Roadha Mihaaru
ހިޖުރައިގައި ޒުވާނުންގެ ދައުރުން އިބުރަތް ހާސިލް ކުރުން

ހިޖުރައިގެ ހާދިސާގައި ޒުވާން ބޭފުޅުންގެ ދައުރުން އިބުރަތް ހޯދުން

22 ސެޕްޓެމްބަރ 2017

ހިޖުރީ ގޮތުން އަހަރެއް ނިމި އަނެއް އަހަރު ފެށިގެންދާ އިރު މުސްލިމުންނަށް ވަރަށް ގިނަ ކަންތައްތަކެއްގެ ހަނދާން އާވެގެން ދެ އެވެ. މައްކާގައި މުސްލިމުންނަށް ލިބެމުންދިޔަ އަނިޔާތަކާއި ދީނަށް ގޮވާލެއްވުމަށް އެޅުނު ހުރަސްތަކާއި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އާއި އަޞްޙާބުން މަދީނާ އަށް ވަޑައިގަތުމުގައި އުފުއްލަވަން ޖެހިވަޑައިގަތް ބުރަތަކާއި، މަދީނާގައި ބިންގާއެޅިގެން ދިޔަ އިސްލާމީ ދައުލަތާއި މިފަދަ އެތައް ކަމެކެވެ. އެހެންކަމުން ހިޖުރައިގެ ހާދިސާއަކީ އެއިން ވަރަށް ގިނަ ފިލާވަޅުތަކާއި އިބުރަތްތައް ލިބެން އޮތް ހާދިސާ އެކެވެ.

ހިޖުރީ ގޮތުން އަހަރެއް ނިމި އަނެއް އަހަރު ފެށިގެންދާ އިރު މުސްލިމުންނަށް ވަރަށް ގިނަ ކަންތައްތަކެއްގެ ހަނދާން އާވެގެން ދެ އެވެ. މައްކާގައި މުސްލިމުންނަށް ލިބެމުންދިޔަ އަނިޔާތަކާއި ދީނަށް ގޮވާލެއްވުމަށް އެޅުނު ހުރަސްތަކާއި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އާއި އަޞްޙާބުން މަދީނާ އަށް ވަޑައިގަތުމުގައި އުފުއްލަވަން ޖެހިވަޑައިގަތް ބުރަތަކާއި، މަދީނާގައި ބިންގާއެޅިގެން ދިޔަ އިސްލާމީ ދައުލަތާއި މިފަދަ އެތައް ކަމެކެވެ. އެހެންކަމުން ހިޖުރައިގެ ހާދިސާއަކީ އެއިން ވަރަށް ގިނަ ފިލާވަޅުތަކާއި އިބުރަތްތައް ލިބެން އޮތް ހާދިސާ އެކެވެ.

ހިޖުރައިގެ ހާދިސާ އިން ފާހަގަ ކުރެވޭ އެއް ކަމަކީ ޒުވާން ބޭފުޅުން އެކަމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ގޮތެވެ. އިސްލާމް ދީން ފެތުރުމާއި ދީން ރައްކާތެރިކޮށް ދެމެހެއްޓުމުގައި އެ ބޭފުޅުން އަދާކުރެއްވި ދައުރެވެ. ދުނިޔޭގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ އަދި އިސްލާމީ ތާރީޚުގައި އެ ހަނދާންތަކެއް އަބަދުވެސް އާވެ އާލާވެ ހުންނަ ހިޖުރައިގެ ތާރީޚީ ހާދިސާގައި މުސްލިމް ޒުވާނުން އަދާކޮށްދީފައިވަނީ ވަރަށް މަތިވެރި ދައުރެކެވެ. ވަރުގަދަ ބަތަލުންތަކެއް އަދާކުރާނެ ފަދަ ހިތްވަރުގަދަ އަދި ޖޯޝުން ފުރިފައިވާ ދައުރެކެވެ.

