Roadha Mihaaru
ރަކީން އަށް އދ.ގެ އޮފިޝަލުން ދިއުން ހުއްޓުވައިފި

ރަކީން އަށް އދ.ގެ އޮފިޝަލުން ދިއުން މިއަންމާ އިން ހުއްޓުވައިފި

28 ސެޕްޓެމްބަރ 2017

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 28) - ރަކީން ސްޓޭޓަށް އދ.ގެ އޮފިޝަލުން ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިއަންމާ ސަރުކާރުން ކެންސަލްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 28) - ރަކީން ސްޓޭޓަށް އދ.ގެ އޮފިޝަލުން ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިއަންމާ ސަރުކާރުން ކެންސަލްކޮށްފި އެވެ.

މިއީ މިދިޔަ މަހު 25 ވަނަ ދުވަހު ރަކީންގައި ހަމަނުޖެހުންތައް ހިނގަން ފެށި ފަހުން އދ.ގެ އޮފިޝަލުން އެ ސްޓޭޓަށް ދިއުމަށް ހަމަޖެހުނު ފުރަތަމަ ދަތުރެވެ. މިއަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ސިފައިން އޮޕަރޭޝަން ފެށުމުގެ ކުރިން ރަކީންގައި ހަރަކާތްތެރިވާ އދ.ގެ އޮފިޝަލުން ވަނީ ނެރެފަ އެވެ.

މިއަންމާގެ ވެރިރަށުގައި ހުރި އދ.ގެ އޮފިޝަލަކު ބުނީ ދަތުރު ކެންސަލް ކުރި ސަބަބެއް މިއަންމާ ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށެވެ. އދ. އިން މަސައްކަތް ކުރަމުން ދަނީ ރަކީން ސްޓޭޓް ދޫކޮށް ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުން ބަންގްލަދޭޝް އަށް އެތެރެވާން ޖެހުނު ސަބަބު ހޯދުމަށެވެ. ރެފިއުޖީން ބުނެފައި ވަނީ މިއަންމާ ސިފައިންނާއި ބުޑިސްޓުން އެ މީހުންގެ ގެދޮރުގައި އަލިފާން ޖަހާ އަނިޔާ ކުރަމުންދާ ކަމަށެވެ.

އދ.ގެ އޮފިޝަލުންގެ ދަތުރު ކެންސަލް ކުރި އިރު މިއަންމާގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އދ.ގެ ސަލާމަތީ މަޖިލިސް މިއަދު ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އިނގިރޭސި ވިލާތުގެ ފޮރިން އޮފީހުގެ މިނިސްޓަރު މާކް ފީލްޑް މިއަދު ވަނީ މިއަންމާގެ ލީޑަރު އަން ސަން ސޫކީއާ ބައްދަލު ކުރައްވާ ރަކީންގެ ހަމަނުޖެހުންތައް ހުއްޓާލުމަށް އެދިވަޑައިގެންފަ އެވެ.