްޓޭޓުން ރޮހިންޖާ މުސްލިމުން ދޫކޮށްފައި ދިޔަ ބިންތަކުގައި މިއަންމާ އިން ހަނޑޫ ހައްދަން ފަށާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރަކީން (އޮކްޓޯބަރު 29) - ރަކީން ސްޓޭޓުން ރޮހިންޖާ މުސްލިމުން ދޫކޮށްފައި ދިޔަ ބިންތަކުގައި މިއަންމާ އިން ހަނޑޫ ހައްދަން ފަށާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މިދިޔަ އޮގަސްޓް މަހު ފަހުކޮޅުން ފެށިގެން ރަކީންގެ ބޯޑަރު އޭރިއާ ވަނީ ފަޅުވާން ފަށައިފަ އެވެ. މިއަންމާ ސިފައިންގެ އަނިޔާވެރިކަން ހައްދުން ނެއްޓުމުން އެތައް ލައްކަ ރޮހިންޖާ މުސްލިމުން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.

މުސްލިމުން ދިޔަ ރަކީންގެ މައުންގްޑޯ ސަރަހައްދުގެ 71،000 އޭކަރުގެ ބިމެއްގައި މިއަންމާ ސަރުކާރުން މި ހަފުތާގައި ވަނީ ހަނޑޫ ހައްދަން ފަށައިފަ އެވެ. އޮފިޝަލުން ލަފާ ކުރަނީ މިއަންމާ ސަރުކާރުން މިފަދަ ފިޔަވަޅުތައް އަޅަނީ ރޮހިންޖާ މީހުން އަނބުރާ ރަކީން ސްޓޭޓަށް ގެންނަން ބޭނުން ނުވާތީ ކަމަށެވެ.

މައުންގްޑޯ އެގްރިކަލްޗަރަލް ޑިޕާޓްމަންޓުގެ ވެރިޔާ ތެއިން ވައި ބުނީ ހަނޑޫ ހައްދަނީ ބެންގާޅީން ދޫކޮށް ދިޔަ ބިންތަކުގައި ކަމަށެވެ. ރޮހިންޖާ މީހުންނަށް މިއަންމާ ސަރުކާރުން މުޚާތަބް ކުރަނީ ބެންގާޅީންގެ ނަމުގަ އެވެ.

ރަކީންގައި ދަނޑު ހެއްދުމުގެ މަސައްކަތަަށް މިއަންމާގެ އެކި ހިސާބުތަކުން މީހުން ގެނެސްފައިވާ ކަމަށް އެ ގައުމުގެ ސަރުކާރު ނޫހެއް ކަމަށްވާ ގްލޯބަލް ނިއު ލައިޓް އިން ބުންޏެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ހިއުމަން ރައިޓްސް ވޮޗުން ބުނީ އެއީ ރޮހިންޖާ މީހުންނަށް މިއަންމާ އިން މަރުހަބާ ނުކިޔާނެކަން ދޭހަކޮށްދޭ ކަމެއް ކަމަށެވެ. އަދި އެއީ ބައެއްގެ ބިން އަތުލުން ކަމަށް ވެސް ބުނެފައިވެ އެވެ.