Roadha Mihaaru
ރިޒުހާނާއި ސާއިފް ޓީމަށް، ބަކާ އަށް ފުރުސަތެއް ނެތް

ރިޒުހާނާއި ސާއިފް ގައުމީ ޓީމަށް، ބަކާ އަށް ފުރުސަތެއް ނެތް

25 ސެޕްޓެމްބަރ 2017

ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހު 10 ވަނަ ދުވަހު މާލޭގައި އޮމާނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން ގްރީން ސްޓްރީޓްސްގެ އިބްރާހިމް ރިޒުހާން (ރިޒްކޯ) އާއި މުހައްމަދު ސާއިފަށް ފުރުސަތު ދިންއިރު، މާޒިޔާ އަށް ކުޅޭ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) މި ފަހަރު ވެސް ބާކީވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހު 10 ވަނަ ދުވަހު މާލޭގައި އޮމާނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން ގްރީން ސްޓްރީޓްސްގެ އިބްރާހިމް ރިޒުހާން (ރިޒްކޯ) އާއި މުހައްމަދު ސާއިފަށް ފުރުސަތު ދިންއިރު، މާޒިޔާ އަށް ކުޅޭ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) މި ފަހަރު ވެސް ބާކީވެއްޖެ އެވެ.

މިއީ ރިޒުހާން ގައުމީ ސްކޮޑުގައި ހިމެނުނު ފުރަތަމަ ފަހަރެވެ. އަރިމަތިން ކޮންމެ ފަޅިއަކަށް ވެސް ކުޅޭ ރިޒުހާނަކީ މިދިޔަ ސީޒަނުގައި ގްރީން ސްޓްރީޓްސް ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އަދި މި ސީޒަނުގައި މާލޭ ލީގުގެ ދެ ވަނަ ގްރީން ސްޓްރީޓްސް އިން ހޯދިއިރު، ރިޒުހާން ވަނީ މޮޅު ކުޅުމެއް ދައްކައި މުހިއްމު ލަނޑުތަކެއް ޖަހައިފަ އެވެ.

ސާއިފަކީ ކްލަބް ވެލެންސިއާގެ ޒުވާން ޓީމުން ފެނުނު ކުޅުންތެރިއެކެވެ. އިސްމާއިލް އާސިފް (ކުޑަ ހީނާ)ގެ ކޯޗުކަމުގައި ސީނިއާ ފުޓްބޯޅައިގެ ތެރެއަށް ވަން ސާއިފް ވަނީ އުމުރުފުރާ ގައުމީ ޓީމުތަކަށް ވެސް ކުޅެފަ އެވެ. އޭގެ ފަހުން އޭނާ ވަނީ މާޒިޔާ، ނިއު ރޭޑިއަންޓް އަދި ވިކްޓަރީ އަށް ކުޅެފަ އެވެ. އޭނާ މިހާރު ކުޅެމުން އަންނަ ގްރީން ސްޓްރީޓްސް އަށް ބަދަލުވީ މި ސީޒަނުގަ އެވެ. އަދި މިއީ އޭނާ ކެރިއަރުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ސީޒަނެވެ.

ބަކާ އަށް ގައުމީ ޓީމުން ފުރުސަތު ނުލިބެން ފެށީ މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހު އޭރުގެ ކޯޗު ރިކީ ހާބަޓަށް ފާޑުކީ ފަހުންނެވެ. މިހާރު ފުރުސަތު ނުލިބުމާ އެކަމާ ގުޅުމެއް އޮތް ކަމެއް ނޭނގެ އެވެ. މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ބަކާ އަންނަނީ މި އަހަރު މިހާތަނަށް އޭނާ ކުޅުނު ދެ ޓީމު ކަމަށްވާ ވިކްޓަރީ އާއި މާޒިޔާގައި ވެސް ތަފާތު ދައްކަމުންނެވެ.

ނިއުގެ ގަލާޑޯ (ކ) ކައިރިން ބޯޅަ ހޯދަން ވިކްޓަރީގެ ބަކާ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ގަލާޑޯ (ކ) ކައިރިން ބޯޅަ ހޯދަން ވިކްޓަރީގެ ބަކާ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޮމާނާ ދެކޮޅަށް އެންމެ ފަހުން ގައުމީ ޓީމު ކުޅުނު މެޗުގައި 5-0 އިން ރާއްޖެ ބަލިވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ޓީމަށް އަމާޒުވިއިރު، ބަކާ ނެތުމުގެ ވާހަކަ ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ. އަދި ތަޖުރިބާ އަށް ބަލާއިރު ބަކާގެ ބޭނުން ޓީމުގެ މެދުތެރެއަށް މުހިއްމު ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

މި ފަހަރު ޓީމުން އަލުން ފުރުސަތު ހޯދި ކުޅުންތެރިއަކީ ޓީސީގެ މުހައްމަދު އައްޒާމް އެވެ. އެންމެ ފަހުން ގައުމީ ސްކޮޑަށް އައްޒާމް ނެގި ނަމަވެސް އޭނާ އަށް އަނިޔާވުމުން ފަހުން ބަދަލުކުރީ އެވެ.

އަނިޔާގެ ސަބަބުން މި ފަހަރު ޓީމުން ޖާގަ ގެއްލުނު އަނެއް ދެ ކުޅުންތެރިންނަކީ މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ އާއި ގްރީން ސްޓްރީޓްސްގެ ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު ފަލަސްތީނެވެ. ދެ ވަނައިގައި އޮމާން އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ރާއްޖެ ތިން ވަަނައިގައި ތިން ޕޮއިންޓާ އެކު އޮތްއިރު، ބޫޓާން އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.

ގައުމީ ސްކޮޑް:

މާޒިޔާ: އަމްދާން އަލީ (އެންޑީ)، މުހައްމަދު އިރުފާން، އަޝްހަދު އަލީ (އަޑުބަރޭ)، މުހައްމަދު އުމެއިރު، ސަމޫހު އަލީ (ސަމުއްޓެ)، އިސްމާއިލް އީސާ.

ނިއު ރޭޑިއަންޓް: މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު ރަޝީދު (ހޮކޭ)، އަހުމަދު އަބްދުﷲ (ލިލީ)، އަކްރަމް އަބްދުލްގަނީ، ރިލްވާން ވަހީދު (ރިލޭ)، އަދި އަލީ އަޝްފާގު (ދަގަނޑޭ)

ޓީސީ ސްޕޯޓްސް ކްލަބް: ހަސަން ނާއިޒް (ދާދު)، އިބްރާހިމް ވަހީދު ހަސަން (އިއްބެ). އަހުމަދު ޒާދު، މުހައްމަދު އައްޒާމް

ގދ. ތިނަދޫ: އިމްރާން ނަޝީދު، އަހުމަދު ރިޒްވާން (ރިޒޭ).

ށ. މިލަންދޫ: މުހައްމަދު އިމްރާން.

ކްލަބް ގްރީން ސްޓްރީޓްސް: އިބްރާހިމް ރިޒުހާން، ޝާފިއު އަހުމަދު (ޝާފީ)، މުހައްމަދު ސާއިފް

ގަލޮޅު ދަނޑުގައި 24 ކުޅުންތެރިންނާ އެކު މިއަދު ހަވީރު ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. މިހާރު ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުން އެއް ކީޕަރު ޓީމުގައި ހިމަނަން ވަނީ ނިންމައިފަ އެވެ.