Roadha Mihaaru
ހުކުމުގައި ދެއްކި ގޯސްތައް ރަނގަޅު ކުރާނަން: އިމްްރާން

ގަދަބާރުން ނިޒާމު ނުހިންގާނަން، ގޯސްތައް ރަނގަޅު ކުރާނަން: އިމްރާން

02 ޑިސެމްބަރ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާ އިން އެ މަނިކުފާނު ސަލާމަތްވި ހުކުމްގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ކަންކަމަށް ފުރިހަމަ ތަހުގީގެއް ނުހިންގުން ފަދަ ކަންކަން ބަލައިގަނެ އެ ކަންކަން ވެސް އިސްލާހު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާ އިން އެ މަނިކުފާނު ސަލާމަތްވި ހުކުމްގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ކަންކަމަށް ފުރިހަމަ ތަހުގީގެއް ނުހިންގުން ފަދަ ކަންކަން ބަލައިގަނެ އެ ކަންކަން ވެސް އިސްލާހު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައި ވަނިކޮށް، ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ވަނީ ބާތިލްކޮށްފަ އެވެ. ތަހުގީގުގައި ގޯސްތަކެއް ހަދާފައިވާ ކަން އެ ހުކުމުގައި، ފާހަގަކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓާ ހިސާބުން އިދިކޮޅު ލީޑަރު މިނިވަންވެ ސިޔާސީ މަސްރަހަށް އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން "މިހާރު" ގެ "މެދުސަފުހާ" އަށް ދެއްވި އިންޓަވިއުއެއްގައި އިމްރާން ވިދާޅުވީ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތަށް ތަހުގީގުގައި ފަރުވާތެރިވާން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނިޒާމަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި، އެ ބަދަލު ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓާ ހިސާބުން ޔާމީން މިނިވަންވުމުން ސާފުވީ، އިމްރާން ވިދާޅުވި ގޮތުގައި، ސަރުކާރުން ރައްޔިތުންނަށް ވި ވައުދުތައް ފުއްދަމުން އަންނަ ކަމެވެ. އަދި ކޯޓުތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަން އިދިކޮޅު ފަރާތްތަކަށް ވެސް މިހާރު ސާފުވާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން "މިހާރު" ގެ ނޫސްވެރިންނާ އިއްޔެ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިނިސްޓަރު އިމްރާން "މިހާރު" ގެ ނޫސްވެރިންނާ އިއްޔެ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވިދާޅުވީ ގަދަބާރުން ކަންކަން ކޮށްގެން ނަތީޖާ ނެރުމުގެ ވިސްނުމެއް މި ސަރުކާރުގައި ނެތް ކަމަށެވެ. ކަންކަން އިސްލާހު ވާނީ ކުރަން އޮންނަ މަގުން، ގާނޫނުތަކުގެ ތެެެރެއިން، އިޖުރާއަތުތަކުގެ ތެރެއިން ތަންފީޒު ކޮށްގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މި ސަރުކާރުން ބޭނުމެއް ނުވޭ ގަދަބާރުން ކަންކަން ކުރަން. އިޖުރާއަތުގެ ތެރެއިން ނިޒާމުގެ ތެރެއިން ކަންކަން ކުރުން އަޅުގަނޑުމެން މުހިއްމު ވަނީ. އެ ދިމާއިން ކަންކަން ކުރަން ޖެހޭ ކަން ވަރަށް ރީތިކޮށް އަޅުގަނޑުމެންނަށް އެ ބުނެ ދިނީ،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ މިސްރާބު ވެސް ހުރީ އެ ދިމާލަށެވެ.

އިމްރާން ވިދާޅުވީ ތަހުގީގު ކުރުމާއި ކޯޓުތަކަށް ގެންނަ ހެޔޮބަދަލުތަކާ އެކު ވައުދުތައް އެމްއެމްޕީއާރުސީގެ ހިޔާނާތާއި މަރުތަކަށް އިންސާފު ހޯދައި ދިނުމާއި ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގައި ވެސް ސަރުކާރުގެ އަމާޒަކީ ނަތީޖާ ނެރެދިނުން ކަމަށެވެ. މިކަމުގައި ލަސްވެފައިވާ ކަމަށް ގަބޫލުކުރުމާ އެކުގައި ވެސް ކުރަން ހުރި ކަންކަން ނިންމޭނެ ކަމަށް ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ތިން ބިލިއަން ރުފިޔާގެ ހިޔާނާތް ބަލައި އިންސާފަށް ވާސިލު ވާން ގޮންޖެހުންތަކެއް ހުރި ކަމަށާއި އެ ހިޔާނާތް ފަސް އަޅައި ފޮރުވަން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަަމށް ވެސް ވިދާޅުވި އެވެ. ހިޔާނާތުގެ ލިސްޓުތައް ދެތިން ފަހަރަކު އައިސް ތަހުގީގުކޮށް ދައުވާ އުފުލައި ކޯޓަށް ވަންނަ ހިސާބަށް ދިޔައީމާ އެކަން ފެންނަމުންދާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެހެންވިޔަސް އޭނާ ވިދާޅުވި ގޮތުގައި މި ހިޔާނާތުން ރައްޔިތުންނަށް ވި ގެއްލުންތައް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ދޫކޮށެއް ނުލާނެ އެވެ.

"އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތުން ގެއްލިފައި ހުރި ފައިސާގެ ތެރެއިން ކަންތައްތަކެއް ރައްޔިތުންނަށް އޭގެ ބަދަލު ލިބޭނެ ގޮތްތަކެއް ހަމަޖެހި އިއުލާން ކުރެވިގެން ދާނެ. އެކަމަށް މަސައްކަތް ކުރެވިފައި އެބަހުރި،" އިމްރާން ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ ވައުދުގައި ވެސް ނަތީޖާތަކެއް ކައިރި މުސްތަގުބަލެއްގައި ނެރެވޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގައި ރައްޔިތުންނަށް އިހްސާސްކުރެވޭނެ ފަދަ ބަދަލެއް ގެންނާނެ ކަމަށެވެ. މި ސަރުކާރުގެ ތިން އަހަރަށް ބަލާއިރު ކުރީގެ ސަރުކާރުތަކަށް ވުރެން ރަނގަޅު ނަތީޖާއެއް ނެރެދެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ތަހުގީގުތައް ރަނގަޅު ކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އިރު ޔާމީން މިނިވަންކުރި ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވާ އެއް މައްސަލައަކީ އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދަން އެކަށީގެންވާ ވަރެއްގެ ތަހުގީގެއް ކޮށްފައި ނެތުމެވެ. އެގޮތުން އެސްއޯއެފް ކުންފުންޏާ ގުޅޭގޮތުން ވެސް އެކަށީގެންވާ ތަހުގީގެއް ކޮށްފައި ނެތްއިރު، އެ ކުންފުނީގެ ފަރާތުން ފައިސާ ޖަމާ ކުރުމުގައި ހަރަކާތްތެރިވި މީހުންގެ ހެކިބަސް ނަގަައިގެން ޝައްކުތައް ފިލުވާލަން ދައުލަތުން މަސައްކަތް ކޮށްފައި ނެތުމާއި އެސްއޯއެފްގެ ވެރިންނަށް ދައުވާ ނުކުރަން ނިންމުން ފަދަ ކަންކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. މީގެ އިތުރުން އަސްލު މުއާމަލާތް ހިނގި ކަމާ މެދު ވެސް ޝައްކު އުފެދޭ ކަަމަށާއި މި މައްސަލައިގައި ދައުވާކުރި އެއް މިލިއަން ޑޮލަރަކީ ކުށެއް ކޮށްގެން ހޯދި ފައިސާއެއް ކަން ސާބިތުކޮށް ނުދެވުމެވެ.