Roadha Mihaaru
އެކްސިޑެންޓެއްގައި ކުށްވެރިވި ކެޕްޓަން ސަލާމަތްވެއްޖެ

މީހަކު މަރުވި ލޯންޗް އެކްސިޑެންޓެއްގައި ކުށްވެރިވި ކެޕްޓަން ސަލާމަތްވެއްޖެ

01 ނޮވެމްބަރ 2017

ކަނޑޫމާ ރިސޯޓްގެ ކައިރީގައި ލޯންޗަކާއި ދޯންޏެއް ޖެހި މީހަކު މަރުވި އެކްސިޑެންޓްގައި ލޯންޗްގެ ކެޕްޓަން ކުށްވެރިވާ ކަމަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް، އޭނާ ކުށްވެރިނުވާ ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކަނޑޫމާ ރިސޯޓްގެ ކައިރީގައި ލޯންޗަކާއި ދޯންޏެއް ޖެހި މީހަކު މަރުވި އެކްސިޑެންޓްގައި ލޯންޗްގެ ކެޕްޓަން ކުށްވެރިވާ ކަމަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް، އޭނާ ކުށްވެރިނުވާ ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އޭޕްރީލް 2013 ގައި، ކަނޑޫމާ ރިސޯޓްގެ ނެރުން ނިކުންނަން ދިޔަ އެ ރިސޯޓްގެ ލޯންޗަކާއި އެވަގުތު އެ ނެރަށް ވަންނަން ދިޔަ "އަޒުމް" ދޯނި ޖެހި ހިނގި އެކްސިޑެންޓްގައި މަރުވީ އަލީ އަބްދުﷲ، ކ. ގުރައިދޫ ލައިނޫފަރުގެ އެވެ. އޭނާ އޭރު ހުރީ އަޒުމް ދޯނީގަ އެވެ.

އެ މައްސަލާގައި އެ ލޯންޗްގެ ކެޕްޓަން އިބްރާހިމް ސިރާޖު، ދ. މާއެނބުދޫ، ކެނެރީގެ މަައްޗަށް ގުރައިދޫ ކޯޓުން ހުކުމްކުރީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުން ކުށްވެރިވާ ކަމަށެވެ. އަދި އަލީ އަބްދުﷲގެ މަރުގެ ދިޔައިގެ ގޮތުގައި 100،000ރ ދިނުމާ އެކު ކައްފާރާގެ ގޮތުން ވިދިވިދިގެން ދެ މަހުގެ ރޯދަ ހިފަން ވެސް ސިރާޖުގެ މައްޗަށް 2015 ގައި ކޯޓުން ހުކުމްކުރި އެވެ.

އެ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ނިންމީ ސިރާޖު ކުށްވެރިނުވާ ކަމަށާއި އެހެންވެ ދަށު ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ އެ ހާދިސާ ހިނގި ވަގުތު އަޒުމް ދޯނީގެ ނެވިގޭޝަން ލައިޓް ހަލާކުވެފައި ހުރުމުން އެ ލައިޓް ނުދިއްލާ ހުރިކަން އެނގޭ ކަމަށާއި ނެވިގޭޝަން ލައިޓާ އެކު ދޯނި ދުއްވި ނަމަ އެ އެކްސިޑެންޓް ނުހިނގީސް ކަމަށެވެ. އަދި ނެވިގޭޝަން ލައިޓް ނެތި ދުއްވުމަކީ ނުރައްކާތެރި ކަމެއް ކަން ދައުލަތުން ހުށަހެޅި އެކްސްޕާޓްގެ ބަހުން އެނގޭ ކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން ލޯންޗްގެ ކެޕްޓަން އެވަގުތު ލޯންޗް ދުއްވި ސްޕީޑަށް ބަލާއިރު އެއީ ނެވިގޭޝަން ލައިޓް ހުރި ނަމަ ދޯނި ކޮންޓްރޯލް ކުރެވޭނެ އަދި ރައްކާތެރި ސްޕީޑެއް ކަން އެކްސްޕާޓްގެ ބަހުން އެނގެ އެވެ. ފަޅު ތެރެއަށް ވަދެ ނިކުމެ އުޅުމުގައި ދުއްވަން ޖެހޭ ވަކި ސްޕީޑެއް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކަނޑައެޅިފައި ނުވާ ކަން ފާހަގަކޮށް، އެ ހުކުމުގައި ވަނީ އެ ލޯންޗް ވަކި ސްޕީޑެއްގައި ދުއްވާފައި ދިއުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް އެ ހާދިސާގައި ކެޕްޓަން ކުށްވެރިވާނެ ކަމެއް ނޫން ކަމަށެވެ.

އެ މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

އެ މައްސަލާގައި އަޒުމް ދޯނީގެ ކެޕްޓަން ސައުދުﷲ، ލައިނޫފަރުގެ، ގުރައިދޫ، ގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. އެކަމަކު ގުރައިދޫ ކޯޓުން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.