Roadha Mihaaru

ވެރިކަން ވައްޓާލަން އުޅެނީ ލަންކާ ސަރުކާރު އަޑީގައި އޮވެގެން: ރިޔާޒް

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި އެހީތެރިވެ، އެކަމުގެ އަޑީގައި އޮތީ ސްރީ ލަންކާ ސަރުކާރު ކަމަށް ވިދާޅުވެ، ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު އެ ގައުމަށް ފާޑު ވިދާޅުވެއްޖެ އެވެ.

ވެރިކަން ވައްޓާލަން އުޅުމުގެ އަޑީގައި ލަންކާ: ރިޔާޒް
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

08 ނޮވެމްބަރ 2017

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި އެހީތެރިވެ، އެކަމުގެ އަޑީގައި އޮތީ ސްރީ ލަންކާ ސަރުކާރު ކަމަށް ވިދާޅުވެ، ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު އެ ގައުމަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކެއްގެ ތަފްސީލް ދެއްވަމުން ރިޔާޒް "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި ލަންކާ ސަރުކާރުގެ މަދަދު ލިބެމުން އަންނާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒް ވިދާޅުވީ ރާއްޖޭގައި ކުރިން އުފެދިފައި ހުރި ވެރިކަންތައް ބަދަލުކުރުމަށް ދިވެހިންގެ ތެރެއިން ބަޔަކު މަސައްކަތް ކުރި ކަން ދިވެހި ތާރީހުން ފެންނަން އެބައޮތް ކަމަށެވެ. އަދި މިއަދު ވެސް ފެނިގެންދަނީ ބޭރު ގައުމުތަކުގައި ތިބެގެން ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރާ މަންޒަރު ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ސްރީލަންކާގެ ރައީސް ސިރިސޭނާއާ ކުރީގެ ރައީސް ނަޝީދު ބައްދަލު ކުރައްވަނީ-- ފޮޓޯ/ ޓްވިޓާ

ސްރީލަންކާގެ ރައީސް ސިރިސޭނާއާ ކުރީގެ ރައީސް ނަޝީދު ބައްދަލު ކުރައްވަނީ-- ފޮޓޯ/ ޓްވިޓާ

ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅެނީ ލަންކާ ސަރުކާރުގެ ވެރިން އަޑީގައި ތިއްބަވައިގެން ކަމަށާއި މިއީ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ގައުމުގައި އަނެއްކާ ވެސް މިފަދަ ކަމެއް ކުރުވަން ޖާގަ ދޭ ކަން ހިތާމައާ އެކު ފާހަގަކޮށްލަން ބޭނުން. ދިވެހި ކޮންމެ ރައްޔިތަކު މިކަމާ ކަންބޮޑުވާނެ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ފާހަގަކުރެއްވި ގޮތުގައި ލަންކާގައި ގިނަ އަހަރުތަކެއް ވަންދެން ހިނގި ދާހިލީ ހަނގުރާމައާ ގުޅިގެން އެކަމުގެ ގެއްލުން ލިބުނީ ލަންކާގައި ދިރިއުޅޭ މީހުންނަށެވެ. އަދި އެ ފަދަ ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ރާއްޖެ ވައްޓާލަން ލަންކާ ސަރުކާރު ބޭނުންވަނީތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"ގިނަ އަހަރުތަކެއް ވަންދެން ލަންކާގައި ހަނގުރާމަ ކުރީމަ، އެކަމުން އެ ގައުމަށް ކުރި ނޭދެވޭ އަސަރާއި ގެއްލުން އެ މީހުންނަށް އިހްސާސް ކުރެވޭނެ. އެފަދަ ކަމެއް ލަންކާ ސަރުކާރުން އެދިގެން ނުވާނެ އެހެން ބަޔަކަށް. އެކަމަކު މި ފެންނަނީ އެ މަންޒަރު. ރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް ލަންކާ ސަރުކާރުން ވާގިވެރިވަނީ،" ރިޔާޒް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒް ވިދާޅުވި ގޮތުގައި ރާއްޖެ އަށް އަންނަ ތަރައްގީ ފެނިފައި އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ގައުމުތައް ވަރަށް ބޮޑަށް ކަންބޮޑުވެ އެވެ. އަދި ދިވެހި ގައުމު މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތީ އެކަމަށް ދިވެހިން ބޭނުންވާތީ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"މުހައްމަދު އަމީންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރީ ކޮން ބައެއް ކަން އެބަ އެނގޭ. އިބްރާހިމް ނާސިރުގެ ވެރިކަން ބަޣާވާތަކުން ވައްޓާލަން މަސައްކަތް ކުރީ ކޮން ބައެއް ކަން އެނގޭ. ރައީސް މައުމޫންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރީ ކޮން ބައެއް ކަން އެނގޭ. މިއީ އެއް އާއިލާއަކުން ކޮށްފައި ހުރި މަސައްކަތް،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލާ އަށް އިޝާރާތް ކުރައްވައި ރިޔާޒް ވިދާޅުވި އެވެ.