ހިޖުރައިގައި ޒުވާނުންގެ ދައުރުގެ ތެރެއިން އެންމެ ފުރަތަމަ ފާހަގަ ކޮށްލެވޭ ކަމަކީ ހިޖުރައިގެ މުގައްދިމާއެއް ކަމުގައިވާ ޢަޤަބާގެ ބައިޢަތުތަކުގައި ޒުވާނުން އަދާކޮށްފައިވާ ދައުރެވެ. ޒުވާން އަނަސް ބްނު ރާފިޢު އާއި އެކަލޭގެފާނު ފަދަ އެހެން ޒުވާނުން ހިމެނޭ ޖަމާޢަތެއް މަދީނާ އިން މައްކާ އަށް ވިޔަފާރި ކުރުމަށާއި ޙައްޖުވުމަށްޓަކައި ވަޑައިގެންނެވި އެވެ.

މިޖަމާޢަތާ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބައްދަލު ކުރައްވައި އިސްލާމް ދީން ހުށަހެޅުއްވުމުން ޖަމާޢަތުގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އެހެން ޒުވާން ބޭފުޅެއް ކަމުގައިވާ އިޔާސް ބުނު މުޢާޛު ނުކުންނަވައި އެ ދަޢުވަތު ގަބޫލުފުޅު ކުރައްވައި އަދި މުޅި ޖަމާޢަތަށް އެކަމަަށް ހިތްވަރު ދެއްވި އެވެ. މިގޮތުން އެކަލޭގެފާނު ވިދާޅުވީ: "އޭ ގައުމުގެ މީހުންނޭވެ! މިއީ އެކަމަކަށްޓަކައި ތިމަންމެން އައި ކަންތަކަށްވުރެ މާ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ."

ކީރިތި ރަސޫލާ ހިޖްރަ އަށް ފަހު ދިރިއުޅުއްވި ގެކޮޅު ހިމެނޭ ގޮތަށް މަދީނާގައި ބިނާކޮށްފައިވާ މަސްޖިދުއް ނަބަވީ. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ކީރިތި ރަސޫލާ ހިޖްރަ އަށް ފަހު ދިރިއުޅުއްވި ގެކޮޅު ހިމެނޭ ގޮތަށް މަދީނާގައި ބިނާކޮށްފައިވާ މަސްޖިދުއް ނަބަވީ. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

އެބަހީ ވިޔަފާރި ކުރުމާއި ޖާހިލީ ޒަމާނުގައި ކުރަމުން ގެންދިޔަ ގޮތަށް ހައްޖުވުމަށް ވުރެ އިސްލާމް ދީން ގަބޫލުކޮށް އެ ދީނަށް ތަބާވުން މާ ހެޔޮކަން ބޮޑުވެގެން ވެއެވެ. އެކަލޭގެފާނު އެބުރި މަދީނާ އަށް ވަޑައިގަތުމަށް ފަހު އެތަނުގައި އިސްލާމީ ދަޢުވަތު ފެތުރުއްވުމުގެ މަސައްކަތް ފެއްޓެވި އެވެ. މިކަމާ ވިދިގެން ގަބީލާގެ މުސްކުޅި ޒަޢީމް ކަމުގައިވާ އަބުލްޙައިސް ދެކޮޅު ހެދި އެވެ. އަދި އެ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން އަޑުލައި ހެދުމާއި އަނިޔާކޮށް ތަޅާ ހެދުން ފަދަ ކަންކަމާ އިޔާސްގެފާނު ކުރިމަތި ލައްވަން ޖެހިވަޑައިގަތެވެ.

