07 އޮކްޓޯބަރ 2022
ލަންޑަން (އޮކްޓޫބަރު 7) - ޔޫރޮޕާ ލީގުގައި ވާދަކުރާ އާސެނަލް އިން އެޓީމު ކުޅުނު ދެވަނަ މެޗުގައި ނޯވޭގެ ބޯޑޯ/ގްލިމްޓް އާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބު ކުރި އިރު، ސްޕެއިންގެ ރެއާލް ބެޓިސް އިން 2-1 އިން އިޓަލީގެ އޭއެސް ރޯމާ ބަލި ކޮށްފި އެވެ.
ލަންޑަން (އޮކްޓޫބަރު 7) - ޔޫރޮޕާ ލީގުގައި ވާދަކުރާ އާސެނަލް އިން އެޓީމު ކުޅުނު ދެވަނަ މެޗުގައި ނޯވޭގެ ބޯޑޯ/ގްލިމްޓް އާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބު ކުރި އިރު، ސްޕެއިންގެ ރެއާލް ބެޓިސް އިން 2-1 އިން އިޓަލީގެ އޭއެސް ރޯމާ ބަލި ކޮށްފި އެވެ.
އަމިއްލަ ދަނޑުގައި ބޯޑޯ/ގްލިމްޓް އާ ދެކޮޅަށް އާސެނަލް އިން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު 23 ވަނަ މިނިޓުގައި އެޑީ ކެޓިއާ ޖަހައިދިން އިރު، ހަތަރު މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިނީ ޑިފެންޑަރު ރޮބް ހޯލްޑިން އެވެ. އަދި ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް ތިންވަނަ ލަނޑު ޖަހައިދިނީ ފަބިއޯ ވިއެއިރާ އެވެ.
ސެޕްޓެމްބަރު މަހު ގުރޫޕް ސްޓޭޖުގައި އާސެނަލް އިން ނެދަލެންޑްސްގެ ޕީއެސްވީއާ ދެކޮޅަށް ކުޅެން އޮތް ދެވަނަ މެޗު ފަސްކުރަން ޖެހުނީ، އިނގިރޭސިވިލާތުގެ ރާނީ؛ ކުއީން އެލިޒަބަތު ދެވަނަ، ގެ ޖަނާޒާއާ ގުޅިގެން، ދަނޑުގައި ފޯރިމަރާނެ ސެކިއުރިޓީ އޮފިސަރުން މަދުވެގެންނެވެ. އެއް މެޗު މަދުން ކުޅެގެން ވެސް އާސެނަލް އޮތީ ދެ މެޗު ކާމިޔާބު ކޮށްގެން ގުރޫޕު އޭގެ އެއްވަނައިގަ އެވެ.
ހަތަރު ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ރޭ ރަށުން ބޭރުގައި 5-1 އިން ސްވިޒަލެންޑްގެ ޒިއުރިޗް ބަލިކުރި ޕީއެސްވީ އެވެ. ޕީއެސްވީގެ ލަނޑުތައް ޖަހައިދިނީ ޔޯބޭ ވާޓެސެން އާއި ކޯޑީ ގަކްޕޯ އަދި ޒަވީ ސިމޮންސް އެވެ. ވާޓެސެން އާއި ގަކްޕޯ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ޒިއުރިޗުން ސުން ކަނޑުވާލީ 87 ވަނަ މިނިޓުގަ އެވެ.
ތިންވަނައިގައި އޮތް ބޯޑޯ/ގްލިމްޓް އަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ޒިއުރިޗަކަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ބޯޑޯ/ގްލިމްޓް އާއި ޒިއުރިޗް ވެސް ވަނީ ތިން މެޗު ކުޅެފަ އެވެ.
މެޗުން ބަލިވުމުން ރޯމާގެ ޑިފެންޑަރު ސްމޯލިން މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ
ގުރޫޕް ސީ ގެ މެޗު ފަށައިގެންރޯމާއާ ދެކޮޅަށް ރެއާލް ބެޓިސްގެ ނަބީލް ފެކީރު ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް ޖެހުނީ ގޯލު ދަނޑީގަ އެވެ. ރޯމާއިން ލީޑު ނެގީ ލިބުނު ޕެނަލްޓިއަކުންނެވެ. މެޗުގެ 34 ވަނަ މިނިޓުގައި މި ލަނޑު ޖަހައިދިނީ ޕައޮލޯ ޑިބާލާ އެވެ.
ރޯމާ އިން ލީޑު ނެގި ނަމަވެސް ބެޓިސްގެ އާޖެންޓީނާ މިޑްފީލްޑަރު ގުއިޑޯ ރޮޑްރިގޭޒް ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްގައި ލަނޑު ޖަހައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. މި ހާފް ނިމުމުގެ ކުރިން ރޯމާއަށް އަލުން ލީޑު ހޯދައިޭން ޑިބާލާ ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލު ހުރަސް ދަނޑި މަތިން ބޭރަށެވެ.
