ދިވެހިރާއްޖޭގެ އަޑަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރެއްވި ރަޝީދާ ނައީމް މިއަދު އަވަހާރަވެއްޖެ އެވެ.
02 ނޮވެމްބަރ 2017
ދިވެހިރާއްޖޭގެ އަޑަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރެއްވި ރަޝީދާ ނައީމް މިއަދު އަވަހާރަވެއްޖެ އެވެ.
މަރުހޫމް ސައިކުރާ އިބްރާހިމް ނައީމްގެ ކޮއްކޮ، ހ. ހޮޅުދޫގޭ ރަޝީދާ އަވަހާރަވީ ގިނަ އަހަރުތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އުމުރުފުޅުން 68 އަހަރުގަ އެވެ.
އެކި ކަންކަމަށް މީހުން ހޭލުންތެރިކުރުވަން އަޑުގައި ތަފާތު އެކި ޕްރޮގްރާމްތައް އުފެއްދެވުމާއި ޑްރާމާ ލިޔުއްވުމުގައި ރަޝީދާ ވަނީ 40 އަށް ވުރެ ގިނަ އަހަރު ޚިދުމަތް ކޮށްދެއްވައިފަ އެވެ.
އޭނާ ދުވަހަކު ވެސް ކައިވެންޏެއް ނުކުރައްވަ އެވެ.
ރަޝީދާ ލިޔުއްވި ޑްރާމާތަކުގެ ތެރެއިން އަންހެނުންނަށް ޚާއްސަކޮށް އުފެއްދެވި "ގޭތެރޭގެ ދިރިއުޅުން" އަދި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އާ ގުޅިގެން އުފެއްދި "ކުލުނު" އަކީ އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު ސިލްސިލާ ޕްރޮގްރާމެކެވެ.
އޭނާއާއެކު އެއްކޮށް މަސައްކަތް ކުރި މީހަކު ބުނިގޮތުގައި އޮފީހުގައި އުޅުއްވަނިކޮށް ދިމާވި ހާދިސާއެއްގެ ސަބަބުން ބަލި އެނދުގައި އޮންނަވައިގެން ވެސް އޮފީހުގައި ކުރައްވަންޖެހޭ މަސައްކަތްތައް ބަރާބަރަށް ރަޝީދާ ކުރައްވަމުން ގެންދެވި ކަމަށެވެ. އެގޮތުން 1982 ވަނަ އަހަރު ދިމާވި އެ ހާދިސާއަށް ފަހު ރިޓަޔާ ވަންދެން ވެސް ރަޝީދާ މަސައްކަތް ކުރެއްވީ ގޭގައި ކަން، އެއްކޮށް މަސައްކަތް ކުރި ބައެއް މީހުން ފާހަގަކުރި އެވެ.
"ގަޑިއަށް ވެސް މަސައްކަތަށް ވެސް ވަރަށް ފަރުވާތެރިވާނެ. އެންމެންނާ ގުޅިގެން މަސައްކަތް ކުރީ. އެހެން އުޅެނިކޮށް ދިމާވި ހާދިސާއެއްގައި ބަލި އެނދުގައި އޮންނަން ޖެހުނީ. އެކަމަކު ވެސް އޮފީހުގެ މަސައްކަތްތައް ހުއްޓައެއް ނުލި. ޑްރާމާ ލިޔެ، ޕްރޮގްރާމްތައް ޕްރޮޑިއުސްކުރަމުން ދިޔައީ،" ގިނަ އަހަރުތަކެއް ވަންދެން ރަޝީދާއާ އެކު މަސައްކަތް ކުރި މީހަކު ބުންޏެވެ.
"ރަޝީދާ ގޭގައި ލިޔުއްވީމާ އެ އެއްޗެހި ބަލައި އަޅުގަނޑުމެން ދާނީ އެ ގެއަށް. ދެން ރަޝީދާ ވިދާޅުވާ ގޮތަށް، އެހެން މުވައްޒަފަކު ޕްރޮގްރާމްތައް ޕްރޮޑިއުސްކުރާނީ."
ރަޝީދާގެ މޫނު ދެއްކުން އޮތީ ހޮޅުދޫގޭގަ އެވެ. ޖަނާޒާ ބާއްވަން އޮތީ އަސުރު ނަމާދަށް ފަހު އެވެ.
އައްޑޫގައި ކިޔަވައިދޭތާ 23އަހަރުވީ ޓީޗަރަކު ނިޔާވެއްޖެ
ޖަރުމަނުގައި ދިވެހި ޒުވާނަކު ނިޔާވެއްޖެ
ޒަކިއްޔާ މަރަށް އަހަރެއް: އަނެއްކާވެސް މުޒާހަރާއެއް
އެމްޔޫ މަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް
ޖަޕާނުގައި ނިޔާވި ލުޖައިނާގެ ޖަނާޒާ މިއަދު ބާއްވަނީ
ރިސޯޓުން ފެނުނު ޒުވާނާގެ އޮޓޮޕްސީ ހަދައި ވަޅުލައިފި
މަޝްހޫރު ފެޝަން ޑިޒައިނަރު ޖޯޖިއޯ އަރްމާނީ މަރުވެއްޖެ
ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެ
އެމްޔޫ މަނިކާ މެދު އެންމެންގެ ހިތުގައި އެއް ޝުއޫރެއް
"އެމްޔޫ މަނިކަކީ ވިޔަފާރީގައި ފަރުވާތެރި ނަމޫނާއެއް"