Roadha Mihaaru
އާސެނަލް، އެތުލެޓިކޯ އަދި ލާޒިއޯ ސެމީއާ ގާތަށް

އާސެނަލް، އެތުލެޓިކޯ އަދި ލާޒިއޯ ސެމީއާ ގާތަށް

06 އެޕްރީލް 2018

ލަންޑަން (އޭޕްރިލް 6) – ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު މެޗުތަކުން މޮޅުވެ އާސެނަލާއި އެތުލެޓިކޯ މެޑްރިޑާއި ލާޒިއޯ އަދި އާރްބީ ލީޕްޒިގް މުބާރާތުގެ ސެމީއާ ގާތަށް ޖެހިލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (އޭޕްރިލް 6) – ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު މެޗުތަކުން މޮޅުވެ އާސެނަލާއި އެތުލެޓިކޯ މެޑްރިޑާއި ލާޒިއޯ އަދި އާރްބީ ލީޕްޒިގް މުބާރާތުގެ ސެމީއާ ގާތަށް ޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން އިންގްލެންޑުގެ އާސެނަލް މޮޅުވީ 4-1 އިންނެވެ. މި މެޗުގައި އާރޮން ރަމްސީ އާއި އަލެކްސެންޑާ ލަކަޒޭޓް، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖެހި އެވެ.

ފުރަތަމަ ލަނޑު ނުވަ ވަނަ މިނެޓުގައި ރަމްސީ ޖަހާފައިވަނިކޮށް 15 ވަނަ މިނެޓުގައި ގޮލޮވިން ވަނީ ސީއެސްކޭއޭ އަށް އެއްވަރުކޮށްދީފަ އެވެ. އާސެނަލަށް އަލުން ކުރި ހޯދައިދިނީ 23 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ލަކަޒޭޓް އެވެ. މި ސީޒަނުގައި އާސެނަލާ ގުޅުނު ލަކަޒޭޓް އަލުން މި ކުޅެން ނުކުތީ އަނިޔާގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަމްސީ އާއި ލަކަޒޭޓް ވަނީ އިތުރު ގޯލްތަކެއް ޖަހައި އާސެނަލަށް ފުރަތަމަ ލެގުން ބޮޑު އެޑްވާންޓޭޖެއް ހޯދައިދީފަ އެވެ.

އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ސްޕޯޓިން އަތުން 2-0 އިން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް މޮޅުވި މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭ އެ ޓީމުން ވަނީ ކޯކޭގެ ލަނޑުން ކުރި ހޯދައިފަ އެވެ. ދެ ވަނަ ގޯލް 40 ވަނަ މިނެޓުގައި ޖެހީ އެންޓޮއިން ގްރިޒްމަން އެވެ.

އިޓަލީގެ ލާޒިއޯ މޮޅުވީ އޮސްޓްރިއާގެ ސަލްޒްބާގް އަތުން 4-2 އިންނެވެ. ލާޒިއޯގެ ދަނޑުގައި ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ލާޒިއޯ އިން ފުރަތަމަ ލަނޑު ޖެހި އެވެ. މި ގޯލް ޖަހައިދިނީ ސެނަޑް ލުލިޗެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަލްޒްބާގުގެ ވަލޮން ބެރިޝާ ވަނީ ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން 49 ވަނަ މިނެޓުގައި ލާޒިއޯ އަށް އަލުން ލީޑު ނަގައިދިނީ މާކޯ ޕަރޯލޯ އެވެ. އެކަމަކު 71 ވަނަ މިނެޓުގައި މިނަމިނޯ ވަނީ ސެލްޒްބާގަށް އަލުން އެއްވަރުކޮށްދީފަ އެވެ. އޭގެ ފަހުން ލާޒިއޯ އިން ވަނީ ފެލިއްޕޭ އެންޑަސަން އާއި ޗީރޯ އިމޮބިލޭގެ ގޯލްތަކުން ތަފާތު ބޮޑުކޮށްލައިފަ އެވެ.

ފްރާންސްގެ ވަރުގަދަ ޓީމެއް ކަމަށްވާ އޮލިމްޕިކް މާސޭ އަތުން އަމިއްލަ ދަނޑުގައި ޖަރުމަނުގެ އާރްބީ ލީޕްޒިގް ކުރި ހޯދީ 1-0 އިންނެވެ. މި މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލް 45 ވަނަ މިނެޓުގައި ޖެހީ ޓިމޯ ވާނާ އެވެ.