ޓެރަރިޒަމް ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން ހިމާޔަތް ހޯއްދެވި ފަހުން، އެމްޑީޕީގެ ބޮޑެތި ހަރަކާތްތައް ހިންގަނީ ލަންކާގަ އެވެ. އެހެންވެ، ގިނަ ބަޔަކު ބުނާ ގޮތުގައި ލަންކާ އަކީ އެމްޑީޕީގެ "ކިއްލާ" އެކެވެ. ނަޝީދު ވެސް ގެންދަވަނީ އެ ގައުމަށް ދޭތެރެ ދޭތެރެއިން ވަޑައިގެން ބައެއް ބައްދަލުވުންތައް ބާއްވަވަމުންނެވެ.

އެކަމަކު، ލަންކާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ބުނާ ވާހަކަތައް، ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ދޮގުކުރައްވަ އެވެ. މިދިޔަ މަހުގެ ފަހުކޮޅު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވި ގޮތުގައި ލަންކާގައި އެމްޑީޕީ އަށް ވުރެ ޕީޕީއެމް ވަރުގަދަވެ، ޕީޕީއެމްގެ ހަރަކާތްތަކުގައި ގިނަ ބަޔަކު ބައިވެރިވަމުން އެބަދެ އެވެ.

އެމްޑީޕީ ސަރުކާރުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން މިހާރު ތިއްބެވީ ލަންކާ އަށް އަމިއްލަ އަށް އަރުވާލެއްވިގެންނެވެ. އޭގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމާއި މަޖިލީހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ފަދަ ބޭބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި މަޖިލީހުގެ މެމްބަރުކަން ކުރެއްވި ކުރީގެ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ތިއްބެވީ ލަންކާގަ އެވެ. މީގެ ތެރެއިން ބައެއް ބޭފުޅުންގެ ޕާސްޕޯޓު ދިވެހި ސަރުކާރުން ވަނީ ހިފަހައްޓައިފަ އެވެ.

ޕީޕީއެމް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒް (ވ-2) ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު

ޕީޕީއެމް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒް (ވ-2) ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު

ރިޔާޒް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ލަންކާގައި ތިބެގެން ދިވެހިންގެ މުސްތަގުބަލާއި މިނިވަންކަމަށް ލޮޅުން އަރުވަން މަސައްކަތް ކުރާ ކަމަށް ބުނުމުގެ ޖާގަ އެބައޮތް ކަމަށެވެ. އަދި ދިވެހި ގައުމު މިނިވަންކަން މަތީ ބޭއްވުމަށް ދިވެހިން ފަރުދީ ހައިސިއްޔަތުން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގެ އުތުރުގައި ވަކި ސަރުކާރެއް އުފެއްދުމަށް ލަންކާ ސަރުކާރާ ދެކޮޅަށް ތަމަޅަ ޓައިގަރުން ހަނގުރާމަ ފެށީ 1983 ގަ އެވެ. އަދި މަހިންދަ ރާޖަޕަކްސާގެ ވެރިކަމުގައި ހަނގުރާމަ ނިމުމަކަށް ގެނައީ މެއި، 2009 ގަ އެވެ. ހަނގުރާމައިގެ ފަހު ދުވަސްވަރު 40،000 މީހުން މަރާފައިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ދިގު ހަނގުރާމައިގައި 65،000 މީހުން ގެއްލިފައިވާ ކަމަށް ލަންކާ އިން ވަނީ ބުނެފަ އެވެ.