ޢަޤަބާގެ އަނެއް ބައިޢަތުގައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އާއި އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު ޢައްބާސްގެފާނު ނުކުންނެވި އެވެ. މަދީނާގެ ފަރާތުން އައިސްފައިވާ ޖަމާޢަތާ މެދު ޢައްބާސްގެފާނުގެ ހިތްޕުޅުގައި ނުތަނަވަސްކަން އުފެދިފައިވި އެވެ. އެމީހުންގެ ފަރާތުން އެދެވޭ ނަތީޖާއެއް ނުފެނިދާނެ ކަމަށްޓަކަ އެވެ. އަދި މިކަން ކީރިތި ރަސޫލާ އަށް ވެސް ހާމަ ކުރެއްވި އެވެ.

ކޮންމެއަކަސް ޖަމާއަތާ ބައްދަލު ކުރެއްވި ހިނދު އެތަނުގައި ގިނަ ޒުވާން ބޭފުޅުން ތިއްބެވުމާއި، އެ ޒުވާން ބޭފުޅުން ވަރަށް ވަރުގަދަ ޢަޒުމާއެކު އިސްލާމްކަން ގަބޫލުފުޅު ކުރެއްވެވުމާއި، ކީރިތި ރަސޫލާ އަށް ނަޞްރު ދެއްވުމަށް އެ ބޭފުޅުން ބައިޢަތު ހިއްޕެވުމުން ޢައްބާސްގެފާނުގެ ހިތްޕުޅުގައިވާ ނުތަނަވަސްކަން މުޅިން ފިލައިގެން ދިޔަ އެވެ. މި ވަރުގަދަ ބައިޢަތުގައި ޒުވާނުންގެ ދައުރު އިތުރަށް ކަށަވަރު ވެގެން ދިޔައީ ޒުވާން ބޭފުޅެއް ކަމުގައިވާ އަސްޢަދު ބުނު ޒަރާރަތު ތެދުވެވަޑައިގެން އެ ބައިޢަތާ މެދު ދެއްކެވި ވާހަކަފުޅުންނެވެ. އެކަލޭގެފާނު ވިދާޅުވީ އެއީ ވަރަށް ވަރުގަދަ ބައިޢަތެއްކަމާއި އެ ބައިޢަތަށް ޚިޔާނަތްތެރިވެގެން ނުވާނެ ކަމަށެވެ. އަދި ޚިޔާނާތްތެރި ވެއްޖެ ނަމަ އެކަމުގެ ހުރި ނުރައްކާތެރިކަން ވެސް ޖަމާއަތުގެ އެންމެންނަށް އެކަލޭގެފާނު ހާމަ ކޮށްދެއްވި އެވެ.

ކީރިތި ރަސޫލާ ހިޖްރަ އަށް ފަހު ދިރިއުޅުއްވި މަދީނާގެ ރަށު ތެރެ މިހާރު އަންނަނީ ފެހިވަމުން. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ކީރިތި ރަސޫލާ ހިޖްރަ އަށް ފަހު ދިރިއުޅުއްވި މަދީނާގެ ރަށު ތެރެ މިހާރު އަންނަނީ ފެހިވަމުން. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ހިޖުރައިގައި ޒުވާނުންގެ ދައުރުގެ ތެރެއިން ދެވަނަ އަށް ފާހަގަ ކުރެވޭ ކަމަކީ ހިޖުރަ އަށް ނުކުތުމުގައި ބައެއް ޒުވާނުންގެ ފަރާތުން ފެނިގެން ދިޔަ ކަންކަމެވެ. މިގޮތުން ހިޖުރަ އަށް ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ނުކުމެވަޑައިގެންނެވި ރޭ އެކަލޭގެފާނު އަވަހާރަ ކޮށްލުމަށް މުޝްރިކުންގެ ކޮންމެ ގަބީލާއަކުން ޒުވާނަކު ނަގައި އެކަމަށް އެމީހުން ނުކުތެވެ.

މި ދަނޑިވަޅުގައި އެ ހުރިހާ ޒުވާނުންގެ ކުރިމަތީ ޖާނު ފިދާ ކޮށްލުމަށް ކެރި ހުރެގެން ނުކުންނެވީ ޒުވާން ޢަލީ ބުނު އަބީޠާލިބެވެ. މިއީ ހިތްވަރުގަދަ ކަމުގެ ލާމަސީލު މިސާލެކެވެ. އަދި މިއީ ޒުވާނުން އެކަމުން ޢިބްރަތް ލިބިގަންނަންވީ މުހިންމު ފިލާވަޅެއް ވެސް މެއެވެ.