ބެޓިސް އިން ލީޑު ނެގީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް، ލުއިޒް ހެރިންކް ބޮލުން ޖަހައިދިން ގޯލުންނެވެ. މެޗުގެ އިތުރު ވަގުތުގައި ރޯމާގެ މިޑްފީލްޑަރު ނިކޯލޯ ޒަނިއޯލޯ އަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.
މިއީ ރޯމާ، ގުރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ތިން މެޗުން ބަލިވި ދެވަނަ މެޗެވެ. މިހާތަނަށް ހޯދުނު ތިން ޕޮއިންޓާ އެކު ރޯމާ އޮތީ ތިންވަނައިގަ އެވެ. ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ބެޓިސް އޮތީ އެއްވަނައިގަ އެވެ. މި ގުރޫޕުގެ ދެވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ ބަލްގޭރިއާގެ ލޫޑޮގޮރެޓްޒް ރަޒްގާޑެވެ.
ރަޒްގާޑުން ރޭ ރަށުން ބޭރުގައި އެޗްޖޭކޭ ހެލްސިންކީއާ ވާދަކޮށް އެއްވަރުވީ 1-1 އިންނެވެ.
ގުރޫޕް އެފް ގައި ހިމެނޭ އިޓަލީގެ ލާޒިއޯ އިން ރަށުން ބޭރުގައި އޮސްޓްރިއާގެ ސްޓާމް ގްރޭޒްއާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވި އިރު، އެ ގުރޫޕުގައި ހިމެނޭ ޑެންމާކުގެ މިޖިލަންޑް އާއި ނެދަލެންޑްސްގެ ފެޔެނޫޑް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންވެެ. މި ހަތަރު ޓީމަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.
ޔޫނިއަން ބާލިން އިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ޔޫނިއަން ބާލިން
ޖަރުމަން ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ޔޫނިއަން ބާލިން ވަނީ ރަށުން ބޭރުގައި ސްވިޑެންގެ މަލްމޯ އެފްއެފްއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބުކޮށް، ފުރަތަމަ މޮޅު ހޯދައިފަ އެވެ. މިހާޓަނަށް ތިން މެޗު ވެސް ކާމިޔާބު ކޮށްގެް މި ގުރޫޕުގެ އެއްވަނައިގައި އޮތީ ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް-ގިލޮއިސް އެވެ. އެޓީމުން ވަނީ ރޭ ރަށުން ބޭރުގައި 2-1 އިން، ދެވަނައިގައި އޮތް ޕޯޗުގަލްގެ ބްރާގާ ބަލިކޮށްފަ އެވެ.
ޖަރުމަން ލީގު ދެވަނައިގައި އޮތް ފްރެއިބާގުން ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިންވަނަ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ފްރާންސްގެ ނަންޓްސްއާ ދެކޮޅަށް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-0 އިންނެވެ. ފްރެއިބާގް އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތީ ރޭ ރަށުން ބޭރުގައި ގްރީސްގެ އޮލިމްޕިއާކޯސް 3-0 އިން ބަލިކުރި އަޒަރުބައިޖާނުގެ ޤަރަބާގެވެ.
ފްރާންސްގެ މޮނާކޯ ވަނީ ތުރުކީގެ ޓްރަޒްބޮންސްޕޯއާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. އަދި މި ގުރޫޕުގައި ހިމެނޭ ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑުން ވަނީ ފަސޭހަ ކަމާއެކު 4-1 އިން ހަންގޭރީގެ ފެރެންކްވަރޯސް ބަލިކޮށްފަ އެވެ. ފެރެންކްވަރޯސް އާއި މޮނާކޯ އަށް ހަ ޕޮއިންޓް ލިބިފައި ވާއިރު، ޓްރަޒްބޮންސްޕޯ އާއި ރެޑްސްޓާ ބެލްގްރޭޑަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.
ފްރާންސްގެ ރެނެސް ވެސް ވަނީ ތިންވަނަ މެޗުގައި 2-1 އިން ޔޫކްރޭންގެ ޑައިނަމޯ ކިއޭވް ބަލިކޮށްފަ އެވެ. އަދި ފެނަބާޗޭ އިން ސައިޕްރަސްގެ އޭއީކޭ ލާނަކާ ބަލިކުރީ 2-0 އިންނެވެ. ފެނަބާޗޭ އާއި ރެނެސް އަށް ހަތް ޕޮއިންޓް މިހާތަނަށް ލިބިފައި ވާއިރު، ލާނަކާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
ކޮންފަރެންސް ލީގުގައި ވާދަކުރާ އިންގްލެންޑުގެ ވެސްޓް ހޭމް ޔުނައިޓެޑާއި ސްޕެއިންގެ ވިޔަރެއާލް ވަނީ އެޓީމުން ގުރޫޕް ސްޓޭޖުގައި ކުޅުނު ތުންވަނަ މެޗު ވެސް ކާމިޔާބުކޮށް، ގުރޫޕްގެ އެއްވަނައިގައި ސީދާ ގަދަ 16 އިން ޖާގަ ހޯދުމާ ގާތަށް ޖެހިލައިފަ އެވެ.
