Roadha Mihaaru
މެލޭޝިޔާ ބިން ހިއްކަން އެމްޓީސީސީ އަށް ހުށަހެޅުމެއް

މެލޭޝިޔާ ޕްރޮޖެކްޓެއްގެ ބިން ހިއްކަން އެމްޓީސީސީ އަށް ހުށަހެޅުމެއް ލިބިއްޖެ

22 އޮކްޓޯބަރ 2017

މެލޭޝިޔާގެ ބިން ހިއްކުމުގެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޓީސީސީން އަލަށް ގެންނަ ޑްރެޖަރު، މަހާ ޖައްރާފަށް ހުށަހެޅުމެއް ލިބިއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

މެލޭޝިޔާގެ ބިން ހިއްކުމުގެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޓީސީސީން އަލަށް ގެންނަ ޑްރެޖަރު، މަހާ ޖައްރާފަށް ހުށަހެޅުމެއް ލިބިއްޖެ އެވެ.

އެމްޓީސީސީ ހެޑް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިއަތު ވިދާޅުވީ އެ ހުށަހެޅުން އިތުރަށް ބަލަމުން ގެންދާ ކަމަށެވެ. އަދި އެކަމާގުޅޭ ބައެއް މައުލޫމާތުތައް މެލޭޝިޔާ އެންބަސީ މެދުވެރިކޮށް ސާފު ކުރަމުން އަންނަ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ ޒިއަތު.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

އެމްޓީސީސީގެ ސީއީއޯ ޒިއަތު.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

"މިހާރުވެސް އިންކުއަރީ އައިސްފައި މެލޭޝިޔާ ޕާޓީއަކުން. އެކަން އެބަ ބަލަން. މެލޭޝިއަން އެމްބަސީ މެދުވެރުކޮށްވެސް. އެއީ 50 މިލިއަން ސީބީއެމްގެ ޕްރޮޖެކްޓެއް،" ޒިއަތު ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް އެކްސައިޓްވެފައި މިތިބީ. ޑްރެޖަރު އައުމުގެ ކުރިން ރާއްޖޭން ވެސް މިހަރު މިއޮތީ ދެ ޕްރޮޖެކްޓް ލިބިފައި،"

މެލޭޝިޔާ ޕްރޮޖެކްޓުގެ ހުށަހެޅުން، އެމްޓީސީސީ އަށް ލިބުނީ ކޮން ފަރާތަކުން ކަމެއް އަދި އެ ޕްރޮޖެކްޓުގެ އަގަކީ ކިހާ ވަރެއް ކަމެއް ހާމައެއް ނުކުރެ އެވެ.

ޒިއަތު ވިދާޅުވީ ހދ. ކުޅުދުއްފުށީ ބިން ހިއްކުމުގެ ޕްރޮޖެކްޓުގެ އިތުރުން ށ. ފުނަދޫ ބިން ހިއްކުމުގެ ޕްރޮޖެކްޓެއް ވެސް މަހާ ޖައްރާފަށް ލިބިފައިވާ ކަމަށް ޒިއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީ ޕްރޮޖެކްޓަކީ 53.4 މިލިއަން ރުފިޔާގެ މަސައްކަތެއް ކަމަށާއި، ހިއްކާނީ އެރަށު ކުޅިން އަށް ހެކްޓަރު އަދި މޫދުން ހަ ހެކްޓަރު ކަމަށެވެ. އަދި ފުނަދޫ ޕްރޮޖެކްޓަކީ 52.9 މިލިޔަން ރުފިޔާގެ މަސައްކަތެއް ކަމަށާއި، 21 ހެކްޓަރު ހިއްކަން ހަމަޖެހިފައިވާ ކަމަށެވެ.

މި މަހުގެ 30 ވަނަ ދުވަހު ރާއްޖެ އައުމަށް ތާވަލް ކޮށްފައި ވީނަމަ ވެސް، މި މަހުގެ 25 ވަނަ ދުވަހު މަހާ ޖައްރާފަށް ރާއްޖެ އާދެވޭނެ ކަމަށް ވެސް ޒިއަތު ވިދާޅުވި އެވެ. ރާއްޖެ އަންނަ ގޮތަށް ދާނީ ކުޅުދުއްފުށީ ޕްރޮޖެކްޓް މަސައްކަތް ފެށަން ތައްޔާރުވުމަށް ކަމަށާއި، ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި އެ މަސައްކަތް ފެށިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ މަހާ ޖައްރާފުގައި ފުރަތަމަ ދެ އަހަރު މަސައްކަތް ކުރާނީ ބޭރު މީހުން ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ދިވެހިން ޓްރެއިން ކޮށް، ކުރިއަށް އޮތް ތަނުގައި ދިވެހިންނަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި ޑްރެޖަރުގައި މަސައްކަތް ކުރާނީ ދެ ޝިފްޓަށް، 10 ވަރަކަށް މުވައްޒަފުން ކަމަށެވެ.