މުޝްރިކުންގެ މަކަރުވެރި ރޭވުމުން ސަލާމަތްވެ ވަޑައިގަތުމަށް ފަހު ކީރިތި ރަސޫލާ ވަޑައިގެންނެވީ އަބޫބަކުރުގެފާނުގެ ގެކޮޅަށެވެ. އެތަނުން ޒުވާން އަސްމާގެފާނާއި ޒުވާން ޢާއިޝަތުގެފާނު ކީރިތިރަސޫލާ ނުކުމެ ވަޑައިގަތުމުގައި ހުރިހާ ގޮތަކުން ވެސް އެހީތެރިވެ ދެއްވި އެވެ. އަދި އެ ސިއްރު ދަތުރުފުޅު ވަރަށް އަމާނަތްތެރިކަމާއެކު އެ ދެކަނބަލުން ސިއްރު ކުރައްވާނެކަން ކީރިތިރަސޫލާ ގަބޫލުފުޅު ކުރެއްވެވި އެވެ.

އޭގެ ފަހުން ޘައުރު ފަރުބަދައިގައި ކީރިތި ރަސޫލާ އާއި އަބޫބަކުރުގެފާނު ތިއްބެވި ހިނދު މުޝްރިކުންގެ ހުރިހާ ޚަބަރުތަކެއް ވަރަށް އަމާނަތްތެރިކަމާއެކު އަދި ވަރަށް ސިއްރު ގޮތެއްގައި ދެއްވަމުން ގެންދެވީ ވެސް ޒުވާން ފަހުލަވާނެކެވެ. އެއީ ޢަބްދުﷲ ބުނު އަބީބަކުރެވެ. ދުވާލުގެ ވަގުތުގައި އެކަލޭގެފާނު އުޅުއްވަނީ މައްކާގައި އެތަންމިތަނުގަ އެވެ. އެކިއެކި ޚަބަރުތައް ހޯއްދެވުމަށް ފަހު ރޭގަނޑު ދަންވަރު ޘައުރު ފަރުބަދަ އަށް ވަޑައިގެން ޚަބަރުތައް ދެއްވުމަށް ފަހު ފަތިސްވުމުގެ ކުރިން އެނބުރި މައްކާ އަށް ވަދެވަޑައިގަންނަވަ އެވެ. މިއީ ވަރަށް ދަތި އަދި އެހާމެ އުދަގޫވާނެ މަސައްކަތެއްކަން ކަށަވަރެވެ.

ކީރިތި ރަސޫލާ މަދީނާ އަށް ކުރެއްވި ހިޖްރައިގެ ދަތުރުފުޅުގައި ބިނާ ކުރެއްވި ގުބާ މިސްކިތް: އިސްލާމް ދީން ފާޅުވުމަށް ފަހު ފުރަތަމަ ބިނާކުރި މި މިސްކިތް މިހާރު ވަނީ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައި. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ކީރިތި ރަސޫލާ މަދީނާ އަށް ކުރެއްވި ހިޖްރައިގެ ދަތުރުފުޅުގައި ބިނާ ކުރެއްވި ގުބާ މިސްކިތް: އިސްލާމް ދީން ފާޅުވުމަށް ފަހު ފުރަތަމަ ބިނާކުރި މި މިސްކިތް މިހާރު ވަނީ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައި. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ކީރިތި ރަސޫލާ އާއި އަބޫބަކުރުގެފާނާ ދެ ޞާޙިބުން ޘައުރު ފަރުބަދައިގައި ތިއްބެވި ތިން ދުވަހު އެ ދެ ބޭކަލުންނަށް ފަރިއްކޮޅު ގެންދެވީ ޒުވާން އަސްމާގެފާނެވެ. އެ ދެބޭފުޅުން ހިއްޕަވަން ކިރުފޮދު ގެންދެވީ ޒުވާން ޢާމިރު ބުނު ފުހައިރާ އެވެ. ކޮންމެ ފަހަރަކު މިކަން ކުރުމަކީ ވަރަށް ބޮޑު ބިރުވެރިކަމަކާއި ނާމާން ކަމެއް އެކަމުގައި އެކުލެވިފައިވާނެ ކަމެއް ކަމާމެދަކު ޝައްކެތް ނުއުފެދެ އެވެ. އެހެން ނަމަވެސް ފަރުވާތެރިކަމާއި އިޚުލާޞްތެރި ކަމާ އެކު އެ ބުރަ އެ ޒުވާން ބޭފުޅުން އުފުއްލެވީ ވަރުގަދަ އީމާންތެރިކަމާ ވެސް އެކުގަ އެވެ.

