Roadha Mihaaru
ޔުނައިޓެޑް ޕްލޭ އޮފަށް، އާސެނަލް ގަދަ 16 އަށް

މޮޅުވިއަސް ޔުނައިޓެޑް ޕްލޭއޮފަށް، އާސެނަލް ގަދަ 16 އަށް

04 ނޮވެމްބަރ 2022

ޔޫއެފާ ޔޫރޮޕާ ލީގުގައި އާސެނަލް އިން 1-0 އިން ޒިއުރިޗް ބަލިކޮށް، މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދި އިރު، ރެއާލް ސޮސިއެޑާޑް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި ނަމަވެސް، ނޮކައުޓް ބުރުގެ ޕްލޭއޮފް ގައި ކުޅެން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޔޫއެފާ ޔޫރޮޕާ ލީގުގައި އާސެނަލް އިން 1-0 އިން ޒިއުރިޗް ބަލިކޮށް، މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދި އިރު، ރެއާލް ސޮސިއެޑާޑް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި ނަމަވެސް، ނޮކައުޓް ބުރުގެ ޕްލޭއޮފް ގައި ކުޅެން ޖެހިއްޖެ އެވެ.

މެންޗެސްޓާ ޔުނައިޓެޑުން ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް ބަލިކުރީ 1-0 އިންނެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާ އެކު ޔުނައިޓެޑުން މެޗުގައި ޖެހި ހަމައެކަނި ލަނޑު 17 ވަނަ މިނިޓުގައި ޖަހައިދިނީ، 18 އަހަރުގެ ވިންގާ އަލެހަންދްރޯ ގަރްނާޗޯ އެވެ.

މިއާ އެކު ޔުނައިޓެޑާއި ސޮސިއެޑާޑަށް ވެސް ވަނީ ހަ މެޗުން 15 ޕޮއިންޓް ހޯދައިފަ އެވެ. ޔުނައިޓެޑްގެ ދަނޑުގައި ސޮސިއެޑާޑުން ވެސް އެ ޓީމުގެ މައްޗަށް ކުރި ހޯދީ ހަމަ މި ނަތީޖާއިންނެވެ. ނަމަވެސް ފައިދާ އެންމެ ގޯލެއްގެ ތަފާތުން ގުރޫޕްގެ އެއްވަނަ ހޯދީ ސޮސިއެޑާޑެވެ.

ޔުނައިޓެޑަށް ގުރޫޕްގެ ދެވަނަ ލިބުމުން އެ ޓީމަށް ޖެހޭނީ މުބާރާތުގެ ނޮކައުޓް ބުރުގެ ޕްލޭއޮފް ގައި ކުޅޭށެވެ. ޕްލޭއޮފް ގައި ވާދަ ކުރާނީ، ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ތިންވަނައިގައި ނިންމި ޓީމުތަކެވެ.

އާސެނަލް އިން އަމިއްލަ ދަނޑުގައި ސްވިޒަލެންޑްގެ ޒިއުރިކް ބަލިކުރަން ޖެހި ހަމައެކަނި ލަނޑު 17 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ކީރެން ޓިއޭނީ އެވެ. މި ނަތީޖާއާ އެކު އާސެނަލް ވަނީ ހަ މެޗުން 15 ޕޮއިންޓް ހަމަކޮށް ގުރޫޕް އޭގެ އެއްވަނަ ހޯދައިފަ އެވެ.

އާސެނަލް އާއި ޒިއުރިޗް، ރޭ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

އާސެނަލް އާއި ޒިއުރިޗް، ރޭ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މި ގުރޫޕުގެ ދެވަނަ ހޯދީ ރޭ 2-1 އިން ބޯޑޯ/ގްލިމްޓް ބަލިކުރި ނެދަލެންޑްސްގެ ޕީއެސްވީ އެވެ. ޕީއެސްވީ އިން ހޯދި 13 ޕޮއިންޓާ އެކު ގުރޫޕްގެ ދެވަނަ ލިބުމުން އެޓީމަށް ޖެހޭނީ ނޮކައުޓް ބުރުގެ ޕްލޭއޮފް ކުޅޭށެވެ. ހަތަރު ޕޮއިންޓާ އެކު ތިންވަނައަށް ދިޔަ ބޯޑޯ/ގްލިމްޓް ޖެހޭނީ ކޮންފަރެންސް ލީގުގެ ނޮކައުޓް ބުރުގެ ޕްލޭއޮފް ކުޅޭށެވެ. ގުރޫޕްގެ ފުލުގައި ނިންމި ޒިއުރިކަށް ލިބުނީ ތިން ޕޮއިންޓެވެ.

