Roadha Mihaaru
ކޮވިޑް ފެތުރޭތީ ޔާމީން ގެއަށް ބަދަލުކުރަން ގޮވާލައިފި

ޖަލުގައި ކޮވިޑް ފެތުރޭތީ ޔާމީން ގެއަށް ބަދަލުކޮށްދޭން ގޮވާލައިފި

24 އެޕްރީލް 2021

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ހުންނެވި ޖަލުގައި ކޮވިޑް-19 ފެތުރޭތީ އެ މަނިކުފާނު ގެއަށް ބަދަލުކޮށްދޭން އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ގޮވާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ހުންނެވި ޖަލުގައި ކޮވިޑް-19 ފެތުރޭތީ އެ މަނިކުފާނު ގެއަށް ބަދަލުކޮށްދޭން އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ގޮވާލައިފި އެވެ.

އެ ދެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާފުށީ ޖަލުގެ މުވައްޒަފުންތަކަކާއި ޖަލު ބަލަހައްޓާ އޮފިސަރުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އަޑު ފެތުރެމުންދާ ކަަމަށެވެ. އެހެންވެ އެކަމުގެ މައުލޫމާތު ރައްޔިތުންނަށް ސާުފުކޮށްދޭން ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ. ޖަލުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ބުނާ އޮފިސަރުންގެ ތެރޭގައި ރައީސް ޔާމީނުގެ ކަންތައްތައް ބަލަހައްޓާ އޮފިސަރެއް ވެސް ހިމެނޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"... ވީމާ ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމަށް ސިއްހީ ގޮތުން ލިބިގެން ހިނގައިދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށް ނަމަވެސް އެ މަނިކުފާނު މިއަދުން މިއަދަށް ގެއަށް ގެނެސްދިނުމަށް ސަރުކާރަށްް ގޮވައިލަމެވެ،" ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޔާމީނު ގެއަށް ބަދަލުކުރަން އެ މަނިިކުފާނުގެ ޑޮކްޓަރުން ވެސް ވަަނީ ލަފާދެއްވައިފަ އެވެ. އެހެންވެ އެކަމަށް ރިއާޔަތްކޮށްދޭން އެދޭ ކަަމަށް ވެސް ބުންޏެވެ. ޔާމީނަށް ކޮށްފައިވާ ހުކުމަކީ ނުހައްގުން ކޮށްފައިވާ ސިޔާސީ ހުކުމެއް ކަމަށް އެ ދެޕާޓީން ބުނާ ބުނުން މިއަދުގެ ބަޔާނުގައި ވެސް ތަކުރާރުކޮށްފައި ވެއެވެ.

ޔާމީން މިނިވަންކޮށްދޭން އެދި އެ ދެ ޕާޓީގެ ލީޑަރުން ވަނީ މީގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކޮށްފަ އެވެ.