ޒުވާނުންގެ ދައުރުގެ ތެރެއިން ތިންވަނަ އަށް ފާހަގަ ކުރެވޭ ކަމަކީ މަދީނާ އަށް ކީރިތި ރަސޫލާ ވަޑައިގަތުމުން އެތަނުން ފެނިގެން ދިޔަ ޒުވާނުންގެ ދައުރެވެ. މަދީނާގައި އެކަލޭގެފާނުގެ އިސްތިޤުބާލުގައި ވެސް ގިނައިން ތިއްބެވީ ޒުވާން ބޭފުޅުންނެވެ. ޒުވާން އަންހެން ކުދިން ޅެން ބަހުރުވައިން އެކަލޭގެފާނަށް މަރުޙަބާ ވިދާޅުވި އެވެ.

ކީރިތި ރަސޫލާ މަދީނާގައި ދިރިއުޅުއްވާނެ ތަނެއް ހޯއްދަވައި ދެއްވުމުގައި ޒުވާން ދެ ޔަތީމުންގެ މުހިންމު ދައުރެއް ފެނުނެވެ. ރަސޫލާގެ ޖަމަލުކޮޅު ބަނޑު ޖެއްސެވީ މި ދެންނެވި ދެ ޔަތީމުންގެ ބިމެއްގަ އެވެ. ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ނަޞްރު ދިނުމުގައި އެ ދެ ޔަތީމުން ވެސް ބައިވެރިވެ ވަޑައިގަންނަވާން ބޭނުންފުޅުވާތީވެ އެބިން ވިއްކުމުގެ ބަދަލުގައި ހަދިޔާ ކުރެއްވުމަށް ހުށަހެޅުއްވެވި އެވެ. މިއިން ދޭހަވަނީ އެ ދެ ޒުވާނުންގެ ހިތުގައިވާ ޤުރުބާނީގެ ޝުޢޫރުތަކާއި އެކަމަށް ދެއްވާ އިސްކަމެވެ.

އާދެ، މިއީ ކީރިތިރަސޫލާގެ ހިޖުރައިގައި ޒުވާނުން އަދާކޮށްފައިވާ މަތިވެރި ދައުރުގެ ތެރެއިން ބައެއް މިސާލު ތަކެވެ. ހިޖުރީ އައު އަހަރެއް ފެށޭ ހިނދު އަޅުގަނޑުމެންގެ ޒުވާނުންވެސް ދީނަށްޓަކައި، ނުވަތަ އެހެން އިބާރާތަކުން ބުނާ ނަމަ މާތްﷲއާއި އެކަލާނގެ ރަސޫލާއަށްޓަކައި ކޮންމެ ފަދަ ގުރުބާނެއް ވާންވެސް ތައްޔާރަށް ތިބުމުގެ އަޒުމް ކަނޑައަޅަން މިއީ ވަރަށް ރަނގަޅު މުނާސަބަތެކެވެ.