ޔޫރޮޕާ ލީގުގައި އެންމެ ފޯރި ގަދަކޮށް ނިމުނީ ގުރޫޕް އެފް އެވެ. މި ގުރޫޕުގައި ހިމެނުނީ ނެދަލެންޑްސްގެ ފެޔެނޫޑާއި، ޑެންމާކުގެ މިޖީލަންޑް އަދި އިޓަލީގެ ލާޒިއޯ އާއި އޮސްޓްރިއާގެ ސްޓާމް ގްރޭޒް އެވެ. މި ހަތަރު ޓީމަށް ވެސް އަށް ޕޮއިންޓް ލިބިފައި ވެއެވެ.

މި ގުރޫޕްގެ ހުރިހާ ޓީމެއް ވެސް ޕޮއިންޓުގެ ގޮތުން އެއްވަރު ވުމުން، ގޯލުގެ ތަފާތުން އެއްވަނަ ހޯދީ ފެޔެނޫޑެވެ. މިޖީލަންޑް ދެވަނަ ހޯދި އިރު، ތިންވަނައިގައި ނިންމީ ލާޒިއޯ އެވެ. ފުލަށް ދިޔައީ ސްޓާމް ގްރޭޒް އެވެ.

ކޮންފަރެންސް ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑުން ފަހު މެޗު ކާމިޔާބު ކުރީ ރަށުން ބޭރުގައި ރޮމޭނިއާގެ އެފްސީއެސްބީއާ ވާދަކޮށް 3-0 އިންނެވެ. ގުރޫޕްގެ ދެވަނައިގައި ނިންމި ބެލްޖިއަމްގެ އެންޑަލެޗްއާ 10 ޕޮއިންޓުގެ ތަފާތުން ވެސްޓް ހޭމް އިން ގުރޫޕްގެ އެއް ވަނައިގައި ނިންމީ ހަ މެޗުވެސް ކާމިޔާބު ކޮށް، 18 ޕޮއިންޓް ހަމަކޮށްގެންނެވެ.

ކޮންފަރެންސް ލީގުގައި ވާދަކުރާ ސްޕެއިންގެ ވިޔަރެއާލްގެ ފަހު މެޗުގައި ރަށުން ބޭރުގައި ޕޮލެންޑްގެ ލެޗް ޕޮޒްނާން އަތުން 3-0 އިން ބަލިވި ނަމަވެސް، 13 ޕޮއިންޓާ އެކު އެ ޓީމު ވަނީ އެއްވަނައިގައި ނިންމައިފަ އެވެ. ޕޮޒްނާން ނިންމީ ދެ ވަނައިގަ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ގުރުއަތުލުމާ އެކު، ޔޫރޮޕާ ލީގު އަދި ކޮންފަރެންސް ލީގުގެ ނޮކައުޓް ބުރުގެ ޕްލޭއޮފް ގެ ގުރުއަތުލުން އަންނަ ހަފްތާގައި އޮންނާނެ އެވެ. ނަމަވެސް މި ބުރުގެ މެޗުތަކުގެ ކުޅުން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގެ އެއްވަނަ ހޯދައި، ގަދަ 16 އަށް ދަތުރު ކުރި ޓީމުތައް:

އާސެނަލް (އިންގްލެންޑް)، ފެނަބާޗޭ (ތުރުކީ)، ރެއާލް ބެޓިސް (ސްޕެއިން)، ޔޫނިއަން ސެއިންޓް-ގިލޮއިސް (ބެލްޖިއަމް)، ރެއާލް ސޮސިއެޑާޑް (ސްޕެއިން)، ފެޔެނޫޑް (ނެދަލެންޑްސް)، ފްރެއިބާގް (ޖަރުމަން)، ފެރެންކްވަރޯސް (ހަންގޭރީ)

ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގެ ދެވަނަ ހޯދި ޓީމުތައް:

ޕީއެސްވީ (ނެދަލެންޑްސް)، ރެނެސް (ފްރާންސް)، ރޯމާ (އިޓަލީ)، ޔޫނިއަން ބާލިން (ޖަރުމަން)، މެންޗެސްޓާ ޔުނައިޓެޑް (އިންގްލެންޑް)، މިޖީލަންޑް (ޑެންމާކް)، ނަންޓްސް (ފްރާންސް)، މޮނާކޯ (ފްރާންސް)

ދެވަނަ ހޯދި ޓީމުތައް ވާދަ ކުރަން ޖެހޭނީ، ގަދަ 16 އިން ޖާގަ ހޯދަން ކުޅޭ ޕްލޭއޮފް ބުރުގަ އެވެ. މި ޓީމުތައް ވާދަކުރާނީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ތިންވަނައަށް ދިޔަ ޓީމުތަކާ އެވެ.

ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ތިންވަނަ ހޯދި ޓީމުތައް: އަޔެކްސް (ނެދަލެންޑްސް)، ބެޔާ ލެވެކޫސަން (ޖަރުމަން)، ބާސެލޯނާ (ސްޕެއިން)، ސްޕޯޓިން (ޕޯޗުގަލް)، ރެޑްބުލް ސަލްޒްބާގް (އޮސްޓްރިއާ)، ޝަކްތާ ޑޮނެސްކް (ޔޫކްރޭން)، ސެވިއްޔާ (ސްޕެއިން)، ޔުވެންޓަސް (އިޓަލީ)

ކޮންފަރެންސް ލީގު ގުރޫޕްތަކުގެ އެއްވަނަ ހޯދައި، ގަދަ 16 އަށް ދަތުރު ކުރި ޓީމުތައް:

އިސްތަންބޫލް ބަސަކްސެހިރް (ތުރުކީ)، ވެސްޓް ހޭމް ޔުނައިޓެޑް (އިންގްލެންޑް)، ވިޔަރެއާލް (ސްޕެއިން)، ނީސް (ފްރާންސް)، އޭޒެޑް (ނެދަލެންޑްސް)، ޖާގާޑެންސް (ސްވިޑެން)، ސިވަސްޕޯ (ތުރުކީ)، ސްލޯވަން ބްރަޓިސްލާވާ (ސްލޮވާކިއާ)

ކޮންފަރެންސް ލީގު ގުރޫޕް ސްޓޭޖުގެ ދެވަނަ ހޯދި ޓީމުތައް:

ފިއޮރެންޓީނާ (އިޓަލީ)، އެންޑަލެޗް (ބެލްޖިއަމް)، ލެޗް ޕޮޒްނާން (ޕޮލެންޑް)، ޕާޓިޒަން (ސްލޮވާކިއާ)، ޑިންޕްރޯ (ޔޫކްރޭން)، ގެންޓް (ބެލްޖިއަމް)، ސީއެފްއާރު ކްލޫޖް (ރޮމޭނިއާ)، ބަސެލް (ސްވިޒަލެންޑް)

ދެވަނަ ހޯދި ޓީމުތައް ވާދަ ކުރަން ޖެހޭނީ، މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދަން ކުޅޭ ޕްލޭއޮފް ބުރުގަ އެވެ. މި ޓީމުތައް ވާދަކުރާނީ ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުން ތިންވަނައަށް ދިޔަ ޓީމުތަކާ އެވެ.

ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގެ ތިންވަނަ ހޯދި ޓީމުތައް: ބޯޑޯ/ގްލިމްޓް (ނޯވޭ)، އޭއީކޭ ލާނަކާ (ސައިޕްރަސް)، ލޫޑޯގޮރެޓްސް ރަޒްގާޑް (ބަލްގޭރިއާ)، ބްރާގާ (ޕޯޗުގަލް)، ޝެރިފް ޓްރާންސިޕޯލް (މޮލްޑޯވާ)، ލާޒިއޯ (އިޓަލީ)، ޤަރަބާގް (އަޒަރުބައިޖާން)، ޓްރަބްޒޮންސްޕޯ (ތުރުކީ)