Roadha Mihaaru
މަރުގެ ހުކުމް ތަންފީޒުނުކުރެވެނީ އިޖުރާއަތުތައް ނުނިމޭތީ

މަރުގެ ހުކުމް ތަންފީޒުކުރަން ނުފެށުނީ އިޖުރާއަތުތައް ފުރިހަމަނުވެގެން

10 އޮކްޓޯބަރ 2017

މިދިޔަ މަހު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ފަށާ ގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް އެކަން ލަސްވަނީ ގާނޫނީ ގޮތުން ބައެއް އިޖުރާއަތުތައް ފުރިހަމަ ނުވެގެން ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިދިޔަ މަހު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ފަށާ ގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް އެކަން ލަސްވަނީ ގާނޫނީ ގޮތުން ބައެއް އިޖުރާއަތުތައް ފުރިހަމަ ނުވެގެން ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން މިދިޔަ އޮގަސްޓް މަހު ބޭއްވި ހަފުލާއެއްގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ސެޕްޓެމްބަރު މަސް ނިމޭއިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ފަށާނެ ކަމަށެވެ. އެކަން ފަށަން، އޭރު ކުރަން އޮތް މަސައްކަތަކީ ތަނެއް ތައްޔާރުކުރުމާއި އެ ތަނަށް ބޭނުންވާ ވަސީލަތްތައް ޖަމާކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒުކުރަން ފެށުމުގެ ކުރިން ގާނޫނީ ގޮތުން ގިނަ ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭ ކަމަށް ގަވާއިދުގައިވެ އެވެ. މިދިޔަ މަހު އެކަން ނުފެށުނީ، އޮފިޝަލް ވިދާޅުވި ގޮތުގައި، ކޯޓުތަކުން ނިންމަން ޖެހޭ ބައެއް ކަންކަމާއި މީޑިއޭޓްކުރުން ނުނިމިގެންނެވެ.

އެނގިފައިވާ ގޮތުގައި މަރުގެ ހުކުމް ތަންފީޒުކުރާނެ ކޮޓަރިއެއް މާފުށީ ޖަލުގައި މިހާރު ވަނީ ހަދައިފަ އެވެ. ރާއްޖޭގައި މީހުން މަރަން ނިންމާފައި ވަނީ ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެންނެވެ. މި ދެ ގޮތަށް މަރުގެ ހުކުމް ތަންފީޒުކުރަން ބޭނުންވާ ސާމާނު ވެސް މިހާރު ވަނީ ހޯދާފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި މަރަން ހުކުމް ކޮށްފައި ތިބި މީހުންގެ ތެރެއިން އިސްތިއުނާފް މަރުހަލާ ނިމިފައި އޮތީ އެންމެ ތިން މީހެއްގެ އެވެ. އެއީ ޑރ. އަފްރާޝީމްގެ އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލް އަދި ގާނޫނީ ވަކީލް އަހުމަދު ނަޖީބްގެ ގާތިލް އަހުމަދު މުއްރަތެވެ.

ގާތްގަނޑަކަށް 60 އަހަރަށް ފަހު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން އުޅޭތީ ރާއްޖެ އާއި ބޭރުގެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ނުކުރަން ސަރުކާރަށް ގޮވާލައިފަ އެވެ.

އދ. އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެމްނެސްޓީގެ އިތުރުން، އެމެރިކާ އާއި އިނގިރޭސިވިލާތާއި ކެނެޑާ ފަދަ ގައުމުތައް ވެސް ބުނަމުން ދަނީ މަރުގެ ހުކުމް ތަންފީޒުނުކުރުމަށވެ. އޭގެ އިތުރުން ރާއްޖޭގެ ޝަރުއީ ނިޒާމް މިނިވަން ނުވެ، އަދުލުވެރިކަމާ އެކު މަރުގެ ހުކުމް ތަންފީޒުކުރެވިދާނެތޯ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުން ސުވާލު އުފައްދަ އެވެ.