Roadha Mihaaru
ނަމްބަރެއްގެ ޚިދުމަތް ކެނޑުމުން ބަދަލަށް ބައި ލައްކަ

އެއް ދުވަސް ކުރިން ނަމްބަރެއްގެ ޚިދުމަތް ކަނޑާލުމުން ދިރާގުން ބައި ލައްކަ ރުފިޔާ ދޭން ޖެހިއްޖެ

28 އޮކްޓޯބަރ 2017

ނަމްބަރެއްގެ ޚިދުމަތް ދާއިމީކޮށް މެދުކަނޑާލާ މުއްދަތު ހަމަވުމުގެ އެއް ދުވަސް ކުރިން ޕްރީޕެއިޑް ނަމްބަރެއްގެ ޚިދުމަތް ކަނޑާލުމުން، އެ ނަމްބަރު ގެންގުޅުނު މީހާއަށް ބައި ލައްކަ ރުފިޔާ ބަދަލެއްގެ ގޮތުގައި ދިނުމަށް ސިވިލް ކޯޓުން ދިރާގުގެ މައްޗަށް ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނަމްބަރެއްގެ ޚިދުމަތް ދާއިމީކޮށް މެދުކަނޑާލާ މުއްދަތު ހަމަވުމުގެ އެއް ދުވަސް ކުރިން ޕްރީޕެއިޑް ނަމްބަރެއްގެ ޚިދުމަތް ކަނޑާލުމުން، އެ ނަމްބަރު ގެންގުޅުނު މީހާއަށް ބައި ލައްކަ ރުފިޔާ ބަދަލެއްގެ ގޮތުގައި ދިނުމަށް ސިވިލް ކޯޓުން ދިރާގުގެ މައްޗަށް ހުކުމްކޮށްފި އެވެ.

ދިރާގުގެ ޕްރީޕެއިޑް ނަމްބަރެއްގެ ޚިދުމަތް ވަގުތީ ގޮތުން ކަނޑާލުމަށް ފަހު ދާއިމީކޮށް ޚިދުމަތް ކަނޑާލަނީ 180 ދުވަސް ހަމަވުމުންނެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަގުތީ ގޮތުން ޚިދުމަތް ކަނޑާލި ނަމްބަރެއްގެ ޚިދުމަތް ދާއިމީކޮށް މިދިޔަ ފެބްރުއަރީ މަހު ދިރާގުން ދިރާގުން ކަނޑާލީ އެ މުއްދަތު ހަމަވުމުގެ އެއް ދުވަސް ކުރިންނެވެ. އޭގެފަހުން މިދިޔަ މާޗް މަހު ދިރާގުން ވަނީ އެ ނަމްބަރު އެހެން މީހަކަށް ވިއްކާލައިފަ އެވެ.

އެހެންވެ، އެ ނަމްބަރު ގެންގުޅުނު މީހާ އެ ނަމްބަރު އަލުން ހޯދުމަށާއި ގެއްލުމުގެ ބަދަލަށް 150،000ރ. ހޯދަން ދައުވާ ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ނިންމީ ބަދަލެއްގެ ގޮތުން އޭނާއަށް 50،000ރ. ދިނުމަށާއި އެ ކެޓަގަރީގައި މިހާރު ހުސްކޮށް ހުރި ނަމްބަރުތަކުން ނަމްބަރެއް އިތުރު އަގަކާ ނުލައި އެ މީހާއަށް ދިނުމަށެވެ.

ބަދަލެއްގެ ގޮތުން 150،000ރ. ހޯދަން އެ މީހާގެ ދައުވާގައި އެދުނަސް ގާޒީ މުހައްމަދު ހަލީމް ކުރެއްވި ހުކުމުގައިވަނީ އެ މިންވަރަށް އެ ފަރާތަށް ގެއްލުން ލިބުނުކަން ސާބިތުނުވާ ކަމަށެވެ. އެހެން ނަމަވެސް މުވާސަލާތީ މިފަދަ ވަސީލަތެއް އުުސޫލުތަކާ ޚިލާފަށް މެދުކަނޑާލުމުން އުފުލަން ޖެހޭ ތަކުލީފުތަކާއި ލިބިދާނެ ގެއްލުންތަކަށް ބަލައި، އެދިފައިވާ ބަދަލުގެ ތިން ބައި ކުޅަ އެއް ބަޔަށްވާ 50،000ރ. އަކީ އެކަށީގެންވާ އަދަދެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ހުކުމުގައިވެ އެވެ.

ގެއްލިގެން ދިޔަ ނަމްބަރު އަލުން ހޯދުމަށް އެ ދައުވާގައި އެދިފައި ވިޔަސް އެ ހުކުމުގައިވަނީ އެ ނަމްބަރު އަލުން އެ މީހާއަށް ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ އެ ނަމްބަރަކީ އެހެން މީހަކު މިހާރު ބޭނުން ކުރާ ނަމްބަރަކަށް ވުމުން، އެގޮތަށް އަންގައިފި ނަމަ ތިން ވަނަ ފަރާތެއްގެ ހައްގަށް އަސަރު ކޮށްފާނެތީ އެވެ.

ދިރާގުން ކޯޓުގައި ބުނެފައިވަނީ އެ ނަމްބަރުގެ ޚިދުމަތް ދާއިމީކޮށް ކަނޑާލީ އޮންނަ އުސޫލުގެ މަތިން 180 ދުވަސް ހަމަވި ދުވަހު ކަމަށެވެ. އެކަމަކު ކޯޓުގެ ހުކުމުގައިވަނީ މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގެ ދަށުން، ދެ ކަމެއްގެ ދޭތެރޭގައި ހިނގާ މުއްދަތު ގުނާއިރު އެ ދެކަމެއް ހިނގާ ދެ ދުވަސް ނުގުނޭނެތީ އެގޮތަށް މުއްދަތު ގުނުމުން އެ ނަމްބަރު ޚިދުމަތް ކަނޑާލީ 179 ވަނަ ދުވަހު ކަމަށް ބަލަންޖެހޭ ކަމަށެވެ.

މީގެކުރިން ފޯނެއް ގަތުމަށް ދިރާގަށް ޕްރީއޯޑަރު ދިން މީހަކަށް ކަނޑައެޅި މުއްދަތުގައި ފޯނު ނުލިބުނު މައްސަލާގައި ބަދަލެއްގެ ގޮތުން 160،000ރ. އެ މީހާއަށް ދިނުމަށް ވެސް ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގަ އެވެ.