Roadha Mihaaru
މުސްލިމުންނަށް ކުރި އަނިޔާ އދ. އިން ކުށްވެރިކޮށްފި

ރޮހިންޖާ މުސްލިމުންނަށް ކުރި އަނިޔާ ކުށްވެރިކޮށް އދ. އިން ގަރާރެއް ފާސްކޮށްފި

28 ޑިސެމްބަރ 2019

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 28) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގި އުދުވާން ކުށްވެރިކޮށް އދ.ގެ ޖެނެރަލް އެސެމްބްލީން ގަރާރެއް ފާސްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 28) - ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގި އުދުވާން ކުށްވެރިކޮށް އދ.ގެ ޖެނެރަލް އެސެމްބްލީން ގަރާރެއް ފާސްކޮށްފި އެވެ.

އދ.ގެ ގަރާރުގައި ވަނީ މިއަންމާގެ އަޣުލަބިއްޔަތު ނެތް މުސްލިމުންނާ ދެކޮޅަށް ހިންގާ ނަފުރަތުގެ އަމަލުތައް ހުއްޓާލުމަށް ގޮވާލައިފަ އެވެ. މިއަންމާ ސިފައިންގެ އަނިޔާވެރި އަމަލުތައް އދ.ގެ ގަރާރުގައި ސިފަކޮށްފައި ވަނީ "ބޮޑެތި ކުށް"ތަކުގެ ގޮތުގަ އެވެ.

ގަރާރު ފާސްކޮށްފައި ވަނީ އާއްމު މަޖިލީހުގެ 193 މެންބަރުންގެ ތެރރޭން 134 މެންބަރު ގައުމުގެ ތާއީދާ އެކު އެވެ. ގަރާރާ ދެކޮޅު ހަދާފައި ވަނީ ނުވަ ގައުމެކެވެ. އަށާވީސް ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.

މިއަންމާ ސިފައިން ރަކީން ސްޓޭޓުގައި 2017 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި އުދުވާންގައި އެތައް ސަތޭކަ ބަޔަކު މަރައި މުސްލިމުންގެ ގެދޮރާއި މުދަލުގައި އަލިފާން ޖަހާފައިވެ އެވެ. މިއަންމާގެ އަސްކަރިއްޔާގެ އަނިޔާވެރިކަން ބޮޑުވުމުން ހަތް ލައްކައެއްހާ މުސްލިމް ރެފިއުޖީން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.

މުސްލިމުންނަށް ކުރި އަނިޔާގެ ދިފާއުގައި، މިއަންމާގެ ލީޑަރު އަން ސަން ސޫކީ ވަނީ ދަ ހޭގުގައި ހުންނަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި މި މަހު ކުރީކޮޅު ވާހަކަ ދައްކަވައިފަ އެވެ. މުސްލިމް ގައުމުތަކުގެ ފަރާތުން، މިއަންމާގެ މައްސަލަ އދ.ގެ ކޯޓަށް ހުށަހެޅީ ގެމްބިއާ އިންނެވެ.

މި އަހަރުގެ ސެޕްޓެމްބަރު 30 ގެ ނިޔަލަށް ބަންގްލަދޭޝްގެ ރޮހިންޖާ ކޭމްޕްތަކުގައި ދިރިއުޅޭ މީހުންގެ އަދަދު ވަނީ 915،000 އަށް އަރައިފަ އެވެ. އޭގެ ތެރޭން 80 ޕަސެންޓަކީ 2017 ވަނަ އަހަރުގެ އޮގަސްޓާއި ޑިސެމްބަރު މަހާ ދެމެދު ބަންގްލަދޭޝް އަށް ހިޖުރަ ކުރި ރެފިއުޖީންނެވެ.