Roadha Mihaaru
ރޮހިންޖާ އަށް ފައިސާ ހޯދުމުގެ ޖަލްސާއެއް ފަށައިފި

ރޮހިންޖާ އަށް ފައިސާ ހޯދުމުގެ ކޮންފަރެންސެއް އދ. އިން ފަށައިފި

23 އޮކްޓޯބަރ 2017

ޖެނީވާ (އޮކްޓޯބަރު 23) - މިއަންމާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ބަންގްލަދޭޝް އަށް އެތެރެވެފައި ތިބި ރޮހިންޖާ ރެފިއުޖީންނަށް އެހީ ހޯދުމުގެ ކޮންފަރެންސެއް އދ. އިން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖެނީވާ (އޮކްޓޯބަރު 23) - މިއަންމާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ބަންގްލަދޭޝް އަށް އެތެރެވެފައި ތިބި ރޮހިންޖާ ރެފިއުޖީންނަށް އެހީ ހޯދުމުގެ ކޮންފަރެންސެއް އދ. އިން ފަށައިފި އެވެ.

އެހީދޭ ޖަމާއަތްތަކުން ބުނެފައި ވަނީ ރޮހިންޖާ ރެފިއުޖީންނަށް 434 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. މިދިޔަ އޮގަސްޓް މަހު ފަހުކޮޅު ރަކީން ސްޓޭޓުގައި ހަމަހުޖެހުން ހިންގަން ފެށި ފަހުން ބަންގްލަދޭޝް އަށް އެތެރެވި ރެފިއުޖީންގެ އަދަދު ހަ ލައްކަ އަށް އަރާފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

ޖެނީވާގައި މިއަދު ފެށި ބައްދަލުވުން ސްޕޮންސާކޮށްފައި ވަނީ ޔޫރަޕިއަން ޔޫނިއަން އާއި ކުވޭތުންނެވެ. ބައްދަލުވުން ބޭއްވީ ރޮހިންޖާ މީހުންނަށް ބޭނުންވާ 434 މިލިއަން ޑޮލަރު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ހަމަކުރުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ. ކޮންފަރެންސްގެ ކުރިން އެކި ފަރާތްތަކުން ވަނީ 100 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ. އަދި ޔޫރަޕިއަން ޔޫނިއަން އިން މިއަދު ވަނީ އިތުރު 30 މިލިއަން ޔޫރޯ ދޭނެ ކަމަށް ބުނެފަ އެވެ.

ވޯލްޑް ފުޑް ޕްރޮގްރާމުގެ ނައިބް އެލިޒަބަތު ރަސްމުސޮން ވިދާޅުވީ ވަސީލަތްތައް މިއަދު ލިބެން ހުރި މިންވަރަށް ވުރެ ރޮހިންޖާ މީހުންނަށް ބޭނުންވާ އެހީ މާ ބޮޑު ކަމަށެވެ.