ވެސްޓް ހޭމުން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނުމަށް ފަހު ސްކަމާކާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ވެސްޓް ހޭމް އިން ރަށުން ބޭރުގައި ބެލްޖިއަމްގެ އެންޑަލެޗް އާ ދެކޮޅަށް ކުޅެ 1-0 އިން މޮޅުވި މެޗުގައި އެޓީމުގެ ހަމައެކަނި ލަނޑު، 79 ވަނަ މިނިޓުގައި ޖަހައިދިނީ ޖިއާންލޫކާ ސްކަމާކާ އެވެ.
މި ގުރޫޕްގައި ހިމެނޭ ޑެންމާކުގެ ސިލްކެބޯގުން އަމިއްލަ ދަނޑުގައި ރޮމޭނިއާގެ އެފްސީއެސްބީ ބަލިކުރީ ފަސޭހަ ކަމާއެކު 5-0 އިންނެވެ. މިއީ އެޓީމުން ހޯދި ފުރަތަމަ މޮޅެވެ.
ވެސްޓް ހޭމަށް ނުވަ ޕޮއިންޓް ލިބިފައި ވާއިރު، ދެވަނައިގައި އޮތް އެންޑަލެޗަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.
ވިޔަރެއާލުން މެޗު ކާމިޔާބުކުރީ އޮސްޓްރިއާގެ ރެޕިޑް ވީންއާ ވާދަކޮށް ފަސޭހަ ކަމާއެކު 5-0 އިންނެވެ. ފުރަތަމަ ހާފުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ އެލެކްސް ބީނާ އާއި އާނައުޓް ޑަންޖުމާ އެވެ. އަދި ދެވަނަ ހާފުގެ ފަހު 15 މިނިޓުތެރޭ އެޓީމުގެ ހޯޒޭ ލުއިސް މޮރާލެސް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ.
ނެދަލެންޑްސްގެ އޭޒެޑް އަލްކަމާ ވެސް ވަނީ ތިންވަނަ މެޗު ކާމިޔާބުކޮށް އެޓީމުގެ ފުރިހަމަ ރެކޯޑް ވެސް ދަމަހައްޓައިފަ އެވެ. އަމިއްލަ ދަނޑުގައި ސައިޕްރަސްގެ އެޕޯލޯން ލިމަސޯލާ ވާދަކޮށް ރޭގެ މެޗް 3-2 އިން ކާމިޔާބު ކޮށް އެޓީމުން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ނުވަ ޕޮއިްންޓް ހޯދައިފަ އެވެ.
އޭޒެޑާ އެއް ގުރޫޕެއްގައި ދެވަނައިގައި އޮތީ ރޭގެ ރަށުން ބޭރުގައި ލިޗެސްޓިންގެ ވަޑޫޒްއާ 2-2 އިން އެއްވަރުކޮށް ހަތަރު ޕޮއިންޓް ހޯދާފައިވާ ޔޫކްރޭންގެ ޑިންޕްރޯ އެވެ.
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
ލިވަޕޫލުން ލަނޑު ގޯންޏެއް، ލެވަކޫސަން ދެއްކީ ޖާދޫ
ރޯމާ އަށް އެޑްވާންޓޭޖް، ޔުވެންޓަސް ސަލާމަތްވީ ކިރިޔާ
މޮރޮކޯގެ އައްނަސީރީގެ ގޯލުތަކުން ޔުނައިޓެޑް ކަޓުވާލައިފި
ޔުނައިޓެޑް ޕްލޭ އޮފަށް، އާސެނަލް ގަދަ 16 އަށް
އާސެނަލް މޮޅުވިއިރު ބަލްގޭރިއާ ޓީމަކުން ރޯމާ ބަލިކޮށްފި
ލެސްޓާ އާއި ރޯމާ ކުޅުނު ފުރަތަމަ ލެގު އެއްވަރު ވެއްޖެ
ދަތުރު ހުއްޓާލުމުން ރޯމާ، އިންޓަގެ މެޗުތައް ކެންސަލް
މިކިތާރްޔަން އަށް ޔޫރޮޕާ ލީގުގެ ފައިނަލް ގެއްލިދާނެ
ސެމީގައި މެޑްރިޑާއި ބަޔާން އަދި ލިވަޕޫލާއި ރޯމާ