Roadha Mihaaru
ލެސްޓާ އާއި ރޯމާ ކުޅުނު ފުރަތަމަ ލެގު އެއްވަރު ވެއްޖެ

ލެސްޓާ ސިޓީ އާއި ރޯމާ ކުޅުނު ފުރަތަމަ ލެގު އެއްވަރު ވެއްޖެ

29 އެޕްރީލް 2022

ލެސްޓާ (އޭޕްރީލް 29) - ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ލެސްޓާ ސިޓީ އާއި އިޓަލީގެ ރޯމާ ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލެސްޓާ (އޭޕްރީލް 29) - ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ލެސްޓާ ސިޓީ އާއި އިޓަލީގެ ރޯމާ ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

މިއީ ލެސްޓާ ސިޓީ އިން ޔޫރަޕުގެ މުބާރާތެއްގެ ސެމީ ފައިނަލުގައި ކުޅުނު ފުރަތަމަ މެޗެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ 15 ވަނަ މިނިޓުގައި ލީޑު ނެގީ ރޯމާ އިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޒުވާން މިޑްފީލްޑަރު ނިކޯލާ ޒަލޫސްކީ ދިން ބޯޅަ އަކުން ކެޕްޓަން މެނުއެލް ޕެލެގްރިނީ އެވެ.

މެޗުގެ ވަރަށް ކުރީކޮޅު ރޯމާ އިން ލީޑު ނެގި ނަމަވެސް ލެސްޓާ އިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. އެ ޓީމުން ނަތީޖާ އެއްވަރުކުރީ މެޗުގެ 67 ވަނަ މިނިޓުގައި ޖިއާންލޫކާ މަންޗިނީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މި ލަނޑު ވަނީ ހާވީ ބާންސް ނަގައިދިން ހުރަހެއް އަޑިމޯލާ ލުކްމަން ފޮނުވާލުމުން ބޯޅަ ދިފާއުކުރަން އުޅުނު މަންޗިނީ ފައިގައި ގައި ޖެހިފަ އެވެ.

ސެމީގައި ވާދަކުރާ ނެދަލެންޑްސްގެ ފެޔެނޫޑް އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗް ކާމިިޔާބު ކުރުމަށް ފަހު، ފޯވާޑް ޑެސާސް ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނާ އެކު އުފާފާޅުކުރުމުގައި.-- ފޮޓޯ: އޭއެފްޕީ

ސެމީގައި ވާދަކުރާ ނެދަލެންޑްސްގެ ފެޔެނޫޑް އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗް ކާމިިޔާބު ކުރުމަށް ފަހު، ފޯވާޑް ޑެސާސް ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނާ އެކު އުފާފާޅުކުރުމުގައި.-- ފޮޓޯ: އޭއެފްޕީ

ލެސްޓާ ސިޓީ ސީޒަން ފެށިއިރު ކުޅުނީ ޔޫރޮޕާ ލީގުގަ އެވެ. ނަމަވެސް ގުރޫޕް ސްޓޭޖުގެ ތިންވަނައިގައި ނުންމުމުން އެ ޓީމަށް ޖެހުނީ ކޮންފަރެންސް ލީގު ކޮނައުޓް ބުރު ކުޅޭށެވެ.

ސެމީ ފައިނަލުގައި ދެން ވާދަކުރާ ފްރާންސްގެ މާސޭ ވަނީ ނެދަލެންޑްސްގެ ފެޔެނޫޑް އަތުން 3-2 އިން ބަލި ވެފަ އެވެ. ފެޔެނޫޑްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހަތަރު ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގަ އެވެ. ފެޔެނޫޑް މޮޅުވި ލަނޑު ދެވަނަ ހާފު ފެށިގެން އެންމެ ނުވަ ސިކުންތު ތެރޭ ޖަހައިދިނީ ސައިރިއަލް ޑެސާސް އެވެ.

ޑެސާސް، 27، އަކީ ބެލްޖިއަމްގެ ކޭއާރުސީ ގެންކް އިން ލޯނު އުސޫލުން ފެޔެނޫޑަށް ކުޅެމުން އަންނަ ފޯވާޑެކެވެ. މެޗުގެ ފުރަތަމަ ލަނޑު ވެސް ޖެހި ޑެސާސް ވަނީ މިހާތަނަށް މުބާރާތުގައި 10 ލަނޑު ޖަހައިދީފަ އެވެ. އަދި ރޯމާގެ ޓެމީ އަބްރަހަމް އަށް ވުރެ ދެ ގޯލު އިތުރަށް ޖަހައިގެން ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތީ ވެސް އޭނާ އެވެ.

ފެޔެނޫޑްގެ ފުރަތަމަ ލަނޑު ޑެސާސް ޖެހީ 18 ވަނަ މިނިޓުގަ އެވެ. އޭގެ ދެ މިނިޓު ފަހުން ލުއިސް ސިނިސްޓެރާ ލީޑު ފުޅާ ކޮށްދިން ނަމަވެސް ބަމްބާ ޑިއެންގް ވަނީ 28 ވަނަ މިނިޓުގައި މާސޭ އަށް ލަނޑެއް ޖަހައިދީ އުންމީދެއް ހޯދައިދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް އެއްވަރު ކޮށްދިނީ ބްރެޒިލް މިޑްފީލްޑަރު ގާސޮން އެވެ.

ކޮންފަރެންސް ލީގު ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.