Roadha Mihaaru

މަޝްހޫރު ފެޝަން ޑިޒައިނަރު ޖޯޖިއޯ އަރްމާނީ މަރުވެއްޖެ

އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖޯޖިއޯ އަރްމާނީ އިއްޔެ މަރުވެއްޖެ އެވެ.

މަޝްހޫރު ފެޝަން ޑިޒައިނަރު ޖޯޖިއޯ އަރްމާނީ މަރުވެއްޖެ

އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖޯޖިއޯ އަރްމާނީ އިއްޔެ މަރުވެއްޖެ އެވެ.

މަލްޓިބިލިއަން ޑޮލަރުގެ ބޮޑު ވިޔަފާރި ބްރޭންޑެއް ހިންގާ އަރްމާނީ އުމުރުން 91 އަހަރުގައި މަރުވިކަން އޭނާގެ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ އިއުލާންކޮށްފަ އެވެ. އޭނާގެ އެންމެ ފަހު ދުވަސްތަކުގައި ވެސް ކުންފުންޏަށް ފައިދާ ހުރި ގިނަ ހިދުމަތްތަކެއް ކުރުމުގެ ހޭދަކުރި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފެޝަންގެ ދުނިޔޭގައި އެންމެ މަޝްހޫރު އެއް ނަން ކަމަށްވާ އަރްމާނީ މިދިޔަ ޖޫން މަހު ބޭއްވި މިލާން ފެޝަން ވީކްގެ އިވެންޓަށް ވެސް ނުދެ އެވެ. އެއީ ކޮންމެ އަހަރަކު ބާއްވާ އެ އިވެންޓުގެ ހަރަކާތެއްގައި އޭނާ ބައިވެރި ނުވާ ފުރަތަމަ ފަހަރެވެ.

އަރްމާނީ މަރުވި އިރު، މި މަހު ބާއްވަން ތާވަލުކޮށްފައި އޮތް މިލާން ފެޝަން ވީކްގެ އެހެން އިވެންޓުގައި އޭނާގެ ބްރޭންޑަށް 50 އަހަރު ފުރުން ކުލަގަދަ ފާހަގަކުރުމަށް ވެސް އޮތީ ރާވައިފަ އެވެ.

އަރްމާނީ ބްރޭންޑުގެ ދަށުން ހެދުމުގެ އިތުރުން ގަހަނާ އާއި ކޮސްމެޓިކްސް އާއި ސެންޓާއި ފޮތާއި މަލާއި ފަރުނީޗަރާއި ޗޮކްލެޓާއި އަދިވެސް އެހެން ބާވަތުގެ އެއްޗެހި އުފައްދައިގެން ވިއްކަ އެވެ. އޭނާގެ މިލްކިއްޔާތު 10 ބިލިއަން ޑޮލަރަށް އަރާއިރު، ފޯބްސް މެގަޒިންގެ ޓޮޕް 200 ބިލިއަނަރުންގެ ލިސްޓުގައި ވެސް އޭނާ ހިމެނެ އެވެ.