Roadha Mihaaru
ނަޝީދަށް ފޮނުވާލި ތީރު މުންދުގެ ލޮލަށް!

ނަޝީދަށް ފޮނުވާލި ތީރު މުންދުގެ ލޮލަށް!

14 ސެޕްޓެމްބަރ 2017

ހައްޔަރު ކުރަން ޖެހިއްޖިއްޔާ، ލަންކާގެ މަގުމައްޗަށް އަމިއްލަ އަށް ނުކުމެގެން ވިޔަސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރާނެ ކަމަށް ލަންކާ އަށް ކަނޑައެޅުއްވި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވުމުން އޭނާ އަށް ޑިޕްލޮމެސީ އެނގޭ މިންވަރާ މެދު ސުވާލު އުފައްދަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހައްޔަރު ކުރަން ޖެހިއްޖިއްޔާ، ލަންކާގެ މަގުމައްޗަށް އަމިއްލަ އަށް ނުކުމެގެން ވިޔަސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރާނެ ކަމަށް ލަންކާ އަށް ކަނޑައެޅުއްވި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވުމުން އޭނާ އަށް ޑިޕްލޮމެސީ އެނގޭ މިންވަރާ މެދު ސުވާލު އުފައްދަން ފަށައިފި އެވެ.

ދިގު މުއްދަތުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް އެ ގައުމުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު ސިޔާސީ މަސައްކަތްތައް ހިންގަވަން ވަރަށް ގިނައިން ސްރީ ލަންކާ އަށް ވަޑައިގަންނަވަ އެވެ.

ސަން ޓީވީގައި ވާހަކަ ދައްކަވަމުން، ނަޝީދުގެ މިދަތުރުފުޅުތަކަށް އިޝާރާތް ކުރައްވައި މުންދު ވިދާޅުވެފައި ވަނީ ނަޝީދު ކޮންމެ ތަނަކު ހުއްޓަސް ހައްޔަރުކުރެވޭނެ ކަމަށާއި ސްރީ ލަންކާ އިން އެކަން ކުރަން މާ ފަސޭހަވާނެ ކަމަށެވެ. އެއީ ލަންކާ އާއި ރާއްޖެއާ މެދު ހަދާފައިވާ ދެ މުއާހަދާއެއްގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ.

"ކަމާބެހޭ މުއައްސަސާއަކުން ހަމަ ވިދާޅުވާންވީ މިވެނި މީހަކު އެއީ މިހާރު ހޯދާލަންޖެހޭ މީހެކޭ. ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރަން އަންގައިފިއްޔާ އަޅުގަނޑު އަމިއްލަޔަށް މަގުމައްޗަށް ނުކުމެ ހޯދައިގެން ވެސް [ނަޝީދު] ގެންނާނަން،" މުންދު ވިދާޅުވި އެވެ.

މުންދު މިހެން ވިދާޅުވުމާ އެކު އޭނާ އަށް ސޯޝަލް މީޑިއާގައި ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މީގެއިތުރުން މުންދުގެ މި އިންޓަވިއު، ބައިނަލްއަގުވާމީި މީޑިއާގެ ސަމާލުކަމަށް އައިސް، ބައެއް ނޫސްތަކުން ވެސް ވަނީ ފާޑުކިޔައިފަ އެވެ.

ދިވެހިރާއްޖޭގެ ގާނޫނު، އެހެން ގައުމެއްގައި ތަންފީޒު ނުކުރެވޭނެ ކަން މުންދަށް އެނވަޑައިނުގަންނަވަނީތޯ ބައެއް މީހުން ސުވާލުކުރަމުންދާއިރު ސަފީރުގެ ޒިންމާ މުންދު ދަސްކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.

މުންދުގެ ވާހަކަތައް ކުށްވެރިކުރައްވައި، އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލް އަމާލް ކްލޫނީ ވިދާޅުވީ ލަންކާގައި ހުންނަވަނިކޮށް ނަޝީދު ހައްޔަރުކޮށްގެން ގެންދިއުން ބައިނަލްއަގްވާމީ ގާނޫނުތަކުގެ އިތުރުން، އެ ގައުމުގެ ޖިނާއީ ގާނޫނާ ވެސް ހިލާފުވާނެ ކަމަށެވެ. އަދި އަސްލެއް ނެތް ކަމެއްގެ މައްޗަށް ހިންގާފައިވާ ޝަރީއަތަކުން އިއްވާފައިވާ ހުކުމެއް ތަންފީޒު ކުރައްވަން ނަޝީދު ރާއްޖެ ވަޑައިގަންނަވަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ ގައުމުތަކަށް ކަނޑައަޅާ ސަފީރުން އަމަލުކުރައްވަން ޖެހިވަޑައިގަންނަވާނީ އެ ގައުމުތަކުގެ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ. ގާނޫނުތަކާ ޚިލާފަށް މަގުމައްޗަށް ނިކުންނަވައި މާރާމާރީ ހިންގަވައި މީހުން ހައްޔަރުކުރުމަކީ ސަފީރުންނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމަކުން ފޮނުއްވާ ސަފީރަކު އެ ގައުމެއްގެ ގާނޫނުތަކާ ޚިލާފަށް މަގުމަތީގައި މާރާމާރީ ހިންގަވައި މީހުންގެ ގަޔަށް ބޮލައި އަރައިގަތުމަކީ ރަނގަޅު ގޮތެއް ނޫން. ކޮންވެންޝަންގެ ދަށުން ސަފީރުންނާއި ޑިޕްލޮމެޓިކް އެޖެންޓުންނަށް ދީފައިވާ ހައްގުތަކާ ވެސް ޚިލާފު ކަމެއް، ޑިޕްލޮމެޓިކް އުސޫލްތަކާ ވެސް ޚިލާފު ކަމެއް،" ޝާހިދު ވިދާޅުވި އެވެ.

ގައުމުތަކަށް ސަފީރުން ކަނޑައަޅަނީ އެއް ގައުމެއްގެ ވެރިއެއްގެ ފަރާތުން އަނެއް ގައުމެއްގެ ވެރިއަކަށް ބަސް ރައްދު ކޮށްދެއްވުމަށެވެ. އެމްބަސީއެއް ހިންގަނީ ސަފީރު ފޮނުވާ ގައުމުގައި ތިބޭ ރައްޔިތުންނަށް އެހީވެ، ރައްޔިތުންނާ ގުޅޭ ކަންކަންކޮށް، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ އިތުރުން ވިޔަފާރީގެ ގުޅުން ފަދަ ކަންކަން ކުރިއެރުވުމެވެ.

ޝާހިދު ވިދާޅުވީ ގައުމުތަކަށް ކަނޑައަޅުއްވާ ސަފީރުން ބަސްމަގު ގެންގުޅުއްވަން ޖެހިވަޑައިގަންނަވާނީ ވަކި އުސޫލެއްގެ ތެރެއިން ކަަމަށެވެ.

"މުންދަށް މެހްމާންދާރީ އަދާކުރާ ސްރީ ލަންކާ އަށް ވަޑައިގެން ހުންނަވައި އެ ގައުމުގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ އުސޫލްތަކާ ޚިލާފަށް އަމަލުކުރާނެ ކަަމަށް ވިދާޅުވުން އެއީ ވަރަށް ހުތުރު ކަމެއް. މުންދޫދު ކަމެއް ކުރައްވަން ބޭނުންފުޅުވާ ނަމަ ސްރީ ލަންކާގެ ސަރުކާރަށް އަންގަވަން ޖެހިވަޑައިގަންނަވާނީ. އޭގެ ބޭރުން މަގުމައްޗަށް ނިކުމެ ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރުމުގެ ބާރެއް ނޯންނާނެ،" ޝާހިދު ވިދާޅުވި އެވެ.