Roadha Mihaaru
އެތުލެޓިކޯ ފައިނަލަށް، ވެންގާ ހުސް އަތާ ކްލަބާ ދުރަށް

އެތުލެޓިކޯ ފައިނަލަށް، ވެންގާ ހުސް އަތާ ކްލަބާ ދުރަށް

04 މެއި 2018

މެޑްރިޑް (އޭޕްރިލް 4) – ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުން ރޭ އެތުލެޓިކޯ މެޑްރިޑް އަތުން 1-0 އިން ބަލިވެ ދެ ލެގުގެ އެގްރިގޭޓުން 2-1 އިން އާސެނަލް ކެޓުމާ އެކު އެ ޓީމުގެ ކޯޗު އާސެން ވެންގާ އަށް ތަށްޓަކާ އެކު ކްލަބާ ވަކިވުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (އޭޕްރިލް 4) – ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުން ރޭ އެތުލެޓިކޯ މެޑްރިޑް އަތުން 1-0 އިން ބަލިވެ ދެ ލެގުގެ އެގްރިގޭޓުން 2-1 އިން އާސެނަލް ކެޓުމާ އެކު އެ ޓީމުގެ ކޯޗު އާސެން ވެންގާ އަށް ތަށްޓަކާ އެކު ކްލަބާ ވަކިވުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

އާސެނަލަށް 1996 ވަނަ އަހަރުން ފެށިގެން އިރުޝާދު ދެމުން އަންނަ ވެންގާ މި ސީޒަނަށް ފަހު ކްލަބުން ވަކިވާން ނިންމާފައިވާއިރު ޔުރޮޕާ ލީގު ވެފައި އޮތީ ތަށްޓަކާ އެކު ކްލަބާ ދުރަށް ދާން އޭނާ އަށް ލިބިފައި އޮތް ރަނުގެ ފުރުސަތަކަށެވެ.

ރޭ އާސެނަލް އަތުން މޮޅުވި އެތުލެޓިކޯ މެޑްރިޑާ އެކު މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ފްރާންސްގެ އޮލިމްޕިކް މާސޭ އެވެ. އެ ޓީމު ފައިނަލުން ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު ސެމީ ފައިނަލުގެ ދެ ވަނަ ލެގުން އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް އަތުން 2-1 އިން ބަލިވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން 3-2 އިން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-0 އިން ސަލްޒްބާގް ކުރީގައި އޮތުމުން، އެގްރިގޭޓުން ދެ ޓީމު ހަމަހަމަވެ ޖެހުނީ ނަތީޖާ ނެރެން އިތުރު ވަގުތު ކުޅޭށެވެ. މާސޭ އަށް 116 ވަނަ މިނެޓުގައި ގޯލް ޖަހައިދިނީ ރޮލޭންޑޯ އެވެ.

އެތުލެޓިކޯގެ ވެންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމުގައި އެ ޓީމާއި އާސެނަލް ކުޅުނު މެޗުގެ ހަމައެކަނި ގޯލް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހީ ޑިއެގޯ ކޮސްޓާ އެވެ. އޭނާ އަކީ ޕްރިމިއާ ލީގުގެ ޗެލްސީ އަށް ކުޅުނު ދުވަސްވަރު ވެސް އާސެނަލަށް ލަނޑު ދީފައިވާ ކުޅުންތެރިޔެކެވެ. އިތުރު ލަނޑެއް ޖަހައި އިތުރު ވަގުތަށް މެޗު ގެންދިއުމުގެ ފުރުސަތު އޮތް ނަމަވެސް އާސެނަލަށް ވަނީ ލަނޑެއް ޖެހުމުގައި ނާކާމިޔާބުވެފަ އެވެ.

ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ގެއްލިފައިވާ އާސެނަލަށް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ޖާގަ ލިބެން އޮތީ ޔުރޮޕާ ލީގު ކާމިޔާބުކޮށްގެންނެވެ. އެކަމަކު ދެން ޖެހޭނީ ޖެހިޖެހިގެން ދެ ވަނަ ސީޒަނެއްގައި ޔޫރަޕުގެ އެންމެ ބޮޑު މުބާރާތުގައި ކުޅިބަލަން ތިބޭށެވެ. އަނެއްކޮޅުން އާސެނަލަށް ޕްރިމިއާ ލީގު ތިން ފަހަރު އަދި އެފްއޭ ކަޕް ހަތް ފަހަރު ކާމިޔާބުކޮށްދީފައިވާ ވެންގާ އެ ކްލަބުގެ ކެރިއަރު މި ނިންމާލަން ޖެހުނީ ޔޫރަޕުގެ ތަށްޓެއް ކްލަބަށް ހޯދައިނުދެވި އެވެ. އެންމެ ގާތަށް ދިޔައީ 2006 ވަނަ އަހަރެވެ. އެކަމަކު ފައިނަލުން ބާސެލޯނާ އަތުން ބަލިވީ އެވެ.