Roadha Mihaaru
ބޮޑަށް ސަމާލުކަންދޭނީ ޕްރިމިއާ ލީގަށް: ވެންގާ

ބޮޑަށް ސަމާލުކަންދޭނީ ޕްރިމިއާ ލީގަށް: ވެންގާ

14 ސެޕްޓެމްބަރ 2017

ލަންޑަން (ސެޕްޓެމްބަރު 14) - އާސެނަލްގެ ކޯޗުކަމާ އާސެން ވެންގާ ހަވާލުވި ފަހުން ފުރަތަމަ ފަހަރަށް މި ސީޒަނުގައި ޔޫރަޕްގެ ދެ ވަނަ ފަންތީ މުބާރާތް ކަމަށްވާ ޔުރޮޕާ ލީގުގައި ކުޅެން ޖެހިފައިވާއިރު، އެ ޓީމުން ބޮޑަށް ސަމާލުކަންދޭނީ އިނގިރޭސި ޕްރިމިއާ ލީގަށް ކަމަށް ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ސެޕްޓެމްބަރު 14) - އާސެނަލްގެ ކޯޗުކަމާ އާސެން ވެންގާ ހަވާލުވި ފަހުން ފުރަތަމަ ފަހަރަށް މި ސީޒަނުގައި ޔޫރަޕްގެ ދެ ވަނަ ފަންތީ މުބާރާތް ކަމަށްވާ ޔުރޮޕާ ލީގުގައި ކުޅެން ޖެހިފައިވާއިރު، އެ ޓީމުން ބޮޑަށް ސަމާލުކަންދޭނީ އިނގިރޭސި ޕްރިމިއާ ލީގަށް ކަމަށް ވެންގާ ބުނެފި އެވެ.

ޔުރޮޕާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ކޮލޯންއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވެންގާ ބުނީ ޔުރޮޕާ ލީގަކީ ވެސް މުހިއްމު މުބާރާތެއް ކަމަށާއި އެހެން ނަމަވެސް އާސެނަލްގެ ވިސްނުން ހުރީ ޕްރިމިއާ ލީގަށް ސަމާލުކަން ދިނުމަށް ކަމަށެވެ.

"ދެ މުބާރާތަކީ ވެސް ނިސްބަތުން ބޮޑު ދެ މުބާރާތް. އަހަރެމެންގެ ވިސްނުން ހުރީ ޕްރިމިއާ ލީގުގެ ނަތީޖާތައް ރަނގަޅުކުރަން. ބޮޑު އިސްކަމެއް ދޭނީ ވެސް އެ މުބާރާތަށް. އޭގެ މާނަ އަކީ ޔުރޮޕާ ލީގު ފަސޭހަކޮށް ނަގާނެ ވާހަކައެއް ނޫން،" ވެންގާ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ އަމާޒަކީ ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖު ފަަހަނައަޅައި ދިއުން ކަމަށާއި އެ ހިސާބުން ކުރިއަށްދާނެ ގޮތް އިހުތިޔާރު ކުރާނެ ކަމަށެވެ.

"ޑިސެމްބަރާ ހަމައަށް ގްރޫޕް ސްޓޭޖް އޮތްއިރު ސްކޮޑަށް ބަދަލުތަކެއް ގެނެސްގެން މިހާރު ގޮތްތަކެއް ހެދިދާނެ. އެކަމަކު ގްރޫޕް ސްޓޭޖަަށް ފަހު އެބަޖެހޭ ކޮންމެވެސް ގޮތްތަކެއް އިހުތިޔާރު ކުރަން. އެއީ ބުރާސްފަތި ދުވަހު ކުޅެފައި އާދިއްތަ ދުވަހު ކުޅުމަކީ ފަސޭހަ ކަމެއް ނޫން،" ވެންގާ ބުންޏެވެ.

ކޮލޯންއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި އާސެނަލް ޓީމުން ބަދަލުތަކެއް ފެންނާނެ ކަމަށާއި އެހެން ނަމަވެސް ނެރޭނީ މެޗު ކާމިޔާބު ކުރެވޭ ފެންވަރުގެ ޓީމެއް ކަމަށް ވެންގާ ވަނީ ބުނެފަ އެވެ.

މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގު ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑް މި ފަހަރުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދާފައިވާއިރު، ވެންގާ ވަނީ މީގެ ކުރިން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނެ ފާޑުކިޔައިފަ އެވެ.

އާސެނަލާއި ކޮލޯން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:05 ގަ